
މި ނިންމުމާއެކު ހޮލެންޑް ފެޑެރޭޝަނުން ބުނީ އެއްވެސް ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ނުދޭނެ ކަމަށާއި އަދި އެއްވެސް ޓީމެއް ރެލިގޭޓްވެސް ނުވާނެ ކަމަށެވެ. މި ނިންމުމުގެ ކުރިން ހޮލެންޑް ފެޑެރޭޝަނުންވަނީ ކްލަބުތަކާއި އައި ޔުއެފާއާ މަޝްވަރާކޮށްފަ އެވެ.
ލީގު ނިންމާލިއިރު އެއްވަނައިގަ އޮތީ އަޔަކްސް އެވެ. އަޔަކްސް އެއްވަނައިގަ އޮތީ ދެ ވަނައިގައި އޮތް އޭޒެޑް އަލްކްމާރްއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ނަމަވެސް ލަނޑުގެ ތަފާތުންނެވެ. ފެޑެރޭޝަނުގެ ނިންމުމާ އެކު އަޔަކްސްއަކަށް ވެސް އަދި އަލްކްމާރްއާއަކަށް ވެސް ލީގެއް ނުލިބޭނެ އެވެ. އެއީ ޗެމްޕިއަން ޓީމެއް ކަނޑަނާޅަން ފެޑެރޭޝަނުން ނިންމާފައިވާތީ އެވެ.
ހޮލެންޑުގެ ފުޓްބޯޅަ ލީގު ކެންސަލް ކުރަން ފެޑެރޭޝަނުން ނިންމިއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އެ ގައުމުގައި ބޮޑު އެއްވެސް އިވެންޓެއް ބޭއްވުން މަނާކޮށްފައި އޮތް އޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ.