ads
ޝަކުވާ
ޝަކުވާ
ބޭއިޚްތިޔާރުގައި އަޅައިގެން ހުރި ގަދަ ނޫކުލައިގެ ޝޯލް ނަވްޔާއަށް ރަނގަޅުކޮށްލެވުނެވެ. ނަވްޔާގެ މޫނަށް ފިޔާތޮށިކުލަ ވެރިވިއެވެ. ރައްދުދޭން އަނގަ ހުޅުވާލަން އުޅެނިކޮށް އިމާޒު އަވަސްއަވަހަށް ނުކުމެގެން ހިނގައްޖެއެވެ. ނަވްޔާއާ އިމާޒު މުޚާތަބުކުރި ނަން ފާހަގަ ކުރެވުނީ ދެނެވެ.
Advertisement

37 ވަނަ ބައި (ޝަކުވާ)

އެ ރޭ ނިދަން އޮށޯވެ އޮތް އިރު ވެސް އިމާޒު ބުނި ޖުމްލަ ނަވްޔާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. އެންމެ ފަހުން ނުނިދިގެން ތެދުވެ، އަލަމާރި ކައިރިއަށް ގޮސްފައި ތަޅުލާފައިވާ ވަތްގަނޑެއް ހުޅުވިއެވެ. ނަވްޔާގެ ސަމާލުކަން ހުއްޓުނީ ވަތްގަނޑުގެ ތެރޭގައި އޮތް ފެހިކުލައިގެ މަހުމާޖެހި، ކުޑަ ފޮއްޓަކަށެވެ. ނަވްޔާ އެ ފޮށި ނެގުމަށް ފަހު އެނބުރި އެނދަށް އައީ ދެ ފިކުރުގެ މަތީގައި ހުރެގެންނެވެ. ލަސްލަހުން ނަވްޔާ އެ ފޮށި ހުޅުވައިލިއެވެ. އޭގެ ތެރޭގައި އޮތީ ފިރިހެނުންގެ އަތުގަ އަޅާ ކަހަލަ ކެވެލި ކޮޅެކެވެ. މީގެ އެތަކެއް އަހަރު ކުރިން ޕާޓީތެރޭގައި އެ އެތިކޮޅު އަޅައިގެން ނަވްޔާއާ ވާހަކަދައްކަން ހައްޔާން އިން މަންޒަރު ސިފަވިއެވެ.

"ނައްޔަ! ލޯ ހުޅުވަބަލަ." އެ ރޭ ނަވްޔާ ހޭ ނެތެމުން ދަނިކޮށް އިވުނު ޖުމްލަ ނަވްޔާގެ ހަނދާނަށް އައެވެ. ވިސްނުމަކަށް ގެއްލިފައި އެތައް އިރަކު ނަވްޔާ އިނެވެ.

************

ދޮރުގައި ޓަކި ޖަހައިލުމާ އެކު ނަވްޔާގެ ކެބިންއަށް އިމާޒު ވަނެވެ. ނަވްޔާގެ މޫނުގެ ކުލަވަރު ފެނުމާ އެކު ބޭރަށް ނުކުމެފައި އަލުން ޓަކި ޖެހިއެވެ. ނަވްޔާގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ފާޅުވިއެވެ. ކުޑަކޮށް ދޮރު ހުޅުވައިލުމަށް ފަހު ނަވްޔާގެ އިޝާރާތެއް ލިބޭތޯ އިމާޒު މި ފަހަރު މަޑުކޮށްގެން ހުއްޓެވެ. ނަވްޔާގެ ހުއްދަ ލިބުމުން ވަދެފައި މައާފަށް އެދުނެވެ.

"ސޮރީ މޭމް، ކަށީގައި ހިފާފައި ހުންނަ އާދަ ނުފިލަނީ." އިމާޒު ބުންޏެވެ.

އަޒްކާގެ ކޮޓަރިއަށް އެ ގޮތަށް އިމާޒު ވަންނަ ދުވަސްތައް މަތިން ހަނދާންވެފައި ނަވްޔާއަށް އިނދެވުނެވެ. އިމާޒު ކަރުކެހިލުމުން ނަވްޔާ ދިޔައީ ސިހިގެންނެވެ. ނަމަވެސް ދާދި އަވަހަށް ހަމަޖެހިލުމަށް ފަހު އިމާޒު ކައިރީގައި އިށީނުމަށް ބުންޏެވެ. އިމާޒު ގެނެސް ދިން ފައިލް ބަލަން އިން ނަވްޔާ އިސްއުފުލައިލި ވަގުތު އިމާޒާ ހަތަރުކަޅި ހަމަވިއެވެ. ނަވްޔާގެ މެއަށް ފިނިވެލިއެވެ.

"އިމާޒު ދެން ދިޔަޔަސް އެންމެ ރަނގަޅު." ނަވްޔާ ބުންޏެވެ.

އިމާޒު ތެދުވެފައި ދާން ހިނގައިގަތެވެ. އެކަމަކު ވަކި ހިސާބަކަށް ގޮސްފައި ހުއްޓުނެވެ.

"ނަވްޔާ! ބައްޕައާއި އަޒްކާގެ ހާލު ވެސް އަހާ ނުލާނަންތަ؟" އިމާޒު އެހިއެވެ.

ހިނދުކޮޅަކަށް ނަވްޔާގެ މޫނުގެ ކުލަ ފަނޑުވިއެވެ.

"އެ މީހުންނަށް ޓަކައި އަހަރެންނަކީ ނެތް މީހެއް. މާޒީ ހަނދާން ކުރާކަށް އަހަރެން ނެތިން. އިމާޒު ވެސް މާޒީގެ ވާހަކަތައް ތަކުރާރު ނުކުރާނެ ކަމަށް ހީކުރަން." ނަވްޔާ ޖަވާބު ދިނެވެ.

ނަވްޔާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިމާޒު ހުއްޓެވެ. ނަވްޔާގެ މޫނުން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އިމާޒު ދިޔުމުން ގޮނޑީގެ ފަހަތު ބައިގައި ލެގިލުމަށް ފަހު ނަވްޔާ ލޯ މަރައިލިއެވެ. ކަރުނައިގެ ދިލަކަން އިހުސާސް ކުރެވުނު ނަމަވެސް އެ މީހުންނަށް ޓަކައި ދެނެއް ނަވްޔާ ކަރުނައެއް ނާޅާނެއެވެ.

އެ ދުވަހުގެ ފަހުން މާޒީގެ އެއްވެސް ވާހަކައެއް އިމާޒު ނުދައްކައެވެ. ނަމަވެސް ދޭތެރެއަކުން އިމާޒުގެ ނަޒަރު ނަވްޔާއަށް ހުއްޓޭކަން ނަވްޔާއަށް އެނގެއެވެ. އިމާޒުގެ މަސައްކަތުގެ އަޚްލާގާއި ހަރުދަނާކަން ފެނިފައި ބައެއް ފަހަރު ނަވްޔާ ހައިރާންވެސް ވެއެވެ. ދުވަހަކު ވެސް ގަޑިއެއް ނުޖެހެއެވެ. ބޭކާރު ގޮތުގައި ވަގުތު ހޭދަކުރާތަނެއް ނުފެނެއެވެ. އިމާޒުގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން ވެސް އިމާޒަށް އިޚްތިރާމް ކުރެއެވެ. ދުވާލުގެ ވަގުތުތައް ބޭކާރު ގޮތުގައި މަޖަލާއި ސަކަރާތުގައި ހޭދަކުރި ޒުވާނާ ކޮބާބާވައޭ ނަވްޔާ ހިތަށްއަރައެވެ. އިމާޒުގެ މަސައްކަތް ފުރިހަމަ ކަމުގައި ވީ ނަމަވެސް އިމާޒާ ހެދި ނަވްޔާގެ މަސައްކަތަށް ބުރޫ އަރައެވެ. އިމާޒު ގެ ބެލުން ތަކުން ނަވްޔާގެ ހިތުގެ ވިންދު އަވަސްވެ، އަތްފައި ފިނިވެއެވެ. އެ ބެލުމުގައިވާ އަސަރުން ނަވްޔާގެ ހިތުގެ ލަގަން ދޫވަނީ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ދޭތެރެއަކުން ބުނެލާ ޖުމްލަތަކުން އިމާޒުގެ އަސްލު ސަކަ މިޒާޖު ފާޅުވެލައެވެ. ގޭގައި އުޅޭ އިރު ވެސް އިމާޒުގެ ޚިޔާލަށް ގެއްލިފައި ނަވްޔާއަށް އިނދެވެއެވެ. އިމާޒަށް މަނާކުރި ނަމަވެސް ބޮޑުބެމެންގެ ވާހަކަ އިމާޒު ދައްކާނެ ނަމައޭ ހިތަށްއަރައެވެ.

**********

މުޅި ހިސާބަށް ފެތުރިފައިވަނީ ކުޑަކުދިންގެ ހުނުމާއި ސަކަރާތުގެ އަޑެވެ. ދުވެދުވެފައި އުޅޭ ކުދިންތަކާ ދިމާއަށް ބަލަން އަޒްކާ އިނެވެ. އެ ކުދިންގެ މޫނުމަތީގައިވާ ހިނިތުންވުން ފެނިފައި އަޒްކާގެ ހިތަށް ފިނިކަން ލިބެއެވެ. ދޭތެރެއަކުން ކުޑަކުދިންގެ ބަގީޗާއަށް އަޒްކާ އާދެއެވެ. އަމިއްލަ ދިރިއުޅުމުގައި ދިމާވެފައިވާ ހިތްދަތިކަމާއި މާޔޫސްކަމުން ދުރުވެވޭ ވަގުތުކޮޅަކަށް އެ ވަގުތުކޮޅުތައް ވެއެވެ.

ދުވެދުވެފައި އުޅުނު ކުދިންތަކުގެ ތެރެއިން ފިރިހެން ކުއްޖެއް އަޒްކާގެ ލޮލުގައި އަޅައިގަތެވެ. ދަންނަ ވައްތަރު ޖަހާ ލޯބިލޯބި މޫނުކޮޅެކެވެ. ނޭނގޭ ސަބަބަކާއި ހެދި އަޒްކާގެ ހިތް ތެޅެން ފެށިއެވެ. ބޭއިޚްތިޔާރުގައި އެ ކުއްޖާއާ ދިމާއަށް އަޒްކާއަށް ހިނގައި ގަނެވުނެވެ. އެ ވަގުތު އެ ކުއްޖާގެ ފަހަތުން ދުވަމުން އައި ބޮޑު އަންހެންކުއްޖެއް ވެސް އަޒްކާއަށް ފެނުނެވެ. ހީވާ ގޮތުން ކުޑަކުއްޖާ އެ ދުވަނީ އަންހެންކުއްޖާގެ އަތުގައި ނުޖެހޭންވެގެންނެވެ.

"އަކޫއާ ރުޅި. ދޮންތި މި ދަނީ ގެއަށް ދެން." ވަކި ހިސާބަކުން ދުވުން ހުއްޓާލައިފައި މިޝާ ބުންޏެވެ.

އަކްޔަންއަށް އިވުނު ކަމަކަށް ނުވިއެވެ. ފަހަތް ބަލަމުން ދުވަން ހަދައިގެން ގޮސް އަޒްކާއާ މުޑިއެރިއެވެ. އަކްޔަން ވެއްޓުނަ ނުދީ އަޒްކާ ހިފެހެއްޓިއެވެ.

"ސޮރީ ދައްތާ." އަކްޔަން ބުންޏެވެ.

"އިޓްސް އޯކޭ." އަޒްކާ ބުންޏެވެ.

"ކޮއްކޮއަށް ކިޔަނީ ކޮން ނަމެއްތަ؟"

"އަކޫ."

"އަކޫ، ހިނގާ ދާން. މިހާރު ވަރަށް ލަސް ވެއްޖެ. އެ ދައްތައަށް ސޮރީ ބުނެފިންތަ މިހާރު؟" އެ ވަގުތު މިޝާ އައިސް އަކްޔަންގެ އަތުގައި ހިފަމުން ބުންޏެވެ.

"ދައްތަ ބުނީ އިޓްސް އޯކޭ އޯ. ދޯ ދައްތާ." އަކްޔަން ބުނެލިއެވެ.

އަޒްކާ ހިނިއައިސްފައި ބޯ ޖަހައިލިއެވެ. އަޒްކާއަށް ހިނިތުން ވެލުމަށް ފަހު އަކްޔަންގެ އަތުގައި ހިފައިގެން، ދޫނިތަކަށް ބަލަން ހުރި މާކިންއާ ދިމާއަށް މިޝާ ހިނގައިގަތެވެ. އެ މީހުން ދާ ތަން ބަލަން އަޒްކާއަށް ހުރެވުނެވެ. އަކްޔަން ގެނެސް މޭގައި ޖައްސައިލަން ބޭނުންވީ ކީއްވެކަމެއް އަޒްކާއަކަށް ނުވިސްނުނެވެ. ނޭނގި ހުއްޓާ އަޒްކާގެ ލޯ ތެމުނެވެ.

**********

"ދޮންބޭ، ކޮން އިރަކުން އަންނާނީ؟"  ފޯނުން ނަވްޔާ ވާހަކަދައްކަމުން ދިޔައީ އާމިރު އާއެވެ.

"ނަވްޔާ ހަމަ ހިތަށް އަރުވާލާ އިރަށް ހުންނާނީ ތި ގޭގައި." އާމިރު ބުންޏެވެ.

"ވަޓް؟"

އާމިރު ހީނގަތެވެ.

"އަޅެ ފައިބަ ބަލަ ތިރިއަށް."

އަވަސްއަވަހަށް ގޭތެރޭގައި އަޅައިގެން އުޅޭ ބުރުގާ އެޅުމަށް ފަހު ނަވްޔާ ތިރިއަށް ފޭބިއެވެ.

ތިރީ ސިޓިންގްރޫމްގައި އާމިރުއާއި ސުނާނާ އަދި އެމީހުންގެ ކުދިން ތިއްބެވެ. ނަވްޔާގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ.

"ސަޕްރައިޒް." ރިއާ އައިސް ނަވްޔާގެ ގައިގައި ބައްދައިލިއެވެ.

"ކޮބާ ނަވްޔާ ހައިރާންވެއްޖެ ދޯ." އަމީނާ އެހިއެވެ.

"މާމައަށް އެނގޭ؟" ނަވްޔާ އެހިއެވެ.

އަމީނާ ހިނިއައިސްފައި ހުއްޓެވެ. އާމިރު ވެސް ނަވްޔާގެ ބޮލުގައި ފިރުމައިލުމަށް ފަހު ހެޔޮ ދުއާކުރިއެވެ. ސުނާނާ ވެސް ނަވްޔާގެ ގައިގައި ބައްދައިލިއެވެ.

"ކޮބާ ކުދިވެރިން؟" ފަރިތަކަމާ އެކު ދިވެހި ބަހުން ސުނާނާ އެހިއެވެ.

އެ ވަގުތު ދޮރު ހުޅުވާލައިފައި މިޝާމެން ވަނެވެ.

"ދޮންބޭ!" އަކްޔަން ގޮސް އާމިރުގެ ގައިގައި އޮޅުލައިގަތެވެ.

މިޝާއާއި މާކިންއާ ދެ ކުދިން ވެސް އާމިރުމެން ފެނުމުން ތިބީ އުފަލުންނެވެ. އާމިރު ގެ ދެވަނަ ދަރިފުޅު ރައިނީއާއި މިޝާއާ ދެ ކުދިންނަކީ ދާދި އެއް އުމުރުގެ ދެ ކުދިންނެވެ. އެންމެ ހަގަށް ހުންނަ ރާފިލް މާކިންއަށް ވުރެ އެއް އަހަރު ދޮށި ނަމަވެސް ރާފިލް އައިސްފިއްޔާ ދެ މީހުން ވަކި ނުވާނެއެވެ. އެންމެން އެއްކޮށް ސައިބޯން ތިބި އިރު ކުދިވެރިންގެ ވާހަކަ ހުސްނުވެއެވެ. ރިއާއާ ވާހަކަދައްކަން އިން ނަވްޔާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރި ހިނިތުންވުން ފެނިފައި އާމިރަށް ވެސް ހިނިތުން ވެލެވުނެވެ. ނަވްޔާ ވައްތަރީ ނިހާޔާއާ ކަމުގައި ވިޔަސް އެ ހިނިތުންވުން ފެނުމުން އަޚްތަރުގެ ހަނދާންތައް އަބަދުވެސް އާވެއެވެ.

*********     

ސުލައިމާނަށާއި އަމީނާއަށް ލިބުނީ އެއްމާބަނޑު ދެ ކުދިންނެވެ. އާމިރާއި އަޚްތަރެވެ. އެކަކު އަނެކަކަށް ލަނޑުދީ، ސަކަރާތް ޖަހާ ހެދުމުގެ ތެރޭގައި ޅައިރު ފަހަނައަޅައި ގޮސް ޒުވާންކަމުގެ ހަރުފަތަށް ވާސިލު ވެވުނު އިރެއް ވެސް ނޭނގުނެވެ. ނޭނގި ތިއްބާ ދިރިއުޅުމުގެ މަސްއޫލިއްޔަތުތައް އުފުލަން ޖެހުނު ކަހަލައެވެ. ކިޔަވައި ނިމިގެން، ބައްޕަ އެދުނު ފަދައިން އާމިރު ކުންފުނީގައި މަސައްކަތް ކުރަން ފެށިއެވެ. އެކަމަކު އަޚްތަރު ބޭނުންވީ އަދި ވެސް ހިތް އުފާކޮށްލާށެވެ. ކިޔެވުމުގައި އެ ހުރިހާ ދުވަސް ހޭދަކޮށްފައި ސިކުނޑިއަށް ވެސް ލުއެއް ދޭން ވާނެ ނޫންހޭ ބުންޏެވެ. ވަޒީފާއަށް ނުކުތުމުގެ ކުރިން ރާއްޖެތެރެއަށް ގޮސްލަން އަޚްތަރު ބޭނުންވިއެވެ. އެ ގޮތް މި ގޮތުން އަޚްތަރު އަމީނާ ރުއްސިއެވެ. އަމީނާ ރުހިއްޖެ ނަމަ ސުލައިމާން ވެސް ދީލައިލާނެކަން އަޚްތަރަށް އެނގެއެވެ.

އެއީ އާމިރު ނުލާ އަޚްތަރު ކުރި ހަމައެކަނި ދަތުރެވެ. ހަފްތާއަކަށް ދިޔަ މީހާ އައީ ދެ މަސް ފަހުންނެވެ. ކޮންމެ ފަހަރަކު ވެސް މަޑުކުރަން ކޮންމެ ވެސް ބަހަނާއެއް އަޚްތަރު ދައްކައެވެ. އެކި ރަށްރަށަށް ޒިޔާރަތް ކުރަނީ ކަމުގައި ބުނެއެވެ. މާލެ އައި އިރު އަޚްތަރުގެ ބަދަލުވެފައިވާ މިޒާޖު އާމިރަށް ފާހަގަކުރެވުނެވެ. އަޚްތަރުގެ މޫނުން ފެންނަމުން ދިޔައީ ތަފާތު ވިދުވަރެކެވެ. ދެ މީހުން އެކަނިވުމުން އަޚްތަރު އާމިރުގެ ގައިގައި އޮޅުލައިގަތެވެ. އަތްދަބަހުން ފޮޓޯއެއް ނަގާފައި ނިކަން ހިނި އައިސްފައި ހުރެ އާމިރަށް ދެއްކިއެވެ. އަޚްތަރާ އެއްކޮށް ހުރި އަންހެންކުއްޖާ ކިތަންމެހާ ވެސް ރީއްޗެވެ. އަޚްތަރާ ނުހަނު ގުޅެއެވެ. އުފާވެރި ހިނިތުންވުމެއްގައި އަޚްތަރު ހުރި އިރު އަންހެންކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ރަކި ހިނިތުންވުމެކެވެ.

އެ ކުއްޖާއަށް ކިޔަނީ ނިހާޔާ ކަމަށާއި އަޚްތަރު ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރުމަށް ކަމަށް ބުނުމުން އާމިރު ކަންބޮޑުވިއެވެ. އެ ކަމަށް އަމީނާގެ ރުހުން ލިބުން ނާދިރު ކަމަކަށް ވާނެތީއެވެ. އޭރު އަމީނާއަކީ އާއިލާގެ އިއްޒަތާއި ގަދަރަކީ ވަކި ހަމަތަކެއްގައި ހިފަހައްޓަން ޖެހޭކަމަށް ގަބޫލުކުރި މީހެކެވެ. އާމިރު ލަފާކުރި ގޮތަށް އަމީނާއަށް އެ ޚަބަރު ދިނުމުން ވަގުތުން ދެކޮޅު ހެދިއެވެ. ފުރަތަމަ ފަހަރަށް އަމިނާއާ އަޚްތަރު އެ ރޭ ޒުވާބުކުރިއެވެ. މަންމައާއި ބައްޕަ، ރުހުން ނުދިނަސް ކައިވެނި ކުރާނެ ކަމުގައި އަޚްތަރު ބުންޏެވެ. އައި ރުޅީގައި އަޚްތަރު ނުކުމެގެން ދިޔައީއެވެ. އާމިރު ހިފަހައްޓަން އުޅުމުން ވެސް ފޮޅުވައިލާފައެވެ. އަޚްތަރު ނުކުމެގެން ދިޔަތާ ބައިގަޑި އިރު ފަހުން ލިބުނީ އެކްސިޑެންޓްވި ޚަބަރެވެ. ތެޅެމުން ފޮޅެމުން އެ މީހުންނަށް ހޮސްޕިޓަލަށް ދެވުނު އިރު އަޚްތަރު މަރާ ހަނގުރާމަ ކުރަނީއެވެ. ލިބިފައިވި މުއްސަނދިކަމާއި ގަދަރުވެރިކަމަކުން އެ މީހުންނަކަށް އަޚްތަރު ސަލާމަތެއް ނުކުރެވުނެވެ. އަމީނާގެ ބޮޑާކަމާއި ކިބުރުވެރިކަން އަޚްތަރާ އެކު ވަޅުލެވިގެން ދިޔަ ކަހަލައެވެ.

އަޚްތަރު ނިޔާވުމުން އެއްބައި ނެތި ދިޔަކަމުގެ އިހުސާސް އާމިރަށް ކުރެވެއެވެ. އަޚްތަރާއި ނިހާޔާގެ ފޮޓޯގަނޑު ފްރޭމްކޮށްފައި އޮފީހުގައި ބޭންދިއެވެ. އަޚްތަރުގެ އުފާވެރި ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު ހިތުގައި ރިހުމެއް އުފެދުނަސް އެ ފޮޓޯގަނޑުން އާމިރަށް ހިތްހަމަޖެހުން ލިބެއެވެ. އެންމެ ބޮޑަށް އަސަރުކުރީ އަމީނާއަށެވެ. ލޯބިވާ ދަރިފުޅު ވަކިވެ ދިޔައީ އަމީނާގެ ސަބަބުން ކަމުގައި ގަބޫލު ކުރެވޭތީއެވެ. ތިމާގެ ކޮށި ވިސްނުން ބަދަލުކުރަން މަޖުބޫރު ކުރުވީ އެ ކުށްވެރި އިހުސާސާއި ދުނިޔެ ދައްކައިދިން ހިތި ހަގީގަތެވެ. ކައިވެނި ކޮށްގެން އާމިރު މެލޭޝިޔާއަށް ބަދަލުވާން ނިންމުމުން އެއްވެސް ދެ ކޮޅު ހެދުމެއް ނެތި އަމީނާ އެއްބަސްވިއެވެ. އެކަމަކު ސުލައިމާން ނިޔާވުމުން އާއިލާ ގޮވައިގެން އާމިރު މާލެ ބަދަލުވީއެވެ.

އެއް ފަހަރަކު ޗުއްޓީއެއްގައި އާއިލާ ގޮވައިގެން ރިސޯޓަކަށް ދިޔަ ފަހަރަކު ފަތުރުވެރިންނާ އެކު ކައިރި ރަށަކަށް އާމިރު ދިޔައެވެ. އެ ރަށުގެ ގަދީމީ ބިނާއެއް ބަލައިލުމުގެ ނިޔަތުގައެވެ. ސުނާނާމެން ރިސޯޓްގައި މަޑުކުރީއެވެ. ރަށުގެ އެކި ތަންތަނުގެ ފޮޓޯ ނަގަމުން ދިޔަ ފަތުރުވެރިންނާ އެކު އާމިރު ވެސް އެ ރަށުގެ ފިހާރައަކަށް ވަނެވެ. އާމިރު ހުއްޓުން އެރީ ފިހާރައިގެ ތެރޭގައި ހުރި އަންހެންކުއްޖާ ފެނިފައެވެ.

"ނިހާޔާ!" އާމިރުއަށް ކިޔައިލެވުނެވެ.

ނިހާޔާގެ ތަސްވީރު އާމިރުގެ ހިތުގައި ބިންވަޅު ނެގިފައިވިއެވެ. ކުރިމަތީގައި ހުރި އަންހެންކުއްޖާއާ ނިހާޔާއަކާ އެއްވެސް ތަފާތެއް ނެތެވެ.

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް