
މިއަހަރުގެ ވެސް ރާއްޖެއިން ހައްޖަށް ދިޔައީ 1000 ހައްޖާޖީންނެވެ. ހުރިހާ ހައްޖާޖީން ވެސް މިހާރު ވަނީ މައްކާއަށް ވާސިލްވެފަ އެވެ.
ދިވެހި ހައްޖުވެރިން މައްކާއަށް ދާން ފުރަންފެށީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ. ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕު ފުރީ މިދިޔަ ހުކުރު ދުވަހު އެވެ.
ހައްޖު މިޝަންއިން ބުނީ ހައްޖުވެރިން މަޝާއިރުތަކަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ހައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާ ކަމަށެވެ.
ހައްޖަށް ދާ ދިވެހިންނަށް ވީހާ ވެސް ފަސޭހަވާނެ ގޮތަށް މިއަހަރު ވަނީ އިންތިޒާމުތައް ހަމަޖައްސައިދީފަ އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ވަނީ މައްކާއަށް ފުރާ ވަޑައިގެންފަ އެވެ.
އެކަމަކު އެ މަނިކުފާނު ވަޑައިގެންނެވީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތަކަށް، އެ ގައުމުގެ ހަރަދުގައި އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ދެކަނބަލުންނާއި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސްޕޯޓްސް މިނިސްޓަރު ޑރ. އަބްދުﷲ ރާފިއުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އޭގެ އިތުރުން ރައީސާއެކު ވަޑައިގަންނަވާ ވަފުދުގައި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފްގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ.