
ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުމީ ލަފާގައި، ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހި ގުގުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މިހާރުވެސް ރާއްޖެއަށް މޫސުން ގޯސްވެފައިވާ ކަމަށް ފާހަގަކޮށް، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓެއް ނެރެ، ގަޑިއަކު 45 މޭލަށް ވައި ގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން އިންޒާރު ދީފައިވެއެވެ. މިއަދުގެ ހެނދުނު 9:15 އިން ހަވީރު 15:00 އާ ހަމައަށް ދެމިގެންދާ ގޮތަށް ނެރެފައިވާ މި އެލާޓާއެކު، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހުޅުމީދޫއަށް ކަމަށާއި، އެގޮތުން 53.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އީދު ބަންދުގައި ނަމަވެސް، ކަނޑުދަތުރުފަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި، ވައިޖެހޭނީ އާންމު ގޮތެއްގައި އެވްރެޖުކޮށް 10 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ލަފާކުރެއެވެ.
ކޮންމެ އަހަރަކު ވެސް އީދު ބަންދާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާ ކަން ފާހަގަކޮށް، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.