
މިކަން އިއުލާނުކުރީ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ނެރުއްވި ޖޮއިންޓް ނޫސް ބަޔާނެއްގައި އެވެ. ރިޗާޑް މިހާރު ހުންނެވީ ރަސްމީ ދަތުރެއްގައި މާލޭގަ އެވެ.
ދެ ގައުމުގެ ޑިފެންސުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮސްޓްރޭލިއާއިން ފަރުމާކޮށް އެ ގައުމުގައި ބަންނަ ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު، ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރަން ނިންމުމަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.
މިނިސްޓްރީން ބުނީ އޮސްޓްރޭލިއާ އިން ހަދިޔާކުރީ ޕެޓްރޯލިން އުޅަނދު މިހާރު އޮތީ އެ ގައުމުގައި ބަނުމުގެ މަރުހަލާގައި ކަމަށާއި އެ އުޅަނދުގެ މަސައްކަތް ނިމޭނީ އަންނަ އަހަރު ކަމަށެވެ. ގާޑިއަން-ކްލާސް ޕެޓްރޯލިން އުޅަނދަކީ ރާއްޖޭގެ ކަނޑު ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާނެ ގިނަ ވަސީލްތަކެއް އެކުލެވޭނެ އެއްޗެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ އުޅަނދުގެ އިތުރުން މަލްޓި ބީމް އެކޯ ސައުންޑާއެއް ހަދިޔާކުރުމަށް ވެސް އޮސްޓްރޭލިއާއިން ވަނީ ނިންމާފަ އެވެ. ހައިޑްރޯގްރަފީގައި ބޭނުންކުރާ މި ވަސީލަތަކާ އެކު ރާއްޖެއަށް ކަނޑުއަޑީގެ ޗާޓު ކުރެހުމުގެ ގާބިލުކަން އިތުރުވާނެ އެވެ.