މިއީ، 2023 ވަނަ އަހަރު ފަހުކޮޅު މާލޭގައި ހިނގި ހާދިސާއެކެވެ. ރޭގަނޑު ދަންވަރު މަގުމަތިން ހިނގާފައި ދިޔަ މި އަންހެން ކުއްޖާގެ ފޯނު ޖަހައިގަނެގެން ފިލި މި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ދައުވާ ކުރި މީހާވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ މި ދައުވާ، އެ މީހާގެ މައްޗަށް ސާބިތުވުމުން އިއްވާފައިވަނީ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހާއަކީ ވައްކަމުގެ މައްސަލައެއްގައިވެސް ހުކުމެއް އިއްވާފައިވާ މީހެކެވެ.