
ބްރެޒިލް ޑޮކްޓަރުން ވަނީ މަހުގެ ހަން ބޭނުންކޮށްގެން، ފިހިފައިވާ މީހުންނަށް ފަރުވާދޭން ފަށާފަ އެވެ. އެގޮތުން މި ފަރުވާދިނުމަށް ޑޮކްޓަރުން ބޭނުންކުރަމުން އަންނަނީ ޓިލާޕިއާ މަހުގެ ހަން ބޭނުންކޮށްގެންނެވެ.
ޓިލާޕިއާ މަހަކީ އާއްމުކޮށް ކޯރުތަކުގައި ދިރިއުޅޭ މަހަކެވެ.
ބްރެޒިލް ޑޮކްޓަރުން ބުނީ ފިހިފައިވާ މީހުން ޒަހަމްތަކުގައި ޓިލާޕިއާ މަހުގެ ހަން ބޭނުންކޮށްގެން ފަރުވާދޭން ފެށުމުން އެ މީހުންގެ ޒަހަމްތައް އަވަހަށް ރަނގަޅުވެ، ރިހުން ކުޑަކުރެވޭކަމަށެވެ.
ޓިލާޕިއާ މަހުގެ ހަންގަނޑުގައި ހަމުގެ ބަލިތަކަށް ބޭނުންކުރާ ކޮލަޖަން ގިނައިން ހުންނަ ކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ފާރުގަނޑުތައް އަވަހަށް ފަސޭހަވާކަމަށް ޑޮކްޓަރުން ބުނެއެވެ. މި ފަރުވާގައި ޓިލާޕިއާ މަހުގެ ހަން ސާފުކޮށް ސްޓެރެލައިޒް ކުރުމަށްފަހު ބެންޑޭޖެއް ފަދައިން ފިހިފައިވާ ތަންތަނުގައި އަޅައެވެ.
މި ފަރުވާގެ އެންމެ ބޮޑު ފައިދާއަކީ މިއީ ގުދުރަތީ ގޮތުން ތަތްވެ، ތެތްކޮށް ހުންނަ، އަދި ދުވަހުން ދުވަހަށް ބަދަލުތަކެއް ގެންނަން ނުޖެހޭ އެއްޗަކަށްވުން ކަމަށް ޑޮކްޓަރުން ބުނެއެވެ. މީގެ ސަބަބުން ބަލި މީހުން ރަނގަޅުވަނީ އަވަހަށް އަދި އިތުރު ވޭންތަކެއް ތަހަމަލްކުރަން ނުޖެހިކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ.
ކުރިން ބޭނުން ނުކޮށް އުކާލާ ކުންޏެއްގެ ގޮތުގައި ދެކުނު ޓިލާޕިއާ މަހުގެ ހަނގަނޑު މިހާރު ދަނީ ސިއްހީ ވަސީލަތްތައް މަދު ތަންތަނުގައި އާ އުއްމީދެއް ގެނެސްދެމުންނެވެ. މި ފަރުވާއަކީ ހާއްސަކޮށް ވަސީލަތްތައް މަދު ސަރަހައްދުތަކުގައި ފިހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޑޮކްޓަރުން ދެކެއެވެ.