ads
ސްރީ ލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގައި 2022 ވަނަ އަހަރު ތެލާއި އަސާސީ އެކި ބާވަތްތައް ދަތިވި ދުވަސްވަރު، ތެޔޮ ގަންނަން މީހުން ކިއޫގައި -- ފޮޓޯ: އޭއެފްޕީ
ކުޑަކުރި ކަރަންޓުގެ އަގު އައިއެމްއެފްގެ ޝަރުތާ އެއްގޮތަށް ލަންކާގައި ބޮޑުކޮށްފި
މާލީ ދަތިކަން ކުރިމަތިވެފައިވާ ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ހަލުވިކަމާ އެކު ކުރިއަރަމުން ދިޔަ ނަމަވެސް އައިއެމްއެފްގެ ބެއިލްއައުޓްގެ ޝަރުތުތަކާއި އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން ކަރަންޓުގެ ހިދުމަތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ނިންމައިފި އެވެ.
Advertisement

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ސްރީލަންކާގައި ފަގީރުކަމުގައި ދިރިއުޅޭ މީހުންގެ އަދަދު ވަނީ %25.9 އަށް އަރައިފަ އެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރު ލަންކާގެ އިގްތިސާދު ކުރިއަރާނީ އެންމެ %2.2 ގަ އެވެ.

އައިއެމްއެފްގެ ބެއިލްއައުޓް ހޯއްދެވީ ގޮޓާބެ އަށް ފަހު، މަޖިލީހުން ރައީސްކަމަށް އިންތިހާބުކުރި ރަނިލް ވިކްރެމަސިންހަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ރަނިލްގެ މައްޗަށް ކުރި ހޯއްދެވީ އައިއެމްއެފްގެ ޝަރުތުތައް ބަދަލުކުރާނެ ކަމަށާއި އަލުން މަޝްވަރާކޮށް ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައިދޭނެ ކަމަށް ވައުދުވެ ވަޑައިގަތް މިހާރުގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ އެވެ. 

އެގޮތުން އައިއެމްއެފްގެ ޝަރުތާއި ދެކޮޅު ހައްދަވާ ލަންކާގެ ރައްޔިތުންނަށް އަނޫރާ ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ވަނީ ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ)ގެ ކަރަންޓް އަގުތައް 20 ޕަސެންޓް ކުޑަކޮށްފަ އެވެ. ނަމަވެސް މިއަދު ކަރަންޓުގެ ހިދުމަތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކަރަންޓުގެ އަގު 15 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައި އެވެ.

"މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބިލްކުރުމުގައި 15 ޕަސެންޓަށް ބޮޑުކުރަން މިހާރުވާނީ ސީއީބީ އަށް ހުއްދަ ދީފައި" ޕަބްލިކް ޔުޓިލިޓީސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުންޏެވެ.

ދަރަނި ބޮޑުވެ، ބޭރު ފައިސާގެ ރިޒާވް ދަށްވުމުން، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރުގެ މެއި މަހު ބޭރުގެ ދަރަނި ދައްކޭ ހާލަތަށް އެ ގައުމު ދިޔަ އެވެ. އެ ގައުމުގެ ދަރަނި 12.55 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އާ ސަރުކާރުން ވެރިކަމަށް އައީ އައިއެމްއެފްގެ ޝަރުތުތަކާ ދެކޮޅަށް "ގަދަ ބަސް" ބުނަމުން ނެވެ.

ނަމަވެސް ހަރަދު ކުޑަކޮށް ސަބްސިޑީތައް އުވާލުމަކީ ސްރީ ލަންކާގެ އިގްތިސާދީ ހީނަރުކަން ނައްތާލުމުގައި ހަތަރު އަހަރުގެ ޕްލޭނެއްގެ ދަށުން 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ދިން އައިއެމްއެފްގެ ޝަރުތަކަށްވާތީވެ، ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ އޮފީހުން މިހާރު ވަނީ އައިއެމްއެފްގެ ޝަރުތުތަކަށް ބޯލަބަން އެއްބަސްވެފައި އެވެ. 

މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ހޭދަކުރަންޖެހޭ، ސަރުކާރު ހިއްސާވާ 52 ކުންފުންޏެއް އައިއެމްއެފްގެ ބެއިލްއައުޓް ޕްރޮގްރާމުގެ ދަށުން އިސްލާހުކުރަން ވެސް ލަންކާ ސަރުކާރުން މިހާރު ވަނީ ފަށައިފައި އެވެ. އެގޮތުން ސްރީ ލަންކާއަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދީފައިވާ ބެއިލްއައުޓާ ގުޅޭ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަންޖެހޭ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމް ފަށައި އެ ގައުމުގެ ފެއިލްވެފައިވާ ހޮޓެލް ޕްރޮޖެކްޓް ވިއްކާލަން ސަރުކާރުން މިހާރު ވަނީ ނިންމާފައި އެވެ.

އައިއެމްއެފުން 2023 ވަނަ އަހަރުގެ ކުރީކޮޅު ސްރީލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ދީފައިވަނީ އެ ގައުމަށް ބޭރުގެ 46 ބިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވިކަން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އިއުލާނުކޮށްފައި ވަނިކޮށެވެ. އައިއެމްއެފުން ލޯނު ދިން އިރު ކުރި ޝަރުތުތަކުގެ ތެރޭގައި ފައިދާނުވާ، ސަރުކާރު ހިއްސާވާ ވިޔަފާރިތައް އިސްލާހުކުރުން ހިމެނެ އެވެ.

މި ދަތިކަމުން އަރައިގަތުމަށް ލަންކާއިން މަސައްކަތް ކުރާއިރު، ލަންކާގެ ބޭރުގެ ދަރަނިތައް ރީސްޓަރަކްޗާ ކޮށްދޭން ގައުމުތަކުން އެއްބަސްވުމާއެކު، އެ ގައުމުގެ ކްރެޑިޓު ރޭޓިން "ސީއޭ" އިން "ސީއޭ1" އަށް މޫޑީސް އިން މި ފަހުން ވަނީ މަތިކޮށްދީފައި އެވެ.

ލަންކާ މާލީ ހާލަތު ފެންނަނީ ރަނގަޅަށް ކަމާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށް މޫޑީސްގެ ރިޕޯޓުގައިވެ އެވެ.

ވޯލްޑް ބޭންކުން ބުނީ މިދިޔަ އަހަރު ލަންކާގެ އިގްތިސާދީ ކުރިއެރުން 4.4 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް އެ އަދަދު ފަހަނަޅައި 5 ޕަސެންޓަށް ކުރިއެރުން ދިޔަ ކަމަށެވެ. މިއީ 2022 ވަނަ އަހަރު ލަންކާގެ އިގްތިސާދަށް ކުރިމަތިވި ބޮޑު ހީނަރުކަމަށް ފަހު ލިބުނު ފުރަތަމަ ކުރިއެރުމެވެ.

ވޯލްޑް ބޭންކުން މިދިޔަ މަހު ބުނެފައިވާ ގޮތުގައި އިގްތިސާދީ ކާރިސާއިން ލަންކާ އަރައިގަނެ ކުރިއަށްދާން ފެށިޔަސް ލަންކާގެ ވަރަށް ގިނަ ބަޔަކު އަދިވެސް އުޅޭނީ ފަގީރުކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް