ads
ހއ. ހޯރަފުށި ބޮޓްލިން ޕްލާންޓް
ހޯރަފުށީގެ ބޮޓްލިން ޕްލާންޓް ހުއްޓާލައި މުވައްޒަފުން ވަކިކުރާތީ އެމްޑީޕީން ކަންބޮޑުވެއްޖެ
ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
Advertisement

ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތަކީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިނިއުޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލް ކާމިޔާބުކޮށް، އެ ކައުންސިލާއި ފެނަކައާ ގުޅިގެން ހިންގުމަށް އެއްބަސްވެފައިވާ މަޝްރޫއެކެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރުމަށް ހޯރަފުށީގައި އެޅި ބޮޓްލިން ޕްލާންޓުގެ މަސައްކަތް ކުރަމުންދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މި ޕްލާންޓަކީ ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ގާއިމުކުރާ ޕްލާންޓެއް ކަމަށްވާއިރު އަންނަ ޖުލައި މަހުގެ ތެރޭގައި އެ ޕްލާންޓް ބޭނުން ކުރެވޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ، ނަމަވެސް، ފެނަކަ ކޯޕަރޭޝަނުން ދީފައިވާ ޔަގީންކަމާ ހިލާފަށް އެ ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައި ވާތީ ކަންބޮޑުވުން ފާޅުކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އިގުތިސާދީ ނަފާ ހޯދުމަށް ކައުންސިލުތަކުން ކުރަމުން ގެންދާ މިފަދަ މަސައްކަތްތަކަށް ހުރަސްއެޅުން ހުއްޓާލައި، ސަރުކާރުން ސިޔާސީ ބޭނުމުގައި ޕްރޮޖެކްޓުތައް ހުއްޓުވުމުން އެތައް އާއިލާއެއް ހާލުގައި ޖެހެމުންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ފެނަކައަށް ގޮވައިލީ، ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިނުލުމަށާއި، ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އަލުން އިއާދަކޮށްދިނުމަށެވެ.

ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ގާއިމުކުރުމަށް ފެނަކައިން ދެކޮޅު ހަދާތީވެ އެ ކައުންސިލުން ވެސް ވަނީ ފެނަކައާ ދެކޮޅަށް ދައުވާކޮށް ޝަރީއަތަށް ހުށަހަޅަން ނިންމައިފަ އެވެ. 

"މި ޕްރޮޖެކްޓު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްގީ ކުރުމަށް ދެފަރާތުން އެއްބަސްވެވިފައިވާ ހިނދު މި ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި އެ ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ނިންމައި، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން މުރާޖާކޮށް އެ މުވައްޒަފުންގެ ވަޒީފާތައް އިއާދަ ކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެމްޑީ އާއި ޑިރެކްޓަރުންނަށް ގޮވައިލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށް، ބޮޓްލިންގް ޕްލާންޓުގެ މަސައްކަތް ޖޮއިންޓް ވެންޗަރ އުސޫލުން ގާއިމްކޮށް ހިންގުމަށް ހޯރަފުށީ ކައުންސިލާއި ފެނަކައާއި ދެމެދު ފަހުމުނާމާ އެއް އެކުލަވާލާފައިވާ ކަމަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް