ads
ކުށުގެ ސަޒާ - 28 ވަނަ ބައި
އެޕިސޯޑް 28
Advertisement

އަތުނުޖެހެންވެގެން ގޭތެރޭގެ އެކި ކަންކަނުން، ދުވަމުންދިޔަ ފިޒާގެ ފަހަތުން އައިސް ތާބިޝް އޭނާގެ އަތުގައި ހިފައި ލުއްކިއެއް ޖެހި އެވެ. ކޮންޓްރޯލް ލިބުނީ ތާބިޝްއަށެވެ. ޖެހިލުއްކީގެ ބާރުގައި ފިޒާއައިސް ތަތްވީ ތާބިޝްގެ މޭގަ އެވެ. ދެއަތުގެ ތެރޭގައި ހައްޔަތުކޮށްލީ ފިޒާއަށް ގަދަހަދާނެ ވަގުތެއްވެސް ނުދީ އެވެ.

މޫނުގެ ކަނާތްފަރާތުން ކަންފަތްދަށާއެކު އިނގިލިތައް މަހާލައިފައި ފިޒާގެ ކަރުދޮށާއެކު މަސްތީގޮތަކަށް ތާބިޝް ފިރުމާލި އެވެ. 

"އިޝްގް... ހަންހާރަ.. ހިތްކިޔާކިޔުން.. ހަހަރު.. ކުލުނު.. ލޯބިކުރުން.. އިންތިހާ.. އެދުންވެރިކަން.. ކޮންމމެ އިޝާރާތަކަށް ގަބޫލުވުން... މިއީ މުޅިންވެސް ޖަޒްބާތުތަކަށް ދެވިފައި ހުންނަ ނަންނަން..!  އެކަމަކު ދެރައީ އޭގެ ހަގީގަތް ދެނެގަންނާންވެސް އިންސާނުން މަސައްކަތްނުކުރާތީ.. ފިޒާ ގަބޫލުކުރިޔަސް ނުކުރިޔަސް، މިބުނި ކަންކަމަކީ އަމިއްލަ އެދުންވެރިކަމުން ފުރިގެންވާ ޖަޒްބާތުތަކެއް.. ހަގީގީ ލޯތްބަކީ ފުރަތަމަ ނަޒަރުން  އަހަރެންފަދަ އިންސާނުން ދިވާނާކޮށްލާ އިހްސާސް..! ފިޒާއަށްޓަކައި އަހަރެންގެ ލޯތްބަކީ ނިމުމެއް އޮތް ޖަޒްބާތުތަކެއް ނޫން..! މިވާ ގޮތްތައް ބުނެދޭކަށްވެސް ނޭގޭ.." މަސްތުންފުރިގެންވީ އަޑަކުން ތާބިޝް ވާހަކަދެއްކީ ފފިޒާގެ އެންމެ ހިމަނާރަށްވެސް އެ ބުނެލުންތަކުން އަސަރުކުރުވަމުންނެވެ.

"ގަބޫލު ނުކުރަމޭ ނުބުނަމެއް ނުން..! ތާބިޝްގެ ލޯބި ހާސިލްވުމުން މުޅި ކާއިނާތު އަހަންނަށް ހާސިލްވީ.. މި ދުނިޔޭގައި އިތުރު އެއްޗެއް އަހަރެން ބޭނުމެއް ނޫން.. ތިނޫން އެހެން އުފަލެއް މިހިތެއް ނޭދޭ!" ފިޒާގެ ނިންމުން އިޝްގުގެ ލައްޒަތާއެކު ބުނެދެމމުން ލޮލުގެ ހިމަކޮޅުން ތާބިޝްއަށް އިޝާރާތެއް ކޮށްލި އެވެ. ނަމަވެސް އެ އިޝާރާތުގެ މާނައެއް ތާބިޝްއަކަށް ނޭގުނެވެ. 

"ހިތުގައި އޮތް އެއްޗެއް ބުނެފައި ދެވޭނީ.. މިރޭ ދުލެއް ނުކުރާނަން..! އެއްވެސް އެއްޗެއް ބުނަން ބޭނުންތަ..؟" ދެމީހުންގެ ނޭވާ އެކުވެފައިވަނީ ނޭފަތު ކުރި ކިރިޔަކިރިޔާ ޖެހޭ ނުޖެހޭ ހިސާބަށް ތާބިޝްގެ މޫނު ގާތްކޮށްލާފައިވާތީ އެވެ. އުފެދެމުންދިޔަ ގަދަ ޖަޒްބާތުގެ އަސަރުގައި ދެފައިގެ ބާރުގައި ކޮޅަށް ހުރުންވެސް ފިޒާއަށް ފަސޭހަ އެއް ނޫނެވެ. ތާބިޝްގެ މަސްތީ ބެލުމާއި ގައިގޯޅިކކަމާއި ފިރުމަމުންދިޔަ ލޯބީގެ ރާހަތް އެންމެ ފުރިހަމައަށް ފިޒާގެ ހިއްސުތަކުގައި ހުޅު ރޯކުރަމުން ދިޔަ އެވެ. 

"ޓެލް މީ ޕްރިންސެސް.." ވައިއަޑުން ތާބިޝް ބުނެލިއިރު ތުންފަތުގެ ކަނާތްފަރާތުން ހިމަކޮޅާއި ދިމާލުގައި ބޮޑުވައި އިނގިލިން ކާއްތާލައިފި އެވެ.

"ޓެލް މީ!" މިފަހަރު އިވުނީ މަސްތީ އިންޒާރެކެވެ. 

އެއަށް ކިޔަމަންވާން ފިޒާ ބޭނުމެވެ. ނަމަވެސް ހިތްވަރު ކުރާނެ ބާރެއް އޭނާގެ ރޫހްގައި ނެތެވެ. ދެ ލޯ މަރައިލީ ތާބިޝްގެ އެދުން ފުރިހަމަކޮށްދިނުމަށެވެ.

"މިހިތުގައި ތާބިޝްއަށް އޮތް ލޯބި ހާމަކޮށްދޭނެ އިބާރާތެއް އަހަންނަކަށް ނުވިސްނުން.. ޔަގީންވާކަމަކީ، ތާބިޝްއާއި ނުލައި އަހަރެންގެ އުމުރުން ކުރިއަށް އޮތްބައިގައި ދިރިނުހުރެވޭނެކަން.." 

މަސްތުން ފުރިގެންވީ ބުނެލުމަކުން ފިޒާގެ ދުލުން އިބާރާތްތައް ބޭރުވެގެން ދިޔައީ ތާބިޝްގެ ގައިން ހިމަލޯލިތައް ކޮޅަށް ޖަހުވާލާފަ އެވެ. ލިބުނު އުފަލުގައި އުދުހިގަންނާން ތާބިޝް ބޭނުންވި އެވެ. އިވުނު އަޑު ތަކުރާރުވާން ކަންފަތް އެދުނެވެ. ހިތު ވިންދު އަވަސްވެ ޖަޒްބާތުތައް ކެކެންފަށައިފި އެވެ. 

"ފިޒާ..." ހިމޭން ވައިރޯޅިއާއެކު ދަތުރުކޮށްލި ހިއްގައިމު ހުވަފެނެއްފަދައިން ތާބިޝްގެ ދުލުން ފިޒާގެ ނަން  އިއްވާލި އެވެ.

"ހޫމްމްމމ..." މަސްތީ ރާގަކުން ދެހިތް ނަށަމުންދިޔަ އެވެ. އެސްފިޔަ އެއްވެސް ތަޅުވާލާނެ ބާރެއް ނުލިބުމުން ފިޒާވެސް ދެލޯ މަރައި ތަގުޅިކޮށްލީ ތިރީ ތުންފަތުގައި ދަތް އަޅާފަ އެވެ.

"މިއީ އަކުރުތަކަކުން ނުވަތަ މުއާމަލާތުކުރާ އެއްވެސް ބަހުރުވަޔަކުން ހާމަކުރާން ފަސޭހަ އިހްސާސްތަކެއް ނޫން.. އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީ.. ހިތް ފުރިގެން ބަންޑުންހިނގައިދާނެތީ ޖެހިލުންވޭ.. ފިޒާ.. ފިޒާއަށްޓަކައި އަހަރެންގެ ލޯބި ބަޔާންކޮށްދޭކަށް ނޭގެ..! މައާފްކުރޭ ޕްރިންސެސް.. ފުރިހަމައަށް އިންސާފްނުކުށްދެވިދާނެތީ ޖެހިލުންވޭ.." މަސްތީ ރާގުގައި އިޝްގުން ފުރިގެންވީ ބުނެލުމަކުން ފިޒާގެ ހިތް ތާބިޝް ފަތަހަކޮށްފި އެވެ. 

ކަނދުރާގެ ދަށަށް ތާބިޝްގެ އަތް ލައްވާލި އިރެއްވެސް ފިޒާއަކަށް ނޭގެ އެވެ. ނޭވާ ހުއްޓުނުކަން އެނގުނީ ހަށިގަނޑުގެ ހުރިހައި ދިރުމެއް ކުއްލިޔަކަށް ހުއްޓުމުންނެވެ. ބުނަން ނޭގޭ ހޫނަކުން ހަށިގަނޑުގެ އުދާސްކަން މައްޗަށް އަރަމުންދިޔަ އެވެ. ނޭވާއެއްލާނެ އެންމެ ފުރުސަތެއްވެސް ތާބިޝް ފިޒާއަށް ނުދިނެވެ. ދެހަށިގަނޑުގައި ޖަހަމުންދިޔަ ކޮންމެ ވިންދެއްގެ ލޮޅުން އެކަކު އަނެކަކު ދިޔައީ ތަހަންމަލްކުރަމުންނެވެ. 

އެއްއަތް ކަންދުރާ ދަށުގައި އޮތްއިރު އަނެއް އަތުން ފިޒާގެ މުޅިހަށިގަނޑު ތާބިޝްގެ ބާރުގެ ދަށުގައި ހައްޔަރުކޮށްލާފައިވަނީ އަހަރުތަކެއްވަންދެން ތާބިޝްގެ ކަރުހިންކުން ނުފިލާވީތީ އެވެ. އެ މުއްދަތުގެ އުފާ އެންމެ ހިނދުކޮޅަކުން ލިބިގަންނާން ތާބިޝް މަސައްކަތްކުރަމުންދާތީކަމަށް، އެމަންޒަރު ފެންނަ މީހަކު ކުއްލިޔަކަށް ހިތަށް އަރާފާނެ އެވެ. ނަމަވެސް ލޯމަތީގައި އަތް އެޅުމަށްވުރެން އަވަހަށް އެމީހަކަށް ގެނެވޭނެ އެހެން ހަރަކާތެއް މިވަގުތު ނޯންނާނެ އެވެ. 

ތާބިޝްގެ ކަރުހިންކުން މުޅިން ނުފިލިޔަސް ފިޒާއަށް ނޭވާލާނެ ވަގުތެއް ތާބިޝް ދޭން ޖެހުނީ ފިޒާގެ ނޭވާހޮޅިން އޮކްސިޖަން ހުސްވުމުންނެވެ. ދެ ލޯ ހުޅުވާލަން ނުކެރުނަސް، އައްސިވެފައިވާ ތުންފަތުގައި ފިޒާއަށް އިނގިލިތައް ބީއްސާލެވުނެވެ. 

ގަތް ލަދުން މުޅި މޫނާއި ކަންފަތް ރަތްވެފައިވަނީ ތާޒާ ޓޮމާޓޯއެއް ފަދައިން ނެވެ. ދެމީހުން ވަކިވެ، ތަހަންމމަލްކުރި އެކަނިވެރިކަމާއި އުފުލި ތަކުލީފްތައް އެއްފަހަރުން ފިލައި ދިޔަފަދަ އެވެ. އަމާންކަމާއި ލުއިކަން ތާބިޝްގެ މޫނުން ފެންނަމުންދިޔައިރު ފިޒާގެ ހިނިތުންވުން ފަނޑު ނުވެ އެވެ. ދެމީހުންގެ ނިއްކުރި ޖައްސާލައިގެން ތިބިއިރު، ނޭފަތުގެ ބީހިލުން މުޅިގައިން ހީބިހި ހިލުވާލަ އެވެ. 

ފިޒާގެ ނޭވާ ހަމަޔަކަށް އެޅުނުކަން ޔަގީންވުމުން އަނެއްކާވެސް ތާބިޝްގެ ލޯބީގައި ފިޒާ ހައްޔަރުކޮށްލި އެވެ. ތިންއަހަރުގެ ވަކިވުމާއި އެކަކު އަނެކަކަށް ކުރި ވޭނީ ދިގު އިންތިޒާރާއި، އެކަކު އަނެކަކަށްޓަކައި ހިތުގައި އޮތް އަމިއްލަވަންތަކަށް ދެމީހުންވެސް  ދިޔައީ އިހްސާސްކޮށްދެމުންނެވެ. ލޯބީގެ ޖިސްމުން ހޯދަމުންދިޔަ ފޮނިމީރުކަން ދުނިޔޭގެ ހުރިހައި އުފަލަކާއި އަމާންކަމެއް އެކަކު އަނެކަކުގެ ކިބައިން ލިބެމުންދިޔަ އެވެ.

ފިޒާ ހަމަޖެހިލުމަށް މިފަހަރުވެސް ތާބިޝް ފުރުސަތުދިނެވެ. ދެ ލޮލާއި ނިއްކުރީގައި ކިސްކޮށްލުމަށްފަހު ހިނިތުންވަމުން ފިޒާގެ ދެއަތްތިލަ ނެގެސް ތާބިޝްގެ އަތުތެރޭގައި ބޮނޑިކޮށްލާފައި މޭމަތީގައި ބާއްވާލި އެވެ.

"އައި ލަވް ޔޫ ތާބިޝް.." ފިޒާގެ ލަފްޒު ނުނިމެނީސް ތާބިޝްގެ ހިނިތުންވުން ފެނިއްޖެ އެވެ.

"އައި ލަވް ޔޫ މޯ ފިޒާ.." ތާބިޝްގެ ބުނެލުމާއެކު ފިޒާ ބަލައިލީ ތާބިޝްގެ ލޮލަށެވެ. އިރުކޮޅަކު ހުރެލުމަށްފަހު ނިއްކުރިއަށް ރޫ އަރުވާލި އެވެ. 

"ނޯ..އައި ލަވް ޔޫ ދި މޯސްޓް" ފިޒާ ބުނެލި އެވެ.

"ނޯ ބޭބީ ގަރލް..! އައި ލަވް ޔޫ ބޮޑު ބޮޑު ބޮޑުކޮށް..!" ދެމީހުންގެ ހަނގުރާމަފެށުނީ ލޯބީގެ ބާރުގަ އެވެ. 

މިފަހަރުވެސް ތާބިޝްގެ ނިންމުމަކަށްވީ ތިންވަނަ ފަހަރަށްވެސް އޭނާގެ މަސްތުން ފިޒާގެ އެސްފިޔަތައް ލައްޕާލަން މަޖުބޫރުކުރުވުމެވެ. އަދި ނޭވާގެ ކޮޅަށް ހިފަހައްޓާލުމަށް މަޖުބޫރުކުރުވުމެވެ. ގެއްލުނު ތިންއަހަރުގެ ލައްޒަތު އެންމެ ސާޅީހަކަށްމިނެޓްތެރޭ ހޯދުމަށް ތާބިޝް އަޒުމުކަނޑައަޅާފައިވާހެންވެސް ހީވެ އެވެ.

...............

ފެންނަމުންދިޔައީ އަނދިރި ކޮޓަރިއެކެވެ. ދިއްލާފައިވާ އެންމެ ބޮތްކެއް ނެތަސް، ކުޑަދޮރުގެ ފަރުދާކަހާލާފައިވާތީ ހަނދުގެ ހަނދުވަރުގެ ހިޔަނި ކޮންމެވެސް ވަރަކަށް އެތެރޭގައިވި އެވެ. ފެންނަމަންޒަރަށް ވިސްނާލުމަށް ވަގުތުކޮޅެއް ނެގި އެވެ. ގިސްލުމުގެ އަޑު ކޮޓަރީގައި ހުރީތީ އެވެ. އެތެރެއަށް ވަދެފައި ގިސްލުމުގެ އަޑު އަންނަމުންދިޔަ ދިމާއަށް ބަލައިލީމެވެ. ކޮޓަރީގެ އެންމެ އެތެރޭގެ ކަނެއްގައި ބިންމަތީގައި އިށީންދެގެން މީހަކު އިނެވެ. އަތުގައި އޮތީ ފޮޓޯ ފްރޭމެއްކަން ޔަގީނެވެ. އޭގައި ފިރުމަމުން ގިސްލަމުން އެދަނީ ކޮންމެވެސް އެއްޗެކޭ ކިޔަމުންނެވެ. ރޮމުން، ގިސްލަމުން އެ ކިޔާއެއްޗެއް އަޑުއަހާލުމަށް ގާތްވެލީމެވެ. 

"ކީއްވެ..؟ ކީއްވެ އަހަރެން ދޫކޮށްލާފައި ތިޔަދިޔައީ..؟ ކިހައި މިންވަރަކަށް ލޯބިވާކަން ނޭގެނީތަ..؟ އެކަން ހަމަރަގަޅަށް އެނގިހުރެ އަހަރެން ދޫކޮށްލާފައި ތިޔަދިޔައީ އަހަރެންގެ މުޅި އުމުރަށްވެސް މިހިތާމަކުރާނެކަން އެނގިހުރެ..  ހަށިގަނޑުގައި ވަރަށް ވޭންއަޅާ.. ވަރަށް ހަނދާންވޭ.. ވަރަށް ވަރަށް މިސްވޭ..!  އާދޭސްކޮށްފައި ބުނަން، އެނބުރިއާދޭ..! ޕްލީޒް ޕްލީޒް..!" ފޮޓޯ ފްރޭމް މޭގައއި ޖައްސާ ބާރުކޮށްލަމުން އަޑުން އަޑުނަގާފައި ރޯންފަށައިފި އެވެ.

"ތާބިޝް.." ކުއްލިޔަކަށް ލިބުނު ސިހުމުގައި އެއަޑުއައި ދިމާއަށް ތާބިޝް ބަލައިލި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް