
ޖުމްލަ 54 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ "ކޫލް ސްކޫލް" ޕްރޮޖެކްޓުގެ ބައެއްކަމަށް ވާއިރު، މިދިޔަ އަހަރުގެ ޖޫން މަހު އިފްތިތާހުކުރި މި ޕްރޮޖެކްޓަކީ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ހޯލްތައް އޭސީކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫއެކެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ މި ޕްރޮޖެކްޓާއެކު ރަށްރަށުގެ ކަރަންޓު ވިއުގަ ވެސް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ. އަދި ރައީސްގެ އިރުޝާދުގެ ދަށުން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ވިއުގަ ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކުރުމުގެ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުގެ ހަރަދަށް 38 ޕަސަންޓު އިތުރުވާއިރު، މި ޕްރޮޖެކްޓުގެ 30 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފައެވެ.