
އިޒްރޭލުން ހަމަލާދިން ތަންތަނުގެ ތެރޭގައި އިރާނުގެ ވެރިރަށް، ތެހެރާނާއި އެ ގައުމުގެ އެންމެ ބޮޑު ޔުރޭނިއަމް ފައްކާކުރާ މައުކަޒާއި ތަބްރީޒްގައި ހުންނަ ނިއުކްލިއާ ރިސާޗު ސެންޓަރު ހިމެނެ އެވެ.
އީރާނުގެ ސްޕްރީމް ލީޑަރު އަލީ ހާމަނާއީ ވިދާޅުވެފައިވަނީ ހުކުރު ދުވަހުގެ ފަތިހު އީރާނަށް އިޒްރޭލުން ދިން ހަމަލާއާއި ގުޅިގެން އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ. ހާމަނާއީ ވަނީ މި ހަމަލާތަކުގައި ގިނަ ކޮމާންޑަރުންނާއި ސައިންސްވެރިންގެ އަވަހާރަވެފައިވާކަމަށް ވިދާޅުވެފަ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ވެރިޔާ ހުސައިން ސަލާމީ އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފާނެކަމަށް ރިވޮލިއުޝަނަރީ ގާޑުން ވެސް ވަނީ ބުނެފަ އެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ އިން ދައުލަތުގެ ޓީވީން ގެނެސްދިން ބަޔާނެއްގައި ބުނީ އެ ހަމަލާތަކަށް އެއްވެސް ޖަވާބެއް ނުދީ ނުތިބޭނެ ކަމަށާއި ހަރުކަށި އަދި ބަދަލު ހިފުމެއް އަންނާނެ ކަމަށެވެ.
މިއަދުގެ ފަތިހު އިޒްރޭލުން ދިން ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މި ހަމަލާތަައް ދީފައި ވަނީ އިރާނުގެ ނިއުކްލިއާ މަސައްކަތްތައް ކުރަމުންދާ ތަންތަނާއި ބެލިސްޓިކް މިސައިލް އުފައްދާ ކާރުހާނާތަކަށް ކަމަށެވެ.
އިސްރާއީލުގެ އުދުވާނަށް އީރާނުން އަދި ރައްދު ދީފައިނުވިނަމަވެސް އިސްރާއީލުވަނީ އީރާނުން ރައްދު ދޭނެކަމަށް ބަލައި އިސްރާއީލުގެ ވައިގެ ސަރަހައްދާއި އެއާޕޯޓްތައް އެއްކޮށް ބަންދު ކުރިކަން އިއުލާންކޮށްފަ އެވެ. އަދި އިސްރާއީލުގެ ގައުމީ އެއާލައިންސްގެ ފަސިންޖަރު މަތިންދާބޯޓުތައްވެސްވަނީ ގައުމުން ބޭރަށް ގެންދަން ފަށާފަ އެވެ.
އިޒްރޭލާއި އީރާނުން މިދިޔަ އަހަރެއްހާ ދުވަސް ދެ ފަހަރެއްގެ މަތިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއެއްގައި ނިސްބަތުން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް ނުވެ އެވެ. މިފަހަރު ހަމަލާ ދީފައި މި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން އެމެރިކާ އާއި އީރާނުން މަޝްވަރާތައް ވެސް ކުރިއަށް ގެންދަނިކޮށެވެ.