
ފޮޓޯ ފްރޭމް މޭގައި ޖައްސާ ބާރުކޮށްލަމުން އަޑުން އަޑުނަގާފައި ރޯންފަށައިފި އެވެ.
"ތާބިޝް.." ކުއްލިޔަކަށް ލިބުނު ސިހުމުގައި އެއަޑުއައި ދިމާއަށް ތާބިޝް ބަލައިލި އެވެ.
ދޮރާއި ދިމާއަށް ބަލައިލެވުނުއިރު ތާބިޝްގެ ދެ ލޯ ފޮހެލުމަށް ހަރަކާތް ކުރެވިއްޖެ އެވެ. އޭނާގެ ކަރުނަ އެހެންމީހަކަށް ދައްކާން ބޭނުން ނޫނަސް، ތާބިޝްގެ އިހްސާސްތައް އޭނާއަށް ސިއްރުކުރުމަކީ ވާނެކަމެއް ނޫނެވެ. އެމީހަކު އައިސް އިށީނީ ތާބިޝްގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގަ އެވެ.
"ފަސް އަހަރު ފާއިތުވެގެން ގޮއްސި.. ދިގު ފަސް އަހަރު މާޒީއާއެކުވެގެން ހިނގައްޖެ.. އެކަމަކު ތާބިޝްއަށް އައި ބަދަލެއް ނެތް..! ލިބުނު ކުރިއެރުމެއް ނެތް.. ދިރިއުޅުމުގައި ފަހަތަށް ފިޔަވަޅެއް ނާޅާނެ.. ދިރިހުރި ކޮންމެ އިންސާނަކަށް މަޖުބޫރުވަނީ ދިރިއުޅުމައިގެން ކުރިއަށް ދިއުން.. ކާމިޔާބާއި ނާކާމިޔާބު އަދި ރިހުމާއި ވޭން އެއީ ދިރިއުޅުމުގެ ފަލްސަފާ..! ގުދުރަތުގެ ނިޔާއާއި ތަގްދީރުގެ ނިންމުމާއި ދެކޮޅަށް އަހަރުމެންނަށް ގޮތެއް ނުކިޔޭނެ.. ހަގީގަތް ގަބޫލުކޮށްފައި ތިކަމުގެ ތެރެއިން ތާބިޝް މިންޖުވެގެން ނޫނީ އަހަރުމެންގެ މުސްތަގުބަލައިގެން ކުރިއަށްދާނީ ކިހިނެއް؟ ކޮންމެ އަހަރެއްގެ މެއި މަސް ނިމުމާއި ހަމަޔަށްދާއިރު އަހަރެން ހުންނަނީ ބިރުން ފިއްކެނޑިފައި.. އެކަމަކު ޖޫންމަސް އަހަރުމެންނާއި ބައްދަލުކޮށްފައި ނޫނީ އަހަރު ނިމިގެން ނުދާނެ.. އެކަން ތާބިޝް ގަބޫލުކުރާނީ ކޮން ދުވަހަކުން.." އިވުނު ނާއުއްމީދީ އަޑާއި އެ އަޑުގައިވީ ބިރުވެރިކަމާއި މާޔޫސީ އަސަރުތައް ތާބިޝްގެ ހިތުގެ ނާރުތަކާއި ކުޅެލި އެވެ.
"އިނގޭ.. ހަނދާނެއްވެސް ނުނެތޭ.. ދިގު ފަސް އަހަރު ފާއިތުވެގެން ދިއަޔަސް، އެ ފިރުމުންތަކާއި ލޯތްބާއި އޯގާތެރިކަން މިއަދުވެސް އަހަރެން ބޭނުން.. އެކަން އަދި އެ ކުލުނު ހަނދާން ނައްތައެއް ނުލެވޭނެ.. އެ ހަނދާންތަކާއި ދުރަކަށް އަހަންނަކަށް ނުދެވޭނެ.. އެއީ އަހަންނަށް ވާނެކަމެއް ނޫން.. އެއީ އަހަރެންގެ ދުނިޔެ! އަހަރެންގެ ހުރިހައިވެސް އުއްމީދެއް ގުޅިފައިވާ ހަމައެކަނި ފަރާތަކީ އެއީ.."
ތާބިޝްގެ ހިތުގައި އޮތްގޮތަށް އޭނާ ވާހަކަދައްކަމުން ދިޔައީ ޖެހިގެން އިން މީހެއްގެ ހިތާއި ލަނގޮނޑިއަށް ވާނނެވަރެއް ވިސްނާލުމެއްނެތި އެވެ. ރިހުމަށް ބަދަލުއައުމެއްނެތް ދާއިމީ ހިތާމައިގައި ތާބިޝްގެ ލޯބިވާ އެހެން އެންމެންގެ ހައްގުތައް ހަނދާންނައްތާލުމަކީ އިންސާފް ނޫންކަން ތާބިޝް ގަބޫލުކުރަންޖެހެ އެވެ. އެންމެ ގުޅުމެއްގެ ހައްގުގައި އެތައް ގުޅުމެއްގެ ހިނިތުންވުން ގުރުބާންކުރުމަކީ އިންސާފެއް ނޫނެވެ.
"މިދުނިޔެއަށް އަހަރެން ދޫކޮށްލާފައި އެދިޔައީ ކީއްވެ..؟ އަހަރެންގެ ކުށަކީ ކޮބާ..؟ މިދުނިޔޭގައި އަހަރެން އެކަނިމައިއެކަނި ކުރާނީ ކީއް..؟" އަޑުން އަޑުނަގާފައި ތާބިޝް ރޯންފަށައިފި އެވެ.
"ނޫން ނޫން ނޫން ތާބިޝް..! ހަމަބުއްދިން ވިސްނާލަބަލަ..! ތާބިޝްއަކީ އެކަނިވެރިއެކޭ ބުނަން ހެޔޮވެސްނުވާނެ.. އަހަރުމެންގެ ދިރިއުޅުމާމެދު ތާބިޝް ވިސްނާލަބަލަ.. ބައެއް ކަންކަމަކީ އަހަރުމެންގެ އިހްތިޔާރުގައިވާ ކަންކަމެއްނޫން.. އެކަމުގައި ތާބިޝްގެ ކުށެއް ނެތް.. ތިކަހަލަ ވާހަކަ ނުދައްކާ..! ކެއްތެރިވާންވާނެ..!" ހިތްވަރު ދިނުމުގެ ގޮތުން ތާބިޝްގެ ބުރަކަށީގައި ފިރުމާލި އެވެ.
"އެހެންވިއްޔާ ފިޒާ ބުނެދީބަލަ، އަހަރެން ދޫކޮށްލާފައި އެދިޔައީ ކީއްވެ.. މުޅިއުމުރަށް އަހަރެން ދޫކޮށްލާފައ އެދިޔައީ ކީއްވެ؟" ތާބިޝްގެ ކަރުނައެއް ނުހިފެހެއްޓުނެވެ.
"ކޮންމެ ދިރުމަކަށް އަޖަލުކަނޑައެޅިފައިވަނީ ނިމުމެއް އަންނާނެތީވެ.. ކޮންމެ ނިމުމަކީ އާފެށުމެއްގެ އުއްމީދު.." ތާބިޝް ހިތްހަމަނުޖެހޭނެކަން އެނގިހުރެވެސް ފިޒާއަށް ޖެހުނީ މައުލޫއާއިގެން ކުރިއަށް ދާށެވެ. ތާބިޝްއަށް ހަގީގަތާއި ކުރިމަތިލެވިގެން ނޫނީ މިކަމަށް ނިމުމެއް ނެތްކަން ފިޒާއަށް އެގެ އެވެ.
"ޕްލީޒް ތާބިޝް.. ދުނިޔޭގެ އުސޫލުތަކާއި ކުރިމަތިލައިބަލަ.. ﷲތައާލާގެ ނިންމެވުމަކީ އަހަރުމެން އިންސާނުންނަށް ބާރުފޯރުވޭނެކަންކަމެއް ނޫން.. ލޯބިވާ ކޮންމެ މީހަކީ ތާއަބަދަށް ތިމާއާއެކު ދުނިޔޭގައި ލަހައްޓަވާނެ ފުރާނައެއްވެސް ނޫން.." ކިތަންމެ އުނދަގޫވިޔަސް ފިޒާގެ މަސައްކަތައިގެން އޭނާ ދިޔައީ ކުރިއަށެވެ. ހިތަށްއަރާ ކޮންމެ ވަގުތެއްގައި ދުލަށްއައި ކޮންމެ އެއްޗެއް ބުނުމަކީ ހައްލެއް ނޫންކަން ވިސްނައިދޭން ފިޒާ ބޭނުމެވެ.
"ފިޒާ.." ހިމޭން ވައިރޯޅިއެއް ފަދައިން ފިޒާގެ ނަން ކިޔައިލުމާއެކު އޭނާގެ ދެލޮލުން ކަރުނައިގެ ހޫނުކަން ދެމިގަތްފި އެވެ.
ފިޒާގެ ދެއަތުގެ ތެރޭގައި ތާބިޝްއަށް ހިމާޔަތްދިނުމަށް ސިކުންތެއްވެސް ބޭކާރުކޮށްނުލި އެވެ. ދެ ހަށިގަނޑުގެ ހޫނުން ތާބިޝްގެ ވިސްނުމަށް ބަދަލު އަންނަމުންދިޔަކަން ފިޒާއަށް ޔަގީންވީ، ކުރިންހުރި ހަރުދަނޑިގޮތް އެ ހަށިގަނޑުން ކެނޑެން ފެށީމަ އެވެ. ކުރިއަށްވުރެންވެސް ލޯތްބާއެކު ތާބިޝްގެ ގައިގައި ބައްދާލީ ނުހަނު ލޯބިންނެވެ.
"އަހަރެން ދޫކޮށްލާފައި މަންމަ އެދިޔައީ ކީއްވެ..؟ އަހަރެންގެ ކުށަކީ ކޮބާ..؟ މިވަރުގެ ރިހުމަކާއި ސަޒާ އަހަންނަށް ލިބެންވީ ކީއްވެ..؟ މަންމަގެ ހެޔޮ ދުއާ ދުވަހަކުވެސް ދެން އަހަންނަށް ނުލިބޭނެތަ..؟ އަހަރެންގެ ދިރިއުޅުމުގައި މަންމަގެ ދައުރު ވަރަށް މުހިއްމު.. މަންމައާއިނުލައި ކުރާނެ އިތުރު އުއްމީދެއް އަހަންނަކަށް ނުވިސްނޭ.. މަންމަގެ ނިމިދިއުމުގައި ޒިންމާވާންޖެހޭ މީހަކީ އަހަރެންތަ..؟" ވިސްނާލަމުން ތާބިޝް ސުވާލުކޮށްލީ ކުޑަކުޑަ ކުއްޖަކުފަދައިންނެވެ. ދޭނެ ޖަވާބު ކިތަންމެ ގިނަޔަސް، ފިޒާ ބޭނުންވީ ތާބިޝްގެ ދިރިއުޅުމުގެ ހަގީގަތް އޭނާ އަމިއްލައަށް ވިސްނަން ފުރުސަތު ދިނުމަށެވެ. ނަމަވެސް މިވަގުތު އެކަން ވާކަށްނެތެވެ. ތާބިޝްގެ ހާލަތު އެކަމަށް ތަންނުދޭތީ އެވެ.
ފިޒާގެ އަތުގެ ތެރޭގައި އޮވެ، އެތައް އިރަކު ތާބިޝް ރުއި އެވެ. ތާބިޝްގެ ހިތްދަތި ދެ ލޮލަށް ފިޒާ ބަލައިލި އެވެ. ގިނައިރު ރުއިމުގެ ސަބަބުން ރަތްވެފައިވަނީ ގަނޑުލޭކޮޅެއް ފަދައިންނެވެ.
"ތިއީ ދެން ތަންފުކެއް ބޮޑުވަރެއް ތާބިޝް.. މަންމަ ނޫން މީހަކު ތާބިޝްގެ ހަޔާތުގައި ނެތީތަ..؟ ތާބިޝްގެ ތިޔަ ހިތާމައާއި ކަރުނައަކީ މަންމައަށް ލުޔެއްލިބޭނެ ކަންކަމެއް ނޫން.. ތެދުވެ، ފެންވަރައިގެން ވުލޫކޮށް ނަމާދަށް އަރަން މިސްކިތެއް ދޭބަލަ.. ކުރާ ހެޔޮދުއާއަކުން ނޫނީ މަންމައަށް ފައިދާއެއް ނުކުރާނެ.. ތާބިޝް މިތަނުން ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައި ދެ ކއ.." ތަންކޮޅެއް ބާރަށް ފިޒާއަށް ބުނެވުނެވެ. ފިޒާގެ ޖުމުލައިގެ ފަހުބައި އަޑުއެހުން ތާބިޝްއަށް މުހިއްމެއް ނުވި އެވެ.
"މަންމަ ނިޔާވީ އަހަރެންގެ ސަބަބުން.. މަންމައަށް ހިތާމަކުރިމަތިކުރީ އަހަރެން.." ތާބިޝް ބުންޏެވެ.
"ނޫން ތާބިޝް.. މަންމައަށް ހަމަރަގަޅަށް އިނގޭ ދުވަހަކުވެސް ތާބިޝް މަންމައަށް ދެރަގޮތެއް ގަސްތުގައި ނުހަދާނެކަން.. އޭރުގެ ހާލަތު ހުރިގޮތުން ތާބިޝް ކޮންމެހެން ބުނަންޖެހޭ އެއްޗެއް ބުނުމަކީ މަންމައަށް ހިތާމަތަކެއް ދިނުމެއް ނޫން.. އަދި މަންމަގެ ނިމިދިއުމުގެ ޒިންމާ ތާބިޝް ނަގަންޖެހޭނެ ސަބަބެއްވެސް ނޫން.. މަންމަދެކެ މަންމަގެ މި ދަރިފުޅު ވަރަށް ބޮޑަށް ލޯބިވާކަމާއި މަންމައަށްޓަކައި އަބަދުވެސް ހެޔޮދުއާކޮށް މަންމައަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލެއްވުންއެދި އެންމެ ފުރިހަމައަށް ދުއާކުރާނެ ދަރިއަކީ ތާބިޝްކކަން މަންމައަށް އިނގޭނެ.. ތާބިޝްއަށް އެންމެ ރަގަޅުގޮތް ހޯދައިދިނުމަށް މަންމަ އަބަދުވެސް އެންމެ ބޭނުންވި ސަބަބަކީ، މަންމަވެސް ތާބިޝްދެކެ ވަރަށް ބޮޑަށް ލޯބިވީތީ.. ހަމައެފަދައިން ތާބިޝްވެސް ތާބިޝްގެ ދަރނ.." ތާބިޝްއަށް ވިސްނައިދިނުމަށް ފިޒާ ބުންޏެވެ. މިފަހަރުވެސް ޖުމުލަ ނިންމަން ފުރުސަތެއް ނުދިނެވެ.
"ދުވަހަކުވެސް އަހަރެން ދޫކޮށްލާފައި ފިޒާ ނުދާނަން ދޯ.." ކުޑަކުއްޖަކު ފަދައިން ތާބިޝް އަހައިލި އެވެ. ލޯތްބާއެކު ތާބިޝްއަށް ބަލައިލަމުން ހިނިތުންވެފައި އާއެކޭ ބުނެލުމަށް ފިޒާގެ ބޮލުން އިޝާރާތްކޮށްލި އެވެ.
"ދެން ދޭ... ފެންވަރައިގެން މިސްކިތަށް ގޮސްލާފައި އާދޭ..!" ތާބިޝްގެ ބުރަކަށީގައި ދެއަތް އަޅައި ލޯބިގޮތަކަށް ކޮއްޕާލަމުން ފިޒާ ބުންޏެވެ.
..................
ރޭގަނޑުގެ ކެއުމަށްފަހު ދެމީހުންވެސް ކޮޓަރިއަށްވަނީ ވަރުބަލި ދުވަހަކަށްފަހު އަރާމްކޮށް ނިދާލުމަށެވެ. ވަރުބަލިވެ ލޮޑުވެފައިވާތީ ފިޒާގެ ލޮލުގައި ނިދީގެ ކަންފުޅެއްނެތަސް، އެނދުގައި ޖެހުމާއެކު ތާބިޝްގެ ދެ ލޯ މެރިއްޖެ އެވެ.
މައުސޫމް ކުޑަކުއްޖަކު ފަދައިން ނިދާލާފައި އޮތް ފިރިމީހާގެ މޫނަށް ފިޒާއަށް ބަލައިލެވުނީ އެތައް އަސަރުތަކަކާއެކު އެވެ. މާޒީގެ އެތައް މަންޒަރެއް ލޯ ކުރިމަތީގައި ނިއުޅެލި އެވެ. ފުރަތަމަ ދިމާވި ދުވަހުންފެށިގެން ދެމީހުންގެ ދިރިއުޅުމަށް އައި ހެޔޮ އަދި ނުރަގަޅުހުރިހައި ބަދަލެއް ފިޒާގެ މާޒީގެ ތެރެއިން އޭނާގެ ސިކުނޑީގައި ހިރަފުސް ފޮޅާލި އެވެ. ދެމީހުންގެ ކައިވެނީގެ ލިބުނު އެންމެ އުފާވެރި 'ހަދިޔާ'ގެ ހަނދާންތަކާއި އެ ލޯބި މަންޒަރުތަކުން ފިޒާ ހިނިތުންކުރުވައިފި އެވެ.
ތާބިޝްގެ މިއަދާއި މިރޭގެ ވާހަކައިން އެތައް ސުވާލެއް އުފެދުނަސް އެއިން އެއްވެސް އެއްޗެއްގެ ޖަވާބެއް ފިޒާ ބޭނުމެއް ނޫނެވެ. ޖޫން މަސް ފެށުމާއެކު ތަކުރާރުވަމުންދާ ތާބިޝްގެ 'ޝޮކް'ގެ ތެރެއިން އޭނާ ނެރި އުފާވެރި މަގެއްގައި 'އާއިލާއާއެކު' ދެމީހުންނަށް ހިނގޭނެ އަމާން މިސްރާބެއް ފިޒާ ބޭނުމެވެ.
އެނޫން ހިޔާލެއް ނުވަތަ އެ ނޫން ހުވަފެނެއް މިރޭ ފިޒާގެ ހިޔާލާއި ފިކުރުގައި ނެތެވެ. މަޑުމަޑު ނޭވާތަކެއްލލަމުން ނިދީގެ އަރާމު ދާނުގައި އޮތް ތާބިޝްގެ މޫނާއި ނިއްކުރީގައި ނުހަނު ލޯބިން ފިޒާ ފިރުމާލި އެވެ. އަރާމު ނިންޖަށް ހުރަހެއް ނޭޅޭނެކަން ޔަގީންކޮށްފަ އެވެ. ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލާފައި ނިއްކުރީގައި ކިސްކޮށްލި އެވެ. ފުންނޭވާއެއް ލާފައި ލޯ މަރައިލީ، ނިދާފައި އޮތަސް ތާބިޝްއާއި ވާހަކަދައްކައިނުލައި ހިތްހަމަނުޖެހިގެންނެވެ.
"މަޖުބޫރީ ހާލަތެއްގައި އަހަރެން މިގެއަށް އައިފަހުންވެސް ފަސް އަހަރު ފާއިތުވެއްޖެ.. ދިރިއުޅުމުގެ އެތައް ކަމެއް ބަދަލުވެއްޖެ.. މި ދުވަހުގެ ހިތްދަތިކަމުގައި ވަރަށް ކެތްކުރެވިއްޖެ.. ތާބިޝްއަށް ވަރަށް ވަގުތުވެސް ދެވިއްޖެ.. އެކަމަކު ދެން އިތުރަށް މާޒީ ތަކުރާރުވުމަށް ފުރުސަތު ދޭކަށް އަހަރެން ގަސްދެއް ނުކުރަން..! އަހަރުމެންގެ ހަޔާތުން މިއަދަކީ އަބަދުވެސް 'ތަފާތު' ދުވަހަކަށް ވާނެކަން އަހަންނަށް ޔަގީން.. އެކަމަކު ކޮންމެ އަހަރެއްގެ މިއަދަކީ 'ހިތާމައިގެ ދުވަސް' ކަމުގައި އެގޮތުގައި ތާބިޝް ހިތާމައިން ސާލުއޮޅޅާލުމަށް ފުރުސަތުދިނުން ނިމުމަކަށް ގެންނަން މަޖުބޫރުވެއްޖެކަމަށް އަހަރެން މިއަދު ގަބޫލުކޮށްފިން.." ލޯތްބާއެކު ތާބިޝްގެ ބޮލުގައި ފިރުމާލާފައި ފިޒާ ވިސްނާލި އެވެ.
"ވަރަށް ވަރަށް ވަރަށް ލޯބިވޭ..! ތާބިޝްއަށް، ތާބިޝްގެ މަންމަގެ މުހިއްމުކަން އަހަންނަށްވުރެން ބޮޑަށް އިހްސާސްކުރެވޭނެ އެހެން މީހަކު ހުންނާނެކަމަށް ގަބޫލެއް ނުކުރަން.. އެ ލޯތްބާއި އެ އިހްތިރާމް ދުވަހަކުވެސް ބަދަލުކުރާން ބޭނުމެއް ނޫން.. އެކަން ނުވެސްކުރާނަން.. އެއީ ތާބިޝްގެ ލޮބުވެތި މަންމަ..! އަހަރެންގެ ލޯބިވާއަށް، އޭނާގެ މަންމަ އަބަދުވެސް މުހިއްމުވާ ފަދައިން އަހަންނަށްވެސް ތާބިޝްގެ ކޮންމެ އުފަލަކާއި ކޮންމެ ހިތާމައެއް އަދި ކޮންމެ ކާމިޔާބަކާއި ނާކާމިޔާބެއް މުހިއްމު..! އަހަންނަށް ނުވަތަ އަހަރުމެންގެ ގުޅުމަށް މަންމަގެ ސަބަބުން ކުރިމަތިވި ހުރަސްތަކާއި އެކުރިކަންކަން އެއީ މާޒީ..! އެހުރިހައިކަމެއްގެ ތެރެއިންވެސް ތާބިޝް އިހްތިޔާރުކުރީ މަންމަ.. ތާބިޝްއަށް މުހިއްމުވީވެސް މަންމަ.. މަންމަދެކެވީ ލޯތްބަށް ތާބިޝްގެ ހިތުގައި ކުޑަވެސް ކިލަންބުކަމެއް ނެތްކަން އަހަރެންގެ ލޮލުން ބޮލުން ހެކިވަން.."
އަނެއްކާވެސް ތީބިޝްގެ ނިއްކުރީގައި ފިޒާ ކިސްކޮށްލި އެވެ. އަތުގެ އިނގިލިތައް ތާބިޝްގެ މަޑުމަޑު އިސްތަށިގަނޑާއި ކުޅެލި އެވެ. އަދި ކަންފަތުގައި ތުންފަތްބީހޭހައި ގާތްވެފައި ބުނެލި އެވެ.
"މިހުރިހައި ކަމެއްގެ ތެރެއިން އިބްރަތްހާސިލްކުރީ އަހަރެން.. ތާބިޝްގެ ހިތުގެ ސާފުކަމާއި ލޭގެގުޅުން ތާބިޝްއަށް މުހިއްމު މިންވަރު އަހަރެން ބަލައިގަތިން.. ވަރަށް ރަގަޅަށް އެކަން ދަސްކުރިން..! ތިޔަށްވުރެން މާތް ހިތެއްގެ ވެރިޔަކު އަހަރެން ދުވަހަކުވެސް ނުދެކެން.. ތާބިޝްއަކީ އަހަރެންގެ ފިރިމީހާ ކަމަށްވީތީ އަހަރެން ފަހުރުވެރިވާ މިންވަރު ހާމްކޮށްދޭނެ އިބާރާތެއް ނުވަތަ އެފަދަ ލަފްޒުތަކެއް އަހަރެންގެ އިލްމުގައި ނެތް..! ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ... އަހަރެންގެ ފުރާނައިގައި ވިންދު ހުރިހައި ހިނދަކު، ތތާބިޝްގެ މަންމަ އެންމެ ބޭނުންވާނެ ފަދައިން، މިގެ އާއި އަދި މި އާއިލާ އަހަރެން ބަލަހައްޓާނަން.. އާއިލީ ގުޅުމާއި ހަމަޖެހުމާއި ގޭތެރޭގެ އުފަލަކީ އަހަރެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއްކަމަށްވާތީ އެ ވާޖިބު އެންމެ ފުރިހަމައަށް އަދާކޮށްދޭނަން.. ޔާﷲ މި ކަމުގައި މިއަޅާއަށް ކާމިޔާބު ދެއްވާންދޭވެ..! ތާބިޝްގެ ހިނިތުން ފަނޑުނުކުރައްވައި ތާއަބަދަށް ފުރިހަމަ ސިއްހަތާއި ކާމިޔާބު މިންވަރުކުރައްވާ، އަޅަމެންގެ އާއިލާ އުފަލުގައި ލައްވާންދޭވެ..! ތާބިޝްގެ އަންބެއްގެ މަގާމަކީ މިއަޅާއަށް އަމާންކަމެއްކަމުގައި ލައްވައި ފަހުރެއްކަމުގައި މިންވަރުކުރައްވާންދޭވެ..!" ހަމްދު އެޅުމަށްފަހު ތާބިޝްގެ ނިއްކުރީގައި މަޑުމަޑުން ފިޒާ ކިސްކޮށްލި އެވެ.
"އެންޑް އައިއެމް ލަކީ ޓު ހޭވް ޔޫ އޭޒް މައި ވައިފް ފިޒާ..!" ފިޒާގެ މަޑުމަޑު ތުންފަތް ތާބިޝްގެ ނިއްކުރިއާއި ވަކިކޮށްނުލެވިގެން އުޅެނިކޮށް ފިޒާއަށް ލިބުނީ ޝޮކެކެވެ. (ނުނިމޭ)