
މިރޭ 6:30ހާއިރު ހުޅުމާލެއަށް ގަދަ ވަޔާއެކު ވިއްސާރަ ކުރި އެވެ. މި ކޮޅިގަނޑުގައި ވެއްޓިފައި ވަނީ ފިތުރޯނު މަގު، ހުޅުމާލެ ފެރީޓާމާލް ސަރަހައްދުގައި ހުރި ގަހެކެވެ.
އެ ގަސް ވެއްޓިފައި ވަނީ ޕޭމަންޓު ގާތަކާއެކު މުލުން ލުހިގެންނެވެ. ގަސް ވެއްޓުމާއެކު، އެ ސަރަހައްދުގައި ވަޅުލާފައި ހުރި ބައެއް ކޭބަލްތަކަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވެ އެވެ.
ގަދަ ވައިގެ އަސަރު ވަރަށް ބޮޑަށް ކުރާ ހުޅުމާލެ 2 ގައި ވަނީ ޕާކުކޮށްފައި ހުރި ސައިކަލްތައް ވެސް ވަޔާ އެކު ވެއްޓިފަ އެވެ.
ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެސް ވެހުނެވެ. އެކަމަކު ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ވައި މަޑުވެ ވާރޭ ވެސް ހުއްޓާލައި އާދައިގެ ހާލަތަށް މޫސުން ބަދަލުވެފަ އެވެ.
މިރޭ 9:00 އިން ދަންވަރު 3:00 އާ ހަމައަށް ނެރެފައިވާ އެލާޓުގައިވާ ގޮތުން އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވަހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.