ads
ޖެމްކިއު އެޕްގެ ސްކީރީން ޝޮޓެއް
ޖީއެމްސީއީއަކީ ޕިރަމިޑް ސްކީމެއް، ޕްރޮމޯޓްކުރާ މީހުންނަށް ފިޔަވަޅު އަޅާނަން: ފުލުހުން
ޖެމްކިއު އިންވެސްޓްމެންޓް ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
Advertisement

ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ގިނަ ދިވެހީން ދަނީ މި ސްކީމަށް އިންވެސްޓުކުރަމުންނެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުންދާ ކަމަށް ވެއެވެ.

އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ.

ދެ އިދާރާއިން ގުޅިގެން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުންދާ މި ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫންކަމަށެވެ. އަދި މިއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުން ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި ޖީއެމްސީއީ ނުވަތަ ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފައި،" ބަޔާނުގައި ބުނެފައިވެ އެވެ.

އެ ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއްކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެއްކަމަށް ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.

"ޓެކްނޮލޮޖީއާ އެކު ތައާރަފްވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރަމެވެ."

ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ސީއެމްޑީއޭ އާއި ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ސްކީމްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ތަކުރާރުކޮށް ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.

ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ބޭނުންކުރާތާ އަހަރެއް ވެއްޖެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް