
ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަފުލާއެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓުރޭޝަން އޮޑިޓޯރިއަމްގައި ބާއްވައިފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމެވެ.
ނާޒިމު ވިދާޅުވީ ލޭ އެޅުމުގެ ހިދުމަތް ފޯރުކޮށް ދޭ މަރުކަޒުތަކުން ދެމުންދާ ހިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒް ކުރުމުން ލޭ ހަދިޔާ ކުރާ މިންވަރާއި، ލޭ އެންމެ ބޮޑަށް ބޭނުންވާ ހާލަތްތަކާއި، ސަރަހައްދުތައް ދެނެގަނެވޭނެ ކަމަށެވެ.
އެގޮތަށް އެއްކުރެވޭ މައުލޫމާތުގެ ބޭނުންކޮށްގެން ދިރާސާތައް ހަރުދަނާ ކުރެވި، އެފަދަ ދިރާސާތަކުގެ އެހީގައި ރާއްޖެއަށް ބޭނުންވާ ލޭގެ ހިދުމަތުގެ ސިޔާސަތުތައް އެކުލަވާލުމަށްވެސް ފަސޭހަ ވާނެ ކަމަށެވެ.
ނާޒިމު ވިދާޅުވީ ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަން ފެށުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ ފަރާތްތައް ކަނޑައެޅުމަށް ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ އެންޑޯސްކޮށް ތަންފީޒުކުރުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.