
މިއީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ހިއްކި 10 ހެކްޓަރުގެ ބިން ހިއްކުމުގެ އަގަށްވާ 1.6 މިލިއަން ޑޮލަރު ނުވަތަ 24 މިލިއަން ރުފިޔާ، ސަރުކާރު ކުންފުނި އެމްޓީސީސީ އަށް ދެއްކުމަށް ލަންކާ ކުންފުންޏެއްގެ މައްޗަށް ކުރި ހުކުމެވެ.
ރަސްމާލެ ހިއްކުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރަސްމާލެ ނަމުގައި ތަރައްގީކުރާ ކ. ފުށިދިއްގަރު ފަޅުން ބިން ހިއްކުމަށް ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީސީ) އާ ހަވާލުކޮށްގެން ޑިސެމްބަރު، 2023 ގައި ފެށި އެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކީ އެމްޓީސީސީންނެވެ.
ސީއެމްސީސީސީއާ އާއި އެމްޓީސީސީއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން އެ މަސައްކަތުގެ އަގަށްވާ 1.6 މިލިއަން ޑޮލަރު ސީއެމްސީސީސީން ނުދައްކާތީ އެމްޓީސީސީން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ސީއެމްސީސީން އެއްބަސްވެފައިވާތީ އެއީ ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ. ސިވިލް ކޯޓުން ހުކުމް ކުރީ މިއަދުން ފެށިގެން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެ ތަރައްގީކޮށް އެ ތަނުން 11،000 ގޯއްޗާއި 26،000 އަށް ވުރެ ގިނަ ފްލެޓު ދޫކުރާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އެއީ 240،000 އަށް ވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް އެކި މަސައްކަތް ކުރާނެ އެވެ.
ކ. ފުށިއްގަރުފަޅު، "ރަސް-މާލެ"ގެ ނަމުގައި ތަރައްގީކުރަން، ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. އެކަމަކު، ތަފާތު ދަތިތައް ދިމާވެ، އެންމެ އެކަށީގެންވާ ސްޕީޑުގައި އެ މަސައްކަތް ކުރިއަށް ނުގެންދެވެ އެވެ.