
އަންނަ ހޯމަ ދުވަހުގެ ރޭ އެ ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ 9:00 ގަ އެވެ.
މި ޖަލްސާ އަކީ ނަޝީދާ އެކު ދަ ޑިމޮކްރެކްޓްސްގެ މެންބަރުން އެމްޑީޕީއާ އަލަށް ގުޅުމާއި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެން ބާއްވާ ހާއްސަ ޖަލްސާއެކެވެ.
ސަލްޓަން ޕާކުގައި މި ޖަލްސާ ބޭއްވުމަށް ސަރުކާރުން ހުއްދަ ދިނީ، ޖަލްސާ ބާއްވަން ތަނެއް ނުދިން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވަނިކޮށެވެ. އޭރު އެމްޑީޕީން ބުނީ، ތަނެއް ނުދީފި ނަމަ ޖަލްސާ ބާއްވާނީ، ރައީސް ދިރިއުޅުއްވާ މުލީއާގޭ ކަންމަތީގައި ކަމަށެވެ.
އެކަމަކު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ރޭ ވަނީ އެމްޑީޕީގެ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކު ކުއްޔަން ދިން ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން ވަނީ މި ޖަލްސާގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފަ އެވެ.
ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފާސްކުރި ގަރާރަކުންނެވެ.