
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގުރުއާން ހިތުދަސް މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ހާފިޒުންނަށް މިހާރު ލިބެނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. އެހެންކަމުން ދެން އެ އިނާޔަތް 4،000 ރުފިޔާ އަށްވުރެ މަތިވާނެ އެވެ.
ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ހާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޒުންނަށް ލިބޭނެ އެވެ.
ރައީސް ވިދާޅުވީ ހާފިޒުން ތަމްރީނުކުރުމާއި އެ މީހުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ.