
ބަންޑާރަނައިބުގެ އޮފީހުގައި ރަނގަޅު ފެންވަރުގެ ކޮލިޓީ ވަކީލުންނާއި މުވައްޒަފުން ނެތް ކަމަށް ނާޒިމް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ބަންޑާރަ ނާއިބުގެ އޮފީހުގެ ގާނޫނަކީ، ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލެކެވެ. މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އިސްލާހު ކުރުމާއި، އެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށްޓަކައި ހުށަހެޅުއްވި ބިލުގެ ބަހުސެވެ.
ނާޒިމް ވިދާޅުވީ، މީގެ ކުރިން ސިވިލް ސާވިސް އޮނިގަނޑުގެ ތެރެއިން މުސާރަ ދީގެން މުވައްޒަފުން ނަގަން ޖެހިފައި އޮތުމުން ރަނގަޅު ފެންވަރުގެ ވަކީލުންނާއި މީހުން އެ އޮފީހަށް ނުލިބޭ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވަކާލާތުކުރެއްވި ކަމަށެވެ. މީގެ އިތުރުން ޖުޑިޝަރީ އިސްލާހު ކުރުމަށް، ވަރަށް ގިނަ ބިލްތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނު ވުޖޫދާށް ގެނެވުނު އިރުގައި އޭތި ރޯލްއައުޓް ކުރެވިފައި އޮތީ ކުރަންވާ ގޮތަކަށް ނޫން ކަމަށާއި އެހެންވީމާ މީޑިއޭޝަންގެ މަރުހަލާވެސް އޮތީ މެދު ކެނޑިފައި ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެ އިސްލާހުތަކަކީވެސް ވަރަށް ބޮޑެތި އިސްލާހުތަކެކެވެ.
ނާޒިމް ވިދާޅުވީ، ބަންޑާރަނައިބު އޮފީހުގެ މަސައްކަތްތައް އަވަސްކޮށް، ރަނގަޅުކުރުމަށްޓަކައި މިހާރު ހުށަހެޅިފައި އޮތް އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށެވެ. އޭރުން ރަނގަޅު ފެންވަރުގެ ވަކީލުން އެ އޮފީހަށް ލިބޭނެ ކަމަށާއި، ފުނިޖެހިފައި އެ އޮފީހުގައި ހުރި މަސައްކަތްތައް ވެސް 'ކުޑަ އަޑި' ވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މި ފަހުން ވެސް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހެއް ގެނައެވެ. އެ އިސްލާހާއެކު މިހާރު އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަނީ ވަކިކޮށްފައެވެ. އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މެއި މަހުގެ 29ގައެވެ.