ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ތިނަދޫ ކައުންސިލްގެ މެންބަރުން - ފޮޓޯ: ތިނަދޫ ކައުންސިލް
އެލްޖީއޭއިން ތިނަދޫ ކައުންސިލުގެ ވެރިނަށް ފިޔަވަޅު އެޅުން އެމްޑީޕީން ކުށްވެރިކޮށްފި
ތިނަދޫ ސިޓީ ކައުންސިލްއަށް ތުހުމަތުވާ ސީރިއަސް ކަންތައްތަކެއް ބެލުމަށް ފަހު، އެ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރީ އެއްވެސް އަސާސެއް ނެތި ކަމަށް ބުނެ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރި ކޮށްފި އެވެ.
Advertisement

އެލްޖީއޭ އިން ބުނީ ތިނަދޫ ކައުންސިލާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކޮށްފައިވާކަން ފާހަގަކޮށް އެލްޖީއޭގެ ރިޕޯޓްގައި ވަނީ 19 މައްސަލައެއް ހިމަނާފަ އެވެ. 

މި އިންކުއަރީގައި ބަލާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި އެހެން ރަށަކަށް ރައްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން ނަގަން ނިންމި 5,000 ރުފިޔާގެ ފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވުމާއި އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުން ހިމެނެ އެވެ. އަދި އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ހަމައެއާއެކު، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ ސިޓީ ކައުންސިލެއް އުފައްދާފައި ނުވަނީސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރައާއި ތިނަދޫ ސިޓީ ކައުންސިލްގެ މެޔަރާއި މެމްބަރުން ނަގާފައިވާ މައްސަލައިގެ އިތުރުން އަދިވެސް ބައެއް މައްސަލަތައް އެލްޖީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ސިވިލް ސާވިސް ގާނޫނާއި ހިލާފަށް އިއުލާން ކުރުމެއްނެތި މުވައްޒަފުން ނެގުމާއި ވަކި ފަރާތަކަށް މަންފާވާގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެލްޖީއޭގެ އިންކުއަރީގައި ފާހަގަކޮށްފައިވެ އެވެ. 

އެލްޖީއޭގެ ނިންމުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެލްޖީއޭ އިން ނިންމި ނިންމުމަކީ އަންނަ އަހަރު އޮންނަ ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ތިނަދޫ ކައުންސިލްގެ އަގު ވައްޓާލުމަށް ކުރި ކަމެއް ކަމަށެވެ.

"މި މައްސަލަތައް ބެލުމަށް ތިނަދޫ ސިޓީ ކައުންސިލުން އެލްޖީއޭއަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް އެ ކައުންސިލުން މި ޕާޓީއަށް މައުލޫމާތު ދީފައިވޭ. އެއްވެސް އިންޒާރެއް ދިނުމެއް ނެތި އަވަސް އަރުވާލައިގެން މިއަދު ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވާއިރު، މިހާތަނަށް އައިއިރު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރީ ހިންގުން އިސްލާހު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން އެލްޖީއޭއިން އަންގާފައި ނުވޭ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

މީގެ އިތުރުން، މިއަދުގެ އޮފީސް ބަންދުކުރިއިރު ވެސް މިފަދަ ފިޔަވަޅެއް އަޅާފައިވާކަން އެލްޖީއޭގެ ފަރާތުން ތިނަދޫ ސިޓީ ކައުންސިލަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށް އެމްޑީޕީން ފާހަގަ ކުރެ އެވެ. 

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ މިއީ ބާރުތައް މަރުކަޒު ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި އެލްޖީއޭ މެދުވެރިކޮށް ސަރުކާރުން ކައުންސިލްތަކާ ދެކޮޅަށް އަޅަމުންދާ ގައިރު ގާނޫނީ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެމްޑީޕީން ގޮވާލި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް