ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޕާޓީ ހިންގާ މީހުން އެތެރޭގައި އިންތިހާބުގައި ވާދަ ކުރުން: ނިމުމަކަށް ގެންނަށް ޖެހޭ
ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމެއް ގާއިމު ކުރިތާ މި މަހުގެ 25 ވަނަ ދުވަހަށް 20 އަހަރުވީ އެވެ. ޕާޓީ ސިސްޓަމުގެ ވާހަކަ އާއި ޑީމޮކްރެޓިކް ނިޒާމެއްގެ ވާހަކަ ބަޔަކު ދެއްކީ ވާދަވެރިކަމާ އެކު ދުޅަހެޔޮ ސިޔާސީ ހަރަކާތެއް ހިންގުމަށާއި ހަމަހަމަ ފުރުސަތެއް އެންމެންނަށް ވެސް އޮންނަށް ޖެހޭނެކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ.
Advertisement

މި އަސާސް އަކީ ގިނަ ބަޔަކަށް ގަބޫލު ކުރެވުނު އަދުލުވެރި ގޮތެކެވެ. ނަމަވެސް މާޒީވެ ދިޔަ 20 އަހަރު ތެރޭގައި ސިޔާސީ ޕާޓީތަކުން ދަތުރު ކުރީ ދިމާ އިދިކޮޅަށް އަދުވެރިކަން ނެތް ކަމުގެ އިހްސާސް ކުރެވޭނެ މަގުންނެވެ. ނަތީޖާ އަކަށް ވަނީ އެތެރޭގެ ސިޔާސީ ހަރަކާތްތަކުގައި ޕާޓީގެ ވަސީލަތް ނަހަމަގޮތުގައި ވަކި މީހަކަށް ނުވަތަ ވަކި ފިކުރަކަށް ބޭނުން ކުރުމުގެ ފުރުސަތު ތަންމިނަން ހުޅުވިފައި އޮތުމެވެ. 

އެ ނާއިންސާފު އުސޫލު ކުރިއަށް ނެރެ ޕާޓީ ހިންގުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ޕާޓީތައް އުފަން ކުރި ދުވަސްވަރަށް ވުރެ ބޮޑަށް ޕާޓީތައް ނިކަމެތިވެ ޕާޓީތައް ރޫޅުމެވެ. އަދި ޕާޓީތައް ބަލިކަށިވުމެވެ. ސިޔާސަތުތަކަށް ތަބާވާ ބައެއްގެ މައްޗަށް ހިންގާ މުއައްސަސާއަކަށް ވުރެ ބޮޑަށް މީހާ ނުވަތަ މީހެއް ވަށައިގެން އުޅޭ ބައެއްގެ މައްޗަށް އެކުލެވޭ ޖަމާއަތަކަށް ވުމެވެ.

ސިޔާސީ ޕާޓީ އުފައްދައި ހިންގަން ފެށި ގޮތުން ޕާޓީ ލީޑް ކުރަން ހަވާލުވާ މީހާ އަކީ އުސޫލެއްގެގޮތުން ޕާޓީގެ ހުރިހާ ވަސީލަތެއް ބޭނުން ހިފުމުގެ ފުރުސަތު އޮތް މީހަކަށްވެ އެވެ. ނަތީޖާއަކަށް ވެގެން ދަނީ އެތެރޭގެ އިންތިހާބުތަކުގައި ޕާޓީ ލީޑް ކުރާ މީހާ ވާދަ ކުރުމުން އޭނާ އާ ވާދަ ކުރާ އަނެއް މީހާ އާ ދެ މީހުންނަށް ލިބެނީ ހަމަހަމަ ފުރުސަތެއް ނުލިބުމެވެ. މާޒީން ފެނުނު ގޮތާއި އަދި އިންސާނީ ބުއްދިން ވިސްނާ ފިކުރު ކުރުމުން، ދެ މީހުންނަށް އެއް ވަރުގެ ހަމަހަމަ ފުރުސަތު އޮތް ކަމަށް ދެކުމަކީ އިންސާފެއްތޯ އެވެ.

ޕާޓީ ލީޑް ކުރާ މީހާއަށް ޕާޓީގެ ވަސީލަތް ބޭނުންކޮށްގެން ނެޓްވޯކް އުފެއްދުމާއި ބިނާކޮށް ހަރުދަނާ ކުރުމަށް އޮންނަ ފުރުސަތު އިންތިހާ އަށް ލިބެ އެވެ. އެހެން ކަމުން އޭނާ އާ އެއް މަގާމަކަށް ވާދަ ކުރާ ދެ ވަނަ މީހާ އަށް އެ ވަރުގެ ފުރުސަތެއް ނުލިބެ އެވެ. އެ ސަބަބަށްޓަކައި ދެ މީހުން ވާދަ ކުރާ ވާދަ ކުރުމުގައި އެ ދެ މީހުން އެ ވާދަ ކުރަނީ ސިޔާސީ ޕާޓީ އުފެއްދި އެންމެ ބޮޑު މަގުސަދާ ހިލާފަށް ހަމަހަމަ ފުރުސަތެއް ލިބިގެން ނުވާ އިންތިހާބެއްގަ އެވެ. 

މިއީ ރާއްޖޭގައި މިހާތަނަށް ޕާޓީތަކުން ހެދި އެންމެ ބޮޑު އެއް ގޯހެވެ. އަދި ރައްޔިތުންގެ އިތުބާރު ގެއްލެއް ދިމާވި އެއް ބޮޑު އެއް ސަބަބު ވެސް މެ އެވެ. މިކަން މިހެން އޮތުމުން ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވެ އެ ހިޔާލު ތަފާތުވުން ބޮޑު ފިތުނަކަށް ވެގެން ގޮސް ޕާޓީ ނިކަމެތިވެގެން ދެ އެވެ. އަދި ވަކި ބައެއްގެ މަންފާއަށް ހިންގާ ޕާޓީއެއްކަން އާންމުންނަށް އެނގި ހާމަވެ، ޕާޓީތަކާ މެދު ރައްޔިތުން ފޫހިވެ އެވެ.

"މިސާލަކަށް ސަރުކާރު ލިބިފައި އޮތް ވަގުތެއްގައި ވަޒީރަކު މި ވާދަ ކުރަނީ ޕާޓީގެ ލީޑް ކުރަން. އޭނާ އާ މިވާދަ ކުރަނީ ޕާޓީ ތެރޭގައި މަގުބޫލު މެމްބަރަކު. މި ހާލަތުގައި މި ވާގޮތަކީ ވަޒީރަކަށް ހުރި މީހާ އަށް އެބަ ލިބޭ އޭނާގެ މަގާމުގެ ގޮތުން އިތުރު ބާރުތަކެއް މެމްބަރުންގެ މައްޗަށް ހިންގުމަށް . އަދި ތާއިދު ހޯދުމަށް. މި ކަހަލަ ގޮތަކަށް ޕާޓީތައް ހިންގާ ނަމަ ޕާޓީގެ ކުރިއެރުމަށް ވުރެ ޕާޓީއަށް ލިބޭ ގެއްލުން ބޮޑުވާނެ އަދި ރައްޔިތުންގެ ތެރޭގައި ޕާޓީގެ އަގު ވެއްޓި އިތުރުބާރު ގެއްލޭނެ." ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ގޯހަށް ވުރެ ބޮޑު ގޯހެއް ސިޔާސީ ޕާޓީތަކުން އަދި ހަދާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ ޕާޓީ ހިންގުމާ ހަވާލުވާ މީހާ ޕާޓީގެ ރިޔާސީ ޓިކެޓް ހޯދަން ވާދަ ކުރުމެވެ. 

މި އުސޫލަކީ އިންސާފުވެރިކަމާ އެކު ކަމެއް ހިންގުމަށް އޮތް ފުރުސަތު ގެއްލިގެން ގޮސް ޕާޓީގެ މުޅި ނިޒާމް ހަލާކުވެ ފިތުނަ ވެރިކަމަށް މަގު ފަހިވާ ކަމެކެވެ. އޭނާ މި ކަމުގެ މިސާލެއް ވެސް ދެއްވި އެވެ.

"ނިކަން ބައްލަވާ ޕާޓީގެ އިސް ލީޑަރު ކަމާއި ޕާޓީ ހިންގުމުގެ އިސް މީހާ އާ އަދި ސަރުކާރު ހިންގުމުގެ އެންމެ އިސް މީހާގެ މަގާމުގައި ހުރި މީހާ އެއް ފަޅި އަށް އަރައިގެން ބާއްވާ އެތެރޭގެ އިންތިހާބެއްގެ އިންސާފުވެރިކަން އޮންނާނެ ގޮތް. އެއީ އެއް ގޮތަކަށް ވެސް ޕާޓީއަށް ވެސް އަދި އިންސާފުވެރި ކަމަށް ބެލިޔަސް ބުއްދީގެ ހަމައިން އިންސާފުވެރި ގޮތަކަށް ނުވާނެ ކަމެއް. އަދި އެކަމުން ޕާޓީއަށް ލިބޭނެ މަންފާއެއް ވެސް ނޯންނާނެ. ކުރިމަގަށް ބަލާއިރު،" ނަން ހާމަ ކުރަން ނޭދޭ އެ ދިރާސާވެރިޔާ ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާގޮތުގައި ރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުން މިހާރު ވަނީ މުޅިން އަލަށް ތަރުތީބު ކުރަން ޖެހިފަ އެވެ. އެގޮތުން ޕާޓީ ހިންގުމަށް އެކަމަށް ހާއްސަ ބަޔަކު ކަނޑައަޅަން ޖެހެ އެވެ. އެ ބަޔަކަށް ޕާޓީގެ އެތެރޭގައި ބާއްވާ އިންތިހާބެއްގައި ވާދަ ކުރުމުގެ ފުރުސަތު މަނާ ވާނެ ގަވާއިދުތަކަކާއި އުސޫލުތަކެއް އަންނަން ޖެހެ އެވެ. އެ ކަމަކީ ގާނޫނު އަސާސީން މެދުވެރިކޮށްގެން މަނާ ކުރަން ޖެހޭ ކަމަށް ދިރާސާ ވެރިޔާ ދެކިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ޕާޓީގެ މެމްބަރުންގެ ތެރޭގައި ޑިމޮކްރެސީގެ މިންގަނޑު އަށަގެންނެވުމާއި ޕާޓީގެ ކަންކަމުގައި ބަސް ކިޔުމުގެ ފުރުސަތު އާންމު މެންބަރުންނަށް ދީ މެންބަރުން ބޭނުން ނުވާ ހާލަތެއްގައި ޕާޓީގެ ހިންގުމަށް އެންމެ އިސްކޮށް ހަވާލުވެ ހުންނަ މީހަކު/ނުވަތަ ބަޔަކު ވަކި ކުރުމުގެ ބާރު އަދި އަލުން އާ ބަޔަކު އިންތިހާބު ކުރުމަށް ވޯޓު ލުމުގެ ފުރުސަތު ޕާޓީގެ ހުރިހާ މެންބަރުންނަށް އޮންނަގޮތަށް ސިޔާސީ ޕާޓީތަކުގެ ހިންގުމުގެ އޮނިގަނޑު ބަދަލުވާން އެބަޖެހެ އެވެ. 

އަދި ސަރުކާރު ލިބިފައިވާ ވަގުތެއްގައި ނަމަ، ސަރުކާރުގެ މަގާމެއް އަދާ ކުރާ މީހަކަށް ވެސް ޕާޓީގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު ނުދިނުމަށް ސިޔާސީން އެއްބަސް ވާން ޖެހެ އެވެ. އެއީ، ސިޔާސީ ބާރުވެރިކަމުން ވަޒީފާތައް ހޯދުމަށް ބޭނުން ކުރާ ހަތިޔާރަކީ ސިޔާސީ ޕާޓީކަމުގައި ނުހެދުމަށެވެ. 2005 ން ފެށިގެން ސިޔާސީ ޕާޓީތައް އުފައްދާ ސިޔާސީ ހަރަކާތް ހިންގުމަށް ލިބުނު ގާނޫނީ ފުރުސަތުގެ ތަޖުރިބާއިން އިތުރަށް ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށެވެ. 

ޕާޓީ ހިންގުމުގައި ޖާމިނުވެފައިވާ މީހަކަށް އެތެރޭގެ އިންތިހާބެއްގައި ބައިވެރިވެވޭނީ ވާދަ ކުރާ މަގާމުގެ މުއްދަތާ އެއް ވަރުގެ މުއްދަތެއް ޕާޓީގެ މަގާމު ދޫކޮށްލި ތާރީހާ މެދު އޮވެއްޖެ މީހަކަށް ކަމުގައި ކަނޑައެޅުން ވެސް ބުއްދިވެރި އެވެ. ނޫންނަމަ ސިޔާސީ ޕާޓީތަކުގެ ކުރިމަގު ބަނަވެ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރާބު ވެދާނެ އެވެ. ޕާޓީ ނިޒާމަށް އިތުބާރު ބޮޑުވެގެން ނޫނީ މި ނިޒާމް ރާއްޖޭގައި ދަމަހައްޓަން ދަތިވެސް ވެދާނެ އެވެ. ރައްޔިތުން ފޫހިވެ މިހާރަށްވުރެ ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކުން "ހުސްގޮނޑި" ފެންނުން ގިނަވެދާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް