
އިއްޔެ ވެސް ވަނީ މާލޭގެ އިރުމަތީ ފަރާތު، ކާނިވާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ. އަދި އިއްޔެ މާލޭގެ ދެކުނު ފަރާތުގައި އޮންނަ އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިވެ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. މެޓް އޮފީހުން މިހެން ބުނެފައިވާއިރު މާލެއަށް އިއްޔެ އުދައެރުމުގެ ސަބަބުން ބައެއް ކެފޭތަކުގައި ހިދުމަތް ދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު ރާއްޖޭގެ ކަނޑުތައް މިއަދު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.