
ހަވީރު 3 އިން 6:30 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.
މި ފެސްޓިވަލްގައި ބެހެއްޓިފައިވާ ސްޓޯލްތައް ބައްލަވާލެއްވުމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމްވެސް ޒިޔާރަތްކުރެއްވިއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން، މިނިސްޓަރު ތޯރިގު ވިދާޅުވީ އެ މިނިސްޓްރީން މަސައްކަތް ކުރަނީ މިފަދަ ހަރަކާތްތައް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ލ. އަތޮޅަކީ ނެޗުރަލް ކެޕިޓަލް އެކައުންޓް ބެލުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ އަތޮޅަކަށްވާތީ، މިއަހަރު ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް އެ އަތޮޅުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ފެސްޓިވަލްގައި ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން، ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ބައިވެރިވިއެވެ. ފެސްޓިވަލްގައި ބެހެއްޓިފައިވާ ސްޓޯލްތަކުގައި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ މައުލޫމާތު ހިއްސާކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ބޭއްވުނެވެ.