
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން މީގެ ތެރޭގައި 214,365 ރުފިޔާ މުދަލާއި ހިދުމަތް ހޯދުމަށް އެދޭ ފޯމު ތައްޔާރުނުކޮށް އަދި ވެރިއެއްގެ ހުއްދަ ނެތި ހަރަދުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ހިދުމަތާއި މުދާ ލިބުނުކަން ކަށަވަރުނުކޮށް 162,765 ރުފިޔާ ދައްކާފައިވާކަންވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ސީރިއަސް މައްސަލައަކީ އެއް މަސައްކަތަކަށް ދެފަހަރު ފައިސާ ދައްކާފައިވާ މައްސަލައެވެ. ފުޓުބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަސައްކަތަށް، ޕްރޮގްރެސް ޕޭމަންޓުގެ ގޮތުގައި 85,818 ރުފިޔާ ދެފަހަރު ދައްކާފައިވާކަން ފާހަގަކުރެވިފައިވެއެވެ. މި މަސައްކަތަކީ ޖުމުލަ 1.58 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އޮޑިޓް ހެދުނު ތާރީހު ކަމުގައިވާ 25 ޖެނުއަރީ 2024ގެ ނިޔަލަށްވެސް، ދެފަހަރަށް ފައިސާ ދެއްކިފައިވާކަން ކައުންސިލަށް ފާހަގަކުރެވިފައި ނުވާކަން އޮޑިޓުން ދައްކައެވެ.
ދަރަވަންދޫ ކައުންސިލްގެ އޮޑިޓުން ފާހަގަކުރެވުނު މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެކެވެ. ހާއްސަކޮށް، 2022 ވަނަ އަހަރު ފާހަގަކުރެވުނު މައްސަލަތައް 2023 ވަނަ އަހަރުވެސް ތަކުރާރުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުނުކުރުމާއި، މާލީ ކަންކަން ބެލެހެއްޓުމުގައި ފުރިހަމަ ނިޒާމެއް ގާއިމުކުރެވިފައި ނެތުމަކީ އިސްލާހުކުރަންޖެހޭ މުހިންމު ކަންކަމެވެ. މި މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން މި އޮޑިޓުން ސާފުކޮށް ދައްކައެވެ.