
އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ޝެލްޓަރބައި ހިންގަން ކުރި އިއުލާނަށް ދެ ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިހާރު އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީގެ އޮފިޝަލެއް މައުލޫމާތު ދިނެވެ.
ޖުމްލަ 5000 އަކަ ފޫޓުގެ ބިމެއްގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އޮޅުހިޔާ ހުޅުއްވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަ މުހައްމަދު މުއިއްޒެވެ. ފުރަތަމަ މި ތަން ހިންގުމަށް ހަވާލުކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާއެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ބުނެ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ފެސިލިޓީ ވުޒާރާއަށް އަނބުރާ ހަވާލުކުރުމަށް އެންގިއެވެ. މިއަހަރުގެ ފެބްރުއަރީ މަހު އޮޅުހިޔާ ވަނީ އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
އޮޅުހިޔާ މިނިސްޓްރީއާ ހަވާލުކުރިއިރު ގިނަ ހިދުމަތްތައް ގާއިމްނުވެ، އޮޅުހިޔާއިން ދޭންޖެހޭ ގިނަ ހިދުމަތްތަކެއް ވަނީ ހުއްޓިފައެވެ. މިނިސްޓްރީން ކަމާގުޅޭ އޮފިޝަލެއް ބުނާ ގޮތުގައި އޮޅުހިޔާގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން ވެސް އިއުލާނުކޮށްފައިވެއެވެ. މިނިސްޓަރު ޑޮކްޓަ މަރިޔަމް މާރިޔާ ވިދާޅުވި ގޮތުގައި އޮޅުހިޔާގައި ބުޅާ ބެލެހެއްޓުމަށް ކޮންމެ ބުޅަލަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެއެވެ.