
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހުށަހެޅުއްވި ބިލް ބަލައިގަންނަން 49 މެންބަރުން ވޯޓު ދެއްވި އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މި ބިލުގައި ދެން އޮތީ ތެލެސީމިއާ ސެންޓަރުގެ އިސްވެރިޔާގެ މަގާމުގައި ހުންނަ ޑިރެކްޓަރު އައްޔަން ކުރަން ޖެހޭ ގޮތާއި އެ މަގާމަށް އަންނަ މީހެއްގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތަކަށް ބައެއް ބަދަލުތައް ގެނައުމަށެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން އެ މަގާމަކީ ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރަން ޖެހޭ މަގާމެކެވެ. އެކަން ކުރުމުގެ ކަމާ ގުޅުން ހުރި ވަޒީރު ނުވަތަ ހެލްތު މިނިސްޓަރުގެ ލަފާ ހޯދާކަށް ނުޖެހެ އެވެ.
މަގާމުގެ ޝަރުތަކީ، މެނޭޖްމަންޓް ދާއިރާ އާއި ތެލަސީމިއާގެ ދާއިރާގައި މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހުން ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ މީހަކު މަސައްކަތް ކުރަން ޖެހެނީ ވަޒީރުގެ އާންމު އިރުޝާދުގެ ދަށުން ކަމަށް ބުނެފައިވެ އެވެ.
މި ގާނޫނަށް ސަރުކާރުން ވަނީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް އިތުރުކޮށްފަ އެވެ. މިހާރު ގާނޫނުގައި ކާވެންޏާ ގުޅޭ މާއްދާއެއް ނެތް ނަމަވެސް ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެއް އޮވެއެވެ.
އެ މާއްދާގެ ފަހަތަށް އިތުރުކުރާ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނިކުރުމަށް ހުއްދަށް އެދި ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގަ އެވެ. އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނެއް ރާއްޖޭގައި ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 25 އޭޕްރީލް 2012 ގަ އެވެ. އަދި 10 މެއި 2012 ގައި އެ އަށް އަމަލުކުރަން ފަށައި މި ހޭދަވި 13 އަހަރު ތެރޭ އެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައެއް ނެތެވެ.