
ރ. އަތޮޅުގައި ހިލޭ ދަތުރުކުރެވުނު މުއްދަތު މާދަމާ ހަމަވުމާއެކު ބުރާސްފަތި ދުވަހުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތަށް އަގު ނަގަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ދަތުރުތައް ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިމަހުގެ 2 ވަނަ ދުވަހާ ހަމައަށް އެ ފެރީން ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. މިގޮތުން ހިލޭ ދަތުރު ކުރެވޭ މުއްދަތު ބުރާސްފަތި ދުވަހު ހަމަވުމާއެކު ރަށު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ މިއަދުން ފެށިގެން ކަސްޓަމަރުންނަށް އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް އާރްޓީއެލް ރ. އަތޮޅުގެ ރޫޓްތަކުގައި ދަތުރު ކުރުމަށް ޓިކެޓް ބައްލަވައިގަނެވޭނެކަމަށެވެ. އާރްޓީއެލްއިން ރ. އަތޮޅުގައި ކުރާ ދަތުރުތަކުގެ އަގު އާރްޓީއެލްގެ ވެބްސައިޓް މެދުވެރިކޮށް ބެލޭނެއެވެ.