
މި ފޯރަމްގައި ބޭރުގެ އިންވެސްޓަރުންނާއި، ވިޔަފާރިތަކުގެ އިސްވެރިންނާއި، ދެ ގައުމުގެ ސަރުކާރު މަންދޫބުން ހިމެނެއެވެ. ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މި ފޯރަމްގައި ދެ މުހިންމު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. ފުރަތަމަ އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނަރސްއާ ދެމެދު ވެވުނު ރެސިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއް ތައާރަފުކުރުމުގެ ހިދުމަތުގެ އެއްބަސްވުމެވެ. ދެވަނަ އެއްބަސްވުމަކީ ޕްރޮޖެކްޓް ސޯލާ ސިޓީގެ އިންވެސްޓްމަންޓް އެގްރީމަންޓެވެ. މިއީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ އޮނިގަނޑުގެ ދަށުން ގާއިމުކުރެވޭ 100 މެގަވޮޓްގެ ފްލޯޓިން ސޯލާ މަޝްރޫއެކެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ވިޝަން 2040 ގެ ދަށުން ރާއްޖޭގެ އިގްތިސާދީ ބަދަލުވުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ފޯރަމްގައި ހާމަކުރެވުނު ކަމަށެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ. މި ފޯރަމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، އިންވެސްޓްމަންޓްގެ އައު ފުރުސަތުތައް ހޯދުމަށް މަގުފަހިކޮށްދިން މުހިންމު ފޯރަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.