
ބީއެމްއެލް އިން ފީ ނަގާނެކަން އިއުލާނުކޮށްފައިވަނީ ހަ ވެބްސައިޓަކުންނެވެ. އެއީ ދިވެހިން އެންމެ އާންމުކޮށް ބޭނުންކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. އެ ސައިޓުތަކުން ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ ޓްރާންސެކްޝަނަކުން ވެސް 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ އެވެ.
ބީއެމްއެލް އިން ބުނީ، ދިވެހި ރުފިޔާގެ ކްރެޑިޓް ކާޑާއި ޑޮލަރުގެ ކްރެޑިޓް ކާޑުން އެ ފީއާ ނުލައި ވިޔަފާރިކުރެވޭނެ ކަމަށެވެ.
މި ބަދަލު ގެނައި ނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީ ނުނަގާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
މި ނިންމުމާ ގުޅިގެން އާންމު ރައްޔިތުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް ބީއެމްއެލުން ބުނީ ބީއެެމްއެލްގެ ކާޑުތަކުން ކުރާ ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު އެ ބޭންކުން ހަރަދުކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ އޮންލައިން ޕްލެޓްފޯމްތަކަށް ކުރާ ޚަރަދުކަމަށް ބީއެމްއެލުން ބުންޏެވެ.
އެގޮތުން ފީ ނަގާނެކަމަށް އިއްޔެ އިއުލާނުކުރި ހަ ޕްލެޓްފޯމަށް، 75 ޕަސެންޓުގެ ތިންބައިކުޅަ އެއްބައި ހަރަދުކުރާ ކަމަށް ބީއެމްއެލުން ބުންޏެވެ.