
އެމްއައިބީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިމްޕޯސިއަމްގެ ޑިޖިޓަލް ޕާޓްނަރު، ދިރާގު އަދި އިވެންޓް ޕާޓްނަރު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ވަނީ ސޮއިކޮށްފި އެވެ. މިދިޔަ އަހަރު ސިމްޕޯސިއަމްގެ ޕާޓްނަރުންގެ ގޮތުގައި ވެސް ދިރާގު އަދި ގެސްޓްހައުސް އެސޯސިއޭޝަން ހިމެނުނެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގެ ފައިނޭންޝަލް ކޮންޓްރޯލާ ހަސަން އަލިމަނިކު ވިދާޅުވީ ގެސްޓްހައުސް ސިމްޕޯސިއަމްއިން އެ ދާއިރާގެ އެންމެން އެއްތަނަކުން ބައްދަލުވެ، ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.
އެހެންވެ ސިމްޕޯސިއަމްގައި ބައިވެރިވެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ އެދިވަޑައިގަތެވެ. މިފަހަރު ވެސް އިވެންޓު އޮންނާނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކްރޮސްރޯޑުގަ އެވެ.
އެމްއައިބީގެ ގެސްޓް ހައުސް ސިންޕޯސިއަމްއަކީ މިދިޔަ އަހަރު އެބޭންކުން ފުރަތަމަ ފަހަރަށް ބޭއްވި ސިންޕޯސިއަމެކެވެ. މިއަހަރު މި ސިމްޕޯސިއަމް އޮންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
އެމްއައިބީ ގެސްޓްހައުސް ސިންޕޯސިއަމްއަކީ ގެސްޓްހައުސް ވިޔަފާރިތަކަށް އެއް ފުރާޅެއްގެ ދަށުން ގިނަ ކަންކަމާއި މަޝްވަރާކޮށް ހައްލުތަކެއް ހޯދޭނެ ގޮތަށް ފަރުމާ ކުރެވިގެން ކުރިއަށްދާ ސިންޕޯސިއަމްއެކެވެ.
މި އަހަރުގެ ސިންޕޯސިއަމްގައި ކަމުގެ ތަޖުރިބާކާރުން މުހިންމު ކަންމަކާމެދު މަޝްވަރާކޮށް ތަޖުރިބާ ހިއްސާ ކުރުމަށް ހަމަޖެހިފައިވެއެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އެބޭންކުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް ރާއްޖޭގެ ބޭންކިން ނިޒާމަށް އިންގިލާބީ ބަދަލު ތަކެއް ގެންނަމުންނެވެ.