
މިއާއެކު، 2021 ވަނަ އަހަރު ތޯލިބާންނުން އަފްގާނިސްތާނުގެ ވެރިކަން ހޯދި ފަހުން އެ ސަރުކާރު ރަސްމީކޮށް ބަލައިގެން ފުރަތަމަ ގައުމަކަށް ރަޝިޔާ ވެގެން ގޮސްފައިވާކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ. މިއީ ސިޔާސީ ގޮތުން ތާރީހީ ބޮޑު ބަދަލެކެވެ.
ރަޝިޔާގެ ހާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ހަކަތަ، ދަނޑުވެރިކަން، ދަތުރުފަތުރު، އަދި އުމްރާނީ ތަރައްގީފަދަ ދާއިރާތަކުގައި ގުޅުންތައް އިތުރަށް ބަދަހިވާނެ އެވެ.
މި ނިންމުމަށް އަފްގާނިސްތާނުގެ ވަގުތީ ހާރިޖީ ވަޒީރު އަމީރު ހާން މުއްތަގީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ މިކަމަށް ސިފަކުރައްވާފައިވަނީ "ހިތްވަރުގަދަ ނިންމުމެއް" ކަމުގަ އެވެ. އަދި މިކަމަކީ އެހެން ގައުމުތަކަށްވެސް މިފަދަ ނިންމުންތައް ނިންމުމަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށް އޭނާ އުއްމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެސް ވަނީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ތޯލިބާ ނުންނަކީ " އެކުވެރިއެއް" ކަމަށް ބުނެ މިދިޔަ އަހަރުގެ ޖުލައި މަހު ވާހަކަފުޅު ދައްކަވާފައެވެ. ތޯލިބާނުންގެ މަންދޫބުން ވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާތަކަށް ރަޝިޔާއަށް ޒިޔާރަތްވެސް ކޮށްފަ އެވެ.
ނަމަވެސް ރަޝިޔާ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ އަފްގާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތުމުން އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ.
އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބައި، 2021 ވަނަ އަހަރު ތޯލިބާނުން ވެރިކަމާ ހަވާލުވުމުން، އަފްގާނިސްތާނުގައި ހުރި ގިނަ އެމްބަސީތައް ބަންދު ކުރި ނަމަވެސް، ރަޝިޔާއަކީ އެމްބަސީ ބަންދު ނުކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އަދި 2022 ވަނަ އަހަރު އަފްގާނިސްތާނަށް ތެލާއި ގޭހާއި ހަނޑުލުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ތޯލިބާނުންނާއެކު ބައިނަލްއަގުވާމީ އިގްތިސާދީ އެއްބަސްވުމެއްގައި އެންމެ ފުރަތަމަ ސޮއިކުރި ގައުމަކީވެސް ރަޝިޔާއެވެ.
އަފްޣާނިސްތާނުގެ ބާޒާރެއް. -- ފޮޓޯ: އޭއެފްޕީ
- ދުޝްމަނުންގެ ގޮތުގައި ތިބެ، އެކުވެރިންނަށް ބަދަލުވުން
ރަޝިޔާއިން ތޯލިބާން ބަލައިގަތުމަކީ، އެ ދެ ފަރާތުގެ ގުޅުންތަކަށް އައިސްފައިވާ ބޮޑު ބަދަލެކެވެ. ކުރިން އެ ދެ ފަރާތަކީ ވަރަށް ބޮޑު ދުޝްމަނުންނެވެ. 1979 ވަނަ އަހަރު ސޯވިއެޓް ޔޫނިއަންއިން އަފްގާނިސްތާނަށް އަރައިގަތުމުން، އެމެރިކާގެ އެހީތެރިކަން ލިބުނު އަފްގާން ހަނގުރާމަވެރިންނާއެކު ދިހަ އަހަރު ދުވަހުގެ ކުރިމަތިލުމެއް ކުރިމަތިވި އެވެ. 1990ގެ އަހަރުތަކުގައި ތޯލިބާނުން ފުރަތަމަ ފަހަރަށް ވެރިކަން ކުރިއިރުވެސް، ރަޝިޔާއިން ތާލިބާނާ ދެކޮޅު ފަރާތްތަކަށް އެހީތެރިވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރަށް ގޯސްވެފައި އޮތެވެ.
ނަމަވެސް، ފަހަކަށް އައިސް ރަޝިޔާއިން ވަނީ ތޯލިބާނާ ގާތްގުޅުމެއް ބަދަހިކޮށްފަ އެވެ. ހާއްސަކޮށް، އަފްގާނިސްތާނާއި ރަޝިޔާގައި ހަމަލާތައް ދިން އައިއެސްއައިއެސް-ކޭ އަށް ދެފަރާތުންވެސް ދެކޮޅު ހެދުމުގެ ސަބަބުން ގުޅުންތައް ވަނީ ރަނގަޅުވެފަ އެވެ. 2022 އަދި 2024 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު މުހިންމު އިގްތިސާދީ ފޯރަމްތަކުގައި ތޯލިބާނުން ބައިވެރިވުމަކީ ގުޅުންތައް ރަނގަޅުވެފައިވާކަން ދައްކުވައިދިން ކަމެކެވެ. މިދިޔަ އޭޕްރީލް މަހު ރަޝިޔާއިން ވަނީ ތޯލިބާނަކީ "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަނޑައެޅުން ނައްތާލައި، "އަމަލީ ގޮތެއްގައި" ކުރިއަށް ދިއުމަށް ގޮވާލާފަ އެވެ.
އެހެން ގައުމުތައްވެސް އެމަގުން ހިނގާނެބާ؟
އަފްގާނިސްތާނުގެ ތޯލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތް ފުރަތަމަ ގައުމުގެ ގޮތުގައި ރަޝިޔާ ވުމުން މިކަމަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ވަރަށް ބޮޑު ސަމާލުކަމެއް ދެވިފައިވާ ކަމެކެވެ. ރަޝިޔާއިން މިކަންކުރުމާއެކު، ދެން އެހެން ކޮން ގައުމުތަކެއް މިގޮތަށް އަމަލުކުރާނެބާ މިހާރު ވަނީ ސުވާލު އުފެދިފައި އެވެ.
- ޗައިނާ
ޗައިނާއިން ވަނީ ތޯލިބާނާއެކު އިގްތިސާދީ ގުޅުންތައް ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރު ސޮއިކުރެވުނު 25 އަހަރުގެ ތެޔޮ ވިޔަފާރީގެ ބޮޑު އެއްބަސްވުމެއް ހިމެނެ އެވެ. ޗައިނާއިން ތޯލިބާނުގެ އިސްވެރިންނަށް މެހެމާންދާރީ އަދާކޮށް، އަފްގާނިސްތާނަށް ހާއްސަ މަންދޫބުންވެސް ކަނޑައަޅާފައިވާއިރު، އަދިވެސް އެ ގައުމުން ވަނީ ތޯލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ. ނަމަވެސް ތަހުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޗައިނާގެ މަސްލަހަތަށް ފައިދާވާނެ ނަމަ، ރަޝިޔާގެ ފަހަތުން ގޮސް ތޯލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތުމަކީ ޗައިނާ އިންވެސް ކުރުން އެކަށީގެންވާ ކަމެކެވެ.
- އިރާން
މީގެ ކުރިން ތޯލިބާނަށް ވަރުގަދަ ފާޑުކިޔުންތައް އަމާޒުކުރި އީރާނުން މިހާރު ވަނީ އެ ގްރޫޕާއެކު ގާތް ގުޅުންތަކެއް ބަދަހިކޮށްފަ އެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ދެ ފަރާތަށްވެސް "އައިއެސްއައިއެސް-ކޭ' އާ މެދު އޮތް ކަންބޮޑުވުންތަކެވެ. ތޯލިބާނުގެ އިސްވެރިން ފަހުން ބޭއްވުނު ތެހެރާން ޑައިލޮގް ފޯރަމްގައި ބައިވެރިވެފައިވެ އެވެ. ތާލިބާން ރަސްމީކޮށް ބަލައިގަންނާނެކަން އަދި ކަށަވަރު ނޫން ނަމަވެސް، އީރާނުން ކުރިއަށްގެންދާ ސިޔާސީ މަސައްކަތްތަކުން މިކަމުގައި ބަދަލެއް އައުމުގެ ފުރުސަތު ބޮޑުކަން އަންގައިދެ އެވެ.
- މެދުތެރޭ އޭޝިޔާގެ އަވަށްޓެރި ގައުމުތައް
އުޒްބެކިސްތާނާއި ތުރުކުމެނިސްތާން ފަދަ ގައުމުތަކުން ވަނީ މަޑުމައިތިރިކަމާއެކު ނަމަވެސް، ކާބުލްއާ (އަފްގާނިސްތާނުގެ ވެރިރަށް) ގުޅުންތައް ބޭއްވުމަށް ސާބިތުކަމާއެކު މަސައްކަތްކޮށްފަ އެވެ. މައިގަނޑު ގޮތެއްގައި މި ގުޅުންތައް ބިނާވެފައިވަނީ ވިޔަފާރިއާއި ބޯޑަރު ސަލާމަތަށްޓަކަ އެވެ. އެހެންކަމުން، ރަޝިޔާގެ ފަހަތުން މި ގައުމުތަކުންވެސް ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ތާޖިކިސްތާން އަކީ ތާލިބާނާ ދެކޮޅު ގްރޫޕުތަކާ ގުޅުން ބަދަހިކޮށްފައިވާ ގައުމެއް ކަމުން، އެ ގައުމުން މި ނިންމުން ނިންމުމުގެ ފުރުސަތު ކުޑަ އެވެ.
ތޯލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަންނަ ދެވަނަ ގައުމުގެ ގޮތުގައި ޕާކިސްތާނު ހިމެނިދާނެކަމަށް ބެލެވުނު ނަމަވެސް، ތޯލިބާނާއި ޕާކިސްތާނާ ދެމެދު ވަނީ ރޭނގަނޑު ދެކޮޅަށް ހުރި ގުޅުމެއް ކަމަށް ބެލެވި ފައެވެ. ސަރަހައްދީ ހަމަނުޖެހުންތަކާއި، ތަހްރީކު-އި-ޓާލިބާން ޕާކިސްތާނު (TTP) އާއި ގުޅުންހުރި އެލަޔެންސްގެ ސަބަބުން މިގުޅުން ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. ކަންކަން ހަމަޖެއްސުމަށް ފަހުގެ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް، ޕާކިސްތާނުގެ ދާހިލީ ސަލާމަތީ ކަންކަމަށްޓަކައި އެ ގައުމުން ރަސްމީކޮށް ޓާލިބާން ބަލައިގަތުމަށް ދެކޮޅު ހަދާނެކަމަށް ބެލެވެ އެވެ.
ޕާކިސްތާނާއި ވާދަވެރި އިންޑިޔާގެ ސިޔާސަތުވެސް ތޯލިބާން އަނބުރާ ވެރިކަމަށް އައި ފަހުން ވަނީ ބަދަލުވެފަ އެވެ. ކުރިން ތާލިބާނާ ދެކޮޅަށް ވަރަށް ވަރުގަދައަށް ތިބި އިންޑިޔާއިން މިހާރު ވަނީ އަފްގާނިސްތާނުގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވައި، ތޯލިބާނުގެ އޮފިޝަލުންނާ މަޝްވަރާ ފަށާފަ އެވެ. އެހެންނަމަވެސް، އެ ގައުމުން އަދި ކައިރި މުސްތަގުބަލެއްގައި ރަސްމީކޮށް ތޯލިބާން ބަލައިގަންނާނެ ކަމަށް ނުބެލެވެ އެވެ.
ނަމަވެސް އިންޑިއާ އަކީ ސަރަހައްދީ އަދި އިގްތިސާދީ މުހިންމު ބައިވެރިއެއް ކަމަށް ތާލިބާން ސަރުކާރުން މިފަހުން ވަނީ ބުނެފަ އެވެ. ތޯލިބާނުން މިހެން ބުނީ އަފްގާނިސްތާނުގެ ވެރިކަން 2021 ވަނަ އަހަރު އަލުން ހޯދި ފަހުން އެ ދެ ގައުމުގެ މެދުގައި ބޭއްވި އެންމެ މަތީ ފެންވަރުގެ ވާހަކަތަކަށް ފަހު އެވެ.
އިންޑިއާ ސަރުކާރަކުން ތޯލިބާނުންގެ ސަރުކާރު ރަސްމީކޮށް ގަބޫލު ނުކުރި ނަމަވެސް ތާލިބާނުން ވެރިކަމަށް އައިތާ އަހަރެއް ނުވަނީސް 2022 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާއިން ވަނީ ކާބުލްގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވައި މިޝަން ހިންގުމަށް "ފަންނީ މާހިރުން" ގެ ޓީމެއް ފޮނުވައިފަ އެވެ.
އެމެރިކާ އާއި އިނގިރޭސި ސިފައިން، 20 އަހަރު ވަންދެން އަފްގްނިސްތާނު އަޅުވެތިކޮށް ތިބުމަށް ފަހު، އޮގަސްޓް 2021 ގައި އެ ގައުމުން ފޭބުމާއެކު، ތޯލިބާނުންގެ ހަނގުރާމަވެރިން ވަނީ، އެ ގައުމުގައި އޮތް ސަރުކާރު ވައްޓާލައި، ވެރިކަމަށް އަރައިފަ އެވެ.
އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްގާނިސްތާނަށް އެރުމުގެ ކުރިން، 1996 ން 2001 އަށް ވެސް އަފްޣާންގައި އޮތީ ތާލިބާން ޖަމާއަތުގެ ވެރިކަމެކެވެ. ތޯލިބާނުންގެ ވެރިކަން އޮތް ދުވަސްވަރު، އެ ގައުމުގެ އަންހެނުން ތިބީ ގިނަ ހައްގުތަކުން މަހުރޫމް ކޮށްފަ އެވެ. އަންހެނުންނަށް ކިޔަވައިދިނުމާއި އަންހެން ކުދިން ސްކޫލްތަކަށް ފޮނުވުން ހުއްޓާލައި، ވަޒީފާ އަދާކުރުން ވެސް މަނާކުރި އެވެ. އޭގެ އިތުރުން އާންމު ތަންތަނަށް އަންހެނުން ނުކުމެ ކުޅިވަރުތައް ކުޅުމާއި ޕާޓީތައް ބޭއްވުން ވެސް މަނާކުރި އެވެ.
އޭގެ 20 އަހަރު ފަހުން، އޮގަސްޓް 2021 ގައި އަލުން ވެރިކަމަށް އެރުމަށް ފަހު، ތޯލިބާނުން އެންމެ ފުރަތަމަ ވެސް ބުނީ، މިއީ ކުރީގެ ތޯލިބާން ޖަމާއަތް ނޫން ކަމަށާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކޮށްދޭނެ ކަމަށެވެ. އަދި ދެން ކުރާ ވެރިކަން އޮންނާނީ ދުނިޔެ އަށް އަފްގާނިސްތާން ހުޅުވިފައި ކަމަށެވެ.