
މިގަޑީގައި ހޮސްޕިޓަލުގައި އޭނާ އުޅެފާނެ ބާ އެވެ! ހިތާހިތުން ކިޔާލެވުނެވެ.
ހަމަ އެހިނދުގައި ދުނިޔޭގެ މުޅި ކާއިނާތު ޝައްޔާންއަށްޓަކައި ކުރުނީސްކޮށްލިފަދަ އެވެ. ޝައްޔާންގެ ކަނާތްފަރާތުން އެ ހުރަސްކުރީ ޑޮކްޓަރ އަމާރާ އެވެ. އަތުގައި އޮތް ކްލިޕްބޯޑާއި ކަނދުރާ މައްޗަށް އެއްލާފައި އޮތް ސްޓެތަސްކޯޕަށް ޝައްޔާން ބަލައިލި އެވެ. ޑޮކްޓަރުގެ ފުރިހަމަ ޔުނިފޯމްގައި އަމާރާއަށް ވުރެން ފުރިހަމަ އެހެން 'ޑޮކްޓަރަކު' ޝައްޔާން ދެކެފައިނުވާކަން ކަށަވަރެވެ.
އާޝޯހްވެފައި ބަލަހައްޓައިގެން ހުރެވުނީ ވައިގެތެރޭގައި އަމާރާގެ އިސްތަށިގަނޑުން، ބައެއް އިސްތަށިތައް އޭނާއަށް ގޯނާކުރަމުންދިޔަ މަންޒަރު ނުހަނު ހިތްގައިމުވިތީ އެވެ.
ހަމަނޭވާލެވޭކަން އިހްސާސްވުމުން ހިންދިރުވާލެވުނެވެ.
ދެމީހުންގެ ނޭވާ އެއް ވައިރޯޅިއެއްގައި ބީހިގެން ދިޔަވަގުތުވެސް އަމާރާ، ޝައްޔާން ފެނުނުކަމަށް ނުހެދި އެވެ.
ދެޖީބަށް އަތްޖަހާލާފައި ޝައްޔާން ހިނިތުންވި އެވެ. ހުވަފެނީ ގޮތަކަށް ބަލައިލީ ތަފާތު އިހްސާސަކުން ހިނިތުނންވުމެއް ގެނުވީތީ އެވެ. ފަން، ދިގު އިސްތަށިގަނޑު އައްސާލާފައިވާގޮތުން އޭނާ ހިނގަމުންދިޔަވަރަކަށް ވައިގެ ތެރޭގައި އެ އިސްތަށިގަނޑު ނަށާލަ އެވެ. އަމާރާގެ ހުރިހައި ޝައުގުވެރިކަމެއް ދީފައިވަނީ، އޭނާގެ ޕޭޝަންޓުންނާއި ބެހޭގޮތުން ގާތުގައި ހުރި ނަރުސް ދެމުންދިޔަ މައުލޫމާތަށެވެ.
ދާދި ގާތުން ހިނގަމުންދިޔަ އެއްވެސް މީހަކަށް ބެލުމެއް ނެތެވެ. އެސްފިޔަ ޖަހައިނުލައި ބަލަހައްޓައިގެން ހުރި 'ސްޕަސްޓަރ'
އަށްވެސް ސަމާލުކަމެއް ނުދިނެވެ.
ޝައްޔާންގެ އާދަޔާހިލާފު ހަރަކާތް، ޒަހްރާއަށް ފާހަގަކުރެވެން މާގިނައިރެއް ނުނެގި އެވެ.
"ޝައްޔާން، ދަރިފުޅާ.. ދަންނަ މީހަކު ފެނުނީތަ..؟ ކާކާއިދިމާއަށް ތިވަރަށް ތިބަލަނީ..؟" ޒަހްރާ ސުވާލުކުރީ ހައިރާންވެފަ އެވެ.
"ނަތިންގ" އަވަސްއަވަހަށް ޝައްޔާން ބުނެލި އެވެ.
ނަމަވެސް އޭނާގެ ހަރަކާތަކަށް ނުވަތަ ބަލަމުންދިޔަ މިސްރާބަކަށް ބަދަލެއް ނައެވެ. ލޮލުގެ ކަޅި އަމާޒުވެފައިވަނީ ޑޮކްޓަރ އަމާރާ އާރިޒް ފަހުމީ އަށެވެ.
ނާއުއްމީދީ ހިނިތުންވުމަކުން ޝައްޔާންގެ މޫނުމަތީގެ ކުލަ ބަދަލުވެއްޖެ އެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އޭނާ ފެނުމުން، ނުވަތަ އޭނާގެ ގާތްވުމުން އަމާރާއަށް އަސަރެއް ނުކުރި އެވެ.
އިހްސާސްކުރެވުނު އަދި ލޮލުން ހެކިލިބުނު ހަގީގަތް ގަބޫލުކުރަން ސިކުނޑި އެއްބަހެއް ނުވި އެވެ.
ދެތިން ފިޔަވަޅެއް ފަހަތަށް އަޅައިލުމަށްފަހު ޝައްޔާން ގާތްވެލީ ރިސެޕްޝަން ކައުންޓަރާ އެވެ. އޭނާގެ އެންމެ ޝާހީގޮތުގައި ހިނިތުންވެފައި މޫނުމަތީގެ ކުލަވަރު ތާޒާކޮށްލި އެވެ.
"އެކްސްކިއުޒް މީ ސިސްޓަރ.." ކޮލުދަތްތައް ފެންނަވަރަށް ހިނިތުންވެފައި ޝައްޔާންގެ ފަރިކަން އެ ނަރުހަށް ދައްކާލި އެވެ.
"ޑޮކްޓަރ އަމާރާއަށް ގުޅާލަދެވިދާނެތޯ؟ އެއީ އަޅުގަނޑުގެ ހާއްސަ ޑޮކްޓަރ.. އަޅުގަނޑުގެ އެކްސިޑެންޓަށްފަހު ބެއްލެވީ ޑޮކްޓަރ އަމާރާ.. އަޅުގަނޑުގެ މަންމަ، ޑޮކްޓަރ އަމާރާއަށް ދައްކާލަން ބޭނުންވެގެން މި އައީ.." ވަރަށް އަސަރާއެކު ޝައްޔާން ބުނެލީ އޭނާގެ ފަރިކަން ނަރުހުންނަށް ދައްކާލަމުންނެވެ.
މުޅި މީޑިއާގައި އޮތް 'އެކްސިޑެންޓްގެ' މައުލޫމާތު އެކަކަށްވެސް އޮޅިފައި ނެއްކަން ޝައްޔާންއަށް ފެންނަމުންދިޔަ 'ތުއި މަންޒަރުން' ސާފުކޮށް އެގެ އެވެ.
ކުރިމަތީގައި ހުރި 'ޝަހްސިއްޔަތަށް' ނޫނެކޭ ބުނުމުގެ ހިޔާލެއްވެސް ނަރުސްގެ ނެތެވެ. ލިބުނު އުފަލާއި ފަހުރުގައި ތެޅިގަތީ ފޯނު އަތުގައި ޖެހޭތޯ އެވެ.
"ޔެސް ސަރ! މިހާރު މި ގުޅަނީ" އަވަސްއަރުވާލާފައި ބުންޏެވެ.
އެއްމިޔަކަނުން ހިނިއައިސްފައި ކައުންޓަރުގައި ލެނގިލައިގެން ހުރީ އޭނާގެ ކާމިޔާބަށް ފަހުރުވެރިވެފަ އެވެ. ހިތާއި ހިތުން ޝައްޔާން ބުނެލި އެވެ.
އަމާރާ އެވެ. ތިޔަގޮތަށް ނުފެންނަކަމަށް ހަދައިގެން އުޅެވޭނީ ކިހައި ދުވަހެއްވަންދެން ހެއްޔެވެ؟
..............
އިރުކޮޅެއްގެ ފަހެވެ.
ވަށައިގެން ހިނގަމުންދިޔަ 'ޝައުގުވެރި' އެއްވެސް ކަމަކަށް ފަރުވާލެއް ނެތެވެ. އޭނާގެ ވާޖިބާއިގެން ކުރިއަށް ދިއުމަށްޓަކައި އަމާރާ އަތުވެއްޖެ އެވެ. ހަމަޖެހިލާފައި ޝައްޔާން ކޮޅަށްތެދުވެ، ފިލްމީ ރާގަކަށް އޭނާގެ 'ހިތްގައިމުކަން' އިޝްތިހާރުކޮށްލެވޭތޯ މަސައްކަތް ފެށި އެވެ. އަމާރާގެ ސަމާލުކަމަށް ގޮންޖެހުން ފިޔަވައި އިތުރު މަގްސަދެއް އެ 'ޑްރާމާގައި' ނެތްކަން ޔަގީނެވެ.
މިފަހަރުވެސް ލިބުނީ ނާކާމިޔާބެވެ. ޝައްޔާންއަކީ އެތަނުގައި ހާޒިރުވެހުރި މީހެއްކަންވެސް އަމާރާއަށް ނޭގެ އެވެ. އަމާރާގެ ހުރިހައި ސަމާލުކަމެއް ހުއްޓުނީ އެތަނުގައި ހާޒިރުވެހުރި ނަރުހަށެވެ.
"ނާރސް، ޕްލީޒް އެސިސްޓް ދި ޕޭޝަންޓް!" ހިނިތުންވެފައި އަމާރާ އިޝާރާތްކޮށްލީ ނަރުހަށެވެ. އޭނާގެ ވާޖިބު އަދާކުރުމުގައި ސިކުންތެއްވެސް ލަސްނުކުރި އެވެ.
"އަޅުގަނޑަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް، ހުން އައުންފަދަ އާންމުބަލިތަކަކީ އަޅުގަނޑުގެ ދާއިރާއެއް ނޫން..!" އަމާރާގެ ޖުމުލަ ސާދާ އެވެ.
ދެއްކުންތެރިކަމެއް ނުވަތަ ޖެއްސުން ކުރުމުގެ ރޫހެއްވެސް އެ ބުނެލުމުގައި ނެތެވެ. ނަމަވެސް އެ ޖުމުލައިގެ ކޮންމެ އިބާރާތެއް ޝައްޔާންގެ ކަންފަތާއި ހަމައަށް ވާސިލްވީ، ބާރު ސްޕީޑްގައި އޭނާގެ ސިކުނޑިއަށް އަމާޒުވި ބަރު ހިލަގަނޑެއްގެ ސިފައިގަ އެވެ.
"ގުޑް ޓު ސީ ޔޫ އެގެއިން މިސްޓަރ ރައިޒާދް! މިއީ ވަރަށް ޒިންމާދާރު ނަރުހެއް.. ތިކަމަށް އެންމެ އެކަށީގެންވާ ޑޮކްޓަރަށް ދެއްކުމުގައި އެއްވެސް އުނދަގުލެއް ކުރިމަތިވިޔަނުދީ، އެކަން އޭނާ ކޮށްދޭނެ..!" އަރައިގެން ހުރި 'ހީލް'ގެ އަޑާއިއެކު އަމާރާ އެނބުރުނީ އެތަނުން ނިކުތުމަށްޓަކައި ދޮރާއި ދިމާއަށެވެ.
މިފަހަރުވެސް ފަސްއެނބުރި ބަލައިނުލި އެވެ. ގަސްތުގައި މީހަކު ޝައްޔާން ޔޫސުފް ރައިޒާދްގެ މޫނުމަތީގައި 'އެތިފަހަރެއް އެޅީ' އެވެ.
ޝައްޔާންގެ އަތެއް ފައެއް ހަރަކާތްނުކުރިތާގައި އެސްފިޔައެއް، ވަޔާވެސް ތެޅިނުލި އެވެ. ގަނޑުވެފައި ހުރީ ލިބުނު ޝޮކްގެ ބާރުގަދަކަމުންނެވެ.
އޭނާގެ މަގްބޫލުކަން މިހައި ދަށަށް ދިޔައީ ކޮންއިރަކުބާ އެވެ!
"ސަރ، އެހެން ޑޮކްޓަރެއް އަޅުގަނޑު ހަމަޖައްސަންވީ ތޯ؟" އަމާރާ އެތަނަށް ގެނައުމަށް ޝައްޔާން 'ކުޅުނު ޑްރާމާ' ވަރަށް ރަގަޅަށް އެނގިހުރެ އެ ނަރުސް ސުވާލުކޮށްލި އެވެ.
އިވުނު ޖުމުލައާއެކު ޝައްޔާންގެ ކޯ ކަށިގަނޑަށް ބާރުކޮށްލީ ކަންފަތްބުޑުން އެ ކަށިގަނޑު ނެއްޓޭހައި ބާރަށެވެ.
"ނޯ ނީޑް! އަހަރެން އަމިއްލަޔަށްވެސް އެކަން ކުރެވޭނެ!" ހިންދިރުވައިލަމުން ޝައްޔާން އެނބުރުނީ އޭނާގެ މަންމައާއި ދިމާއަށެވެ.
"މަންމާ.. މިތާގައި މަންމަ މަޑުކޮށްލާ..! ވަރަށް އަވަހަށް އަޅުގަނޑު އެބައަންނަން..!" ޒަހުރާގެ އަޑު އެހުމެއްނެތި ޝައްޔާން ނިކުތީ ވައިގެތެރެއަށް އެ ކޮޓަރީގެ ދޮރު ދޫކޮށްލާފަ އެވެ.
....................
ތުންބުން ނައްޓާލި ކޮފީ ޖޯޑް، ވަތު ތަށީގައި ޝައްޔާން ބައިންދާލި އެވެ. ދެލޮލުގެ ކަޅި އަމާޒުވެފައިވަނީ މޭޒު ހުރަސްކޮށް ކުރިމަތީގައި އިންނެވި، އެ ހޮސްޕިޓަލުގެ އެންމެ އިސް ވެރިޔާގެ މޫނަށެވެ.
"ސޯ....، މިސްޓަރ ރައިޒާދް ބޭނުންފުޅުވެވަޑައިގަންނަވަނީ، މަންމަގެ ޑޮކްޓަރެއްގެ ގޮތުގައި، ޑޮކްޓަރ އަމާރާ ހަމަޖައްސަވަން..؟؟!!" ކުރެވުނީ ސުވާލެއްކަން ނުވަތަ އިއްވާލެވުނީ، ޖޯކުން ފުރިފައި އޮތް ޖުމުލައެއްކަން ބުނެދޭން އެ ބޭފުޅާއއަށްވެސް ނޭގޭނެ އެވެ.
"ޖެހިޖެހިގެން ފާއިތުވި ތިން އަހަރު މި ހޮސްޕިޓަލުގެ 'ބެސްޓް ޑޮކްޓަރ'ގެ މަގާމް ޑޮކްޓަރ އަމާރާ ހާސިލްކުރައްވާފައިވާއިރު، އެއަށްވުރެން 'ބެސްޓް ޗޮއިސް'އެއް އަޅުގަނޑުގެ މަންމައަށް ފަރުވާކުރުމަށް އަޅުގަނޑަކަށް ނުވިސްނޭ.. ސޯ.. ޔެސް!" ޖެހިލުމެއް ނެތި، ޝައްޔާން ބުނެލުމުން އިސްވެރިޔާ، އަހްކާމް މުހައްމަދު ވިސްނާލި އެވެ.
ހިމޭންވަގުތުކޮޅަކަށްފަހު އެއްބުމަ މައްޗަށް ހިއްލާލި އެވެ.
"ހޫމް.. މިވަނީ ކިހިނެއްކަންކަން އަޅުގަނޑަށް އެނގިއްޖެ!" އަހްކާމް މުހައްމަދު ބުނެލީ ބޯ ތަޅުވާލަފަ އެވެ.
"ކިހިނެއް..؟ ކޮންކަމެއްތޯ..؟" ނިއްކުރިއަށް ރޫ އަރުވާލާފައި ޝައްޔާން ސުވާލުކުރި އެވެ.
"ޑޮކްޓަރ އަމާރާއާއިމެދު، މަނިކުފާނުގެ 'ހާއްސަ ޝައުގުވެރިކަމެއް އުފެދިގެން' ތިޔަ އުޅުއްވަނީ.." ޝައްޔާންގެ ސިއްރު އަތުޖެހިއްޖެކަން އަންގާލުމަށް އަހްކާމްވެސް ލާނެއް ގޮތަކަށް ހިނިތުންވެފައި އޭނާގެ ހައިބަތުބޮޑު ގޮނޑީގައި ހަމަޖެހިލި އެވެ.
"އަހްކާމް... ދިމާކުރުން ހުއްޓާލާ!! ކޮންމެވެސް މީހަކު ފޮނުވައިގެން ނޫނީ ސީދާ އަހްކާމް ގުޅައިގެން، އަޅުގަނޑުގެ މަންމައަށް އެޓެންޑްވާން ޑޮކްޓަރ އަމާރާ ފޮނުވައިދެއްވާ..! އެހެން އެއްވެސް ޑޮކްޓަރަކު ލައްވާ މަންމައަށް ފަރުވާކުރާކަށް ބޭނުމެއް ނޫން..! އަޅުގަނޑަށް ކަށަވަރު، 'އަންހެނުންގެ ހާއްސަބަލިތަކުގެ' އިތުރުން، އެތައް ގުނައެއް ޑޮކްޓަރ އަމާރާގެ ހުނަރާއި ގާބިލުކަން، އެހެން ދާއިރާތަކަށްވެސް ހުންނާނެ! އަޅުގަނޑުގެ މަންމައަށް ލިބެންޖެހޭނީ 'ބެސްޓް ހޮސްޕިޓަލުގެ، ބެސްޓް ޑޮކްޓަރގެ ފަރާތުން، ބެސްޓް ސަރވިސް' ރައިޓް..!!" ފިލްމީ ބުނެލުމެކެވެ.
ކާމިޔާބުގެ ކުލަ ނޫނީ ޝައްޔާންގެ މޫނުމަތީގައި ނެތެވެ.
"ފައިން، ފައިން، ފައިން! ރައްޔާ، މިބޭފުޅުން ޑޮކްޓަރ އަމާރާގެ ކެބިންއަށް ގެންގޮސްދެއްވާ!" މޮބައިލް ފޯނު ނަގާފައި އަހްކާމް، ނަމްބަރަކަށް ގުޅާލި އެވެ.
އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާން ގޮނޑިން ތެދުވީ އޭނާގެ މަސައްކަތަށް ފަހުރުވެރިވަމުންނެވެ.
.................
އަމާރާގެ ކެބިންގައި އޭނާ އިނީ ބަލިމީހުންގެ ފައިލްތައް ދިރާސާކުރުގަ އެވެ. ކުއްލިޔަކަށް ސިއްސައިގެން ދިޔައީ ނުގަޑިއެއްގައި ދޮރުގައި ޖަހައިލި ޓަކީގެގަދަ އަޑަށެވެ. ހިފަހައްޓައިގެން އިން ގަލަމުގެ ތުނޑުން ނަޒަރު އުފުލާލައިފައި އަމާރާ ބަލައިލީ ދޮރާއި ދިމާއަށެވެ.
ކުރިމަތީގައި ހުރީ ޝައްޔާން އެވެ.
އޭނާގެ މަންމަގެ އަތުގައި ހިފާލައިގެން އެ ހުރީ އެއްމިޔަކަނުން ހިނިއައިސްފަ އެވެ.
އެއީ ކާމިޔާބުގެ ކުލަތަކެއްކަމާމެދު އަމާރާ ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.
"އައި އެމް ސޯ ސޮރީ ޑޮކްޓަރ އަމާރާ، ވަރަށް އުނދަގޫކުރެވޭ ދެއްތޯ..!! ދެ ދުވަސްވަންދެން އާދައިގެ ހުމެއް އައުން ފިޔަވައި އިތުރު އެއްވެސް ކަމެއް އަޅުގަނޑުގެ ނެތް..! އެންމެ ފަހަރަކުވެސް ހުން ގަދައެއްވެސް ނުކުރޭ.. އެކަމަކު އަޅުގަނޑުގެ ދަރިފުޅު އެއްބަސް ނުވުމުން ހޮސްޕިޓަލަށް ނައިސްވާނެ އެހެން އެއްގޮތެއްވެސް ނެތް!" ހިތްގައިމު ހިނިތުންވުމަކާއެކު ޒަހުރާ ބުނެދިނީ، އަމާރާގެ ދާއިރާވެސް އެނގިހުރެ އެވެ.
ލޮލުން ދަރިފުޅަށް އިޝާރާތްކޮށް، ދެކޮނޑު އަރުވާލާފައި ގެނައި ހަރަކާތަކީ އޭނާއަށް އެހެން ގޮތެއް ނެތްކަން އަމާރާ ގަބޫލުކުރަން މަޖުބޫރު ހަރަކާތެކެވެ.
އާދައިގެ ޖަޒްބާތުތަކެއް ދައްކާލަމުން އަމާރާ ބޮލުން ހަރަކާތްކުރީ، މަޖުބޫރު ހާލަތުގައި ހުރި މަންމައަށް ކުރެވޭނެ ކަމެއް ނެތްކަން އެނގިހުރެ އެވެ.
"އިޓްސް އޯލްރައިޓް، ލެޓްސް ޗެކް..!"
ސްޓްތެސްކޯޕް ހިފައިގެން އައިސް، ޝައްޔާންގެ މަންމަ ޒަހްރާގެ ފަރުވާއަށް އަމާރާ ފަށައިފި އެވެ.
މަންމައާއި ދުރަށްވެސް ޖެހިލާން ބޭނުންނުވާ ދަރިއަކު ފަދައިން، މަންމައާއި ދާދި ގާތުގައި ޝައްޔާން އެހުންނަނީ އަމާރާގެ ސަމާލުކަން އޭނާއަށް ހުއްޓޭނެ ސިކުންތެއްގެ އިންތިޒާރުގަ އެވެ. (ނުނިމޭ)