
މި މަޝްރޫއަކީ މި އޮތޯރިޓީގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން، ށ.ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ 3.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިންމުނީ މިދިޔަ އަހަރުގެ އޮކްޓޯބަރ 31 ގައިކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެއެވެ.
މި އިމާރާތުގެ ކުރެހުމާއި ޑިޒައިން ކުރެވިފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް ލިބިގެންދާނެފަދަ ގޮތަކަށްކަމަށް އެލްޖީއޭއިން ބުނެއެވެ. މިގޮތުން، މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނޭކަމަށް އެލްޖީއޭއިން ބުނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބުރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް ބޭފުޅުންނަށް ވަކިވަކި ކެބިން ހުންނާނެކަމަށް އެލްޖީއޭއިން ބުނެއެވެ.
ށ.ނޫމަރާ ކައުންސިލްގެ އައު ކައުންސިލް އިމާރާތް
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހާއްސަ މާލަމަކާއި، ސްޓޯ ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއެއްގެ އިތުރުން އަންހެން އަދި ފިރިހެނުން ހާއްސަ ފާހާނާ މި އިމާރާތުގައި ހިމެނިފައިވާނެކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.
ށ. ނޫމަރާ ކައުންސިލް އިދާރާގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައިވާ ޖާގައިގެ ގޮތުން ދަތި ވަސީލަތްތައް މަދު އިމާރާތެއްކަމަށާއި. އާ ކައުންސިލް އިދާރާއާއެކު ކުރިން ދިމާވި ދަތިތަކަށް އެދެވޭ ހައްލު ލިބި، ރައްޔިތުންނާއި ގާތުން މިހާރަށްވުރެވެސް ފުރިހަމައަށް ހިދުމަތް ދެވޭނެކަމަށް އެލްޖީއޭއިން ބުނެއެވެ.