ads
އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސްގެ ސީއީއޯ ރިފްއަތު މުހައްމަދު --- ފޮޓޯ: އައިޖީއެސް
ރާއްޖޭން އެންމެ މޮޅު ދަރިވަރުން ބޭރުގައި ކިޔަވަނީ ދަށް ޔުނިވާސިޓީތަކުގައި: އައިޖީއެސް
ގަދަ 10 ގައި ހިމެނުނު ދިވެހި ދަރިވަރުންނާއި ރައީސްގެ ސްކޯލާޝިޕްގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ވެސް ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަނީ އެ ކުދިންނާ އެކަށީގެން ނުވާ ޔުނިވާސިޓީތަކުން ކަމަށް, އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
Advertisement

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑް އަދި ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އައިޖީއެސް އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނާއި ހައި އެޗީވާސް ދަރިވަރުން ހިމެނޭހެން ރާއްޖޭގައި ތިބި މޮޅެތި ގިނަ ދަރިވަރުން ކިޔަވަނީ އެކަށީގެން ނުވާ ޔުނިވާސިޓީތަކުންނެވެ.

އެ ދިރާސާގައި 2022 އަދި 2023 ގައި ސްކޮލާޝިޕް ލިބިގެން ކިޔަވަންފެށި ދަރިވަރުންގެ ނަތީޖާ އާއި އެކުދިން ކިޔަވާ ޔުނިވާސިޓީ އާއި ޔުނިވާސިޓީ ރޭންކިންގެ އިތުރުން އެލީޓް ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތައް ބެލި އެވެ.

އައިޖީއެސްގެ ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރަށް ބެލި ނަމަވެސް ފެންނަނީ މޮޅެތި ދަރިވަރުން ފެންވަރު ދަށް ޔުނިވާސިޓީތަކުން ކިޔެވުމުގެ ސަގާފަތެއް އުފެދިފައި އޮންނަ މަންޒަރު ކަމަށެވެ. އެންމެ މޮޅެތި ދިވެހި ދަރިވަރުން ފެންވަރު މަތީ ޔުނިވާސިޓީތަކުން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން، ރާއްޖޭން ބޭރުން ކިޔަވައިގެން އެއްވަނަ ހޯދާ ދަރިވަރުންނަށް އިނާމުދޭ އުސޫލު ބަދަލުކުރުމާއި ސްކޯލާޝިޕް ލިބޭ ދަރިވަރުން ވަކި ފެންވަރެއްގެ ޔުނިވާސިޓީތަކުން ކިޔަވަން ޝަރުތުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަން ބަދަލު ކުރަން އޮކްސްބްރިޖް އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އަޅުގަނޑުމެން ވަރަށް އަވަހަށް ޕްރޮގްރާމެއް ތައާރަފް ކުރާނަން“ ރިފްއަތު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ މޮޅެތި ދަރިވަރުން ފެންވަރު މަތީ ޔުނިވާސިޓީތަކުން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ރާއްޖެއިން ބޭރުން ކިޔަވައިގެން އެއްވަނަ ހޯދާ ދަރިވަރުންނަށް އިނާމުދޭ އުސޫލު ބަދަލު ކުރުމެވެ.

އިތުރު ކަމެއްގެ ގޮތުގައި އޭނާ ފަހަގަކުރެއްވީ ސްކޮލާޝިޕް ލިބޭ ދަރިވަރުން ވަކި ފެންވަރެއްގެ ޔުނިވާސިޓީތަކުން ކިޔަވަން ޝަރުތު ކުރުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ފާއިތުވި ދެ އަހަރުގެ ސާނަވީ އާއި މަތީ ސާނަވީ އިމްތިހާނުން އެންމެ މަތިން މާކްސް ލިބިގެން ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ އަދަދު 1،800 އަށް ވުރެ ގިނައެވެ. ތަފާތު ހިސާބަށް ބަލާއިރު ރައީސްގެ ސްކޮލަޝިޕް 2023 ގައި މާލޭގެ ސްކޫލުތަކުގެ 19 ދަރިވަރަކަށް ލިބުނެވެ. އަދި އެ އަހަރު އޯލެވެލްގެ ގަދަ10 ގައި 800 އަށްވުރެ ގިނަ ކުދިން ހިމެނުނެވެ.

ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ އިނގިރޭސިވިލާތް ނަގާފައި އެންމެ ގިނައިން ފޮނުވަނީ މެލޭޝިއާއަށެވެ. މެލޭޝިއާއަކީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާ ގައުމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް