
ރާއްޖޭގެ ލިޔުންތެރީންގެ ދުވަހާ ގުޅިގެން ރައީސް ނެރުއްވި ހިތޯބުގައި، ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ލިޔުންތެރީންގެ ދީނީ، ގައުމީ ޒިންމާ އާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެފައިވެއެވެ.
ދީނީގޮތުން ދިވެހީންގެ އަގީދާ އާއި އަދަބު އަހުލާގު ހަރުދަނާ ކުރުމުގައި ލިޔުންތެރީންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އިޖުތިމާއީ ގޮތުން މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން މުހިންމު ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އިގުތިސޯދީ ދާއިރާއަށް ބަލާއިރު، އާ ފުރުސަތުތައް ތައާރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރީންގެ ދައުރު މުހިންމުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ ދާއިރާގައި ވެސް ލިޔުންތެރިންގެ ދައުރު މުހިންމު ކަމަށް ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ލިޔުންތެރީންނަކީ އަމިއްލަ ދީނާއި އަމިއްލަ ގައުމާއި އަމިއްލަ ވަތަނުގެ ދިފާއުގައި އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކު ކަމުގައި ވާން ޖެހޭ ކަމަށެވެ.
ދިވެހި ތާރީހަށް ބަލާއިރު، ރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ވަނީ ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކޮށްފައި ކަމަށާއި، ދިވެހި ލިޔުންތެރީންގެ ގަލަންތައް ދިވެހީންގެ މަސްލަހަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރި ކުރުވުމަށް ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.