
އޮޅުވާލައިގެން މަކާރާ ހީލަތުން ހުޅުމާލެއިން ބިމެއް ހޯދި މައްސަލާގައި ހިމެނޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އެ މަގާމުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިއަދިން ފެށިގެން އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުން ފަޒީލް ވަކިކުރަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައިކަމަށް އެ ކުންފުނިން ބުނެއެވެ.
ފަޒީލުގެ މައްޗަށް ކުރިއަށް ގެންދާ ތަހުގީގާއެކު އިސް މަގާމެއްގައި މުސާރައާއި އެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށްވެސް އެމްޑަބްލިއުއެސްސީން މިއަދު ވަނީ ބުނެފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ވަގު ލިޔުން ތައްޔާރުކޮށް ވިއްކި މައްސަލައިގެ ތުހުމަތުގައި ފަޒީލްގެ ކޮއްކޮ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ހިމެނޭހެން އިތުރު ބައެއްގެ ޕާސްޕޯޓްވެސް ފުލުހުން އޭރު ހިފަހެއްޓިއެވެ. އެހެންނަމަވެސް ފުލުހުން ފަހުން ވަނީ އެ އެންމެންގެ ޕާސްޕޯޓް ދޫކޮށްލާފައެވެ.
ފަޒުލްއަށް ތުހުމަތުކުރެވޭ މައްސަލާގައި ފަޒުލް ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެގެއިން ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ. އެހެންނަމަވެސް ލޯންޗު ފެރީގެ ހިދުމަތް ދޭ ރިލެކްސް ފެރީ ސާވިސްއިން ވަނީ ފަޒުލްގެ ކުންފުންޏަކަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދިން ކަމަށް ބުނެފައެވެ.
އަދި ފަހުން ފުލުހުން ވަނީ މި ފައިސާތައްވެސް ފަޒުލްއާއި ހަވާލުކޮށްފައެވެ.