
މަޖިލީހުގެ އިދާރާއިން މިއަދު ބުނި ގޮތުގައި އިންޑިޔާ ސަފީރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަރިހަށް ޒިޔާރަތް ކުރެއްވީ މިއަދުއެވެ. މި ބައްދަލު ކުރެއްވުމުގެ ތަފްސީލެއް މަޖިލީހަކުން ނުދެއެވެ.
ރާއްޖޭގައި ހުންނަވާ އިންޑިޔާ ސަފީރު، ޖީ ބާލާސުބްރަމާނިއަންވަނީ މި އަހަރުގެ ކުރީކޮޅުވެސް މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސްއާ ބައްދަލު ކުރައްވާފައެވެ.
ބާލާސުބްރަމާނިއަން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ވަޑައިގެންނެވިއިރު، މި މަހުގެ ތެރޭގައި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ޖުލައި 26 ގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވަނީ ރިޕޯޓްތައް އާއްމުވެފައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެ އެވެ.
ބާލާސުބްރަމާނިއަންއަކީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ ސަފީރު ކަމަށް އިންޑިޔާއިން ކަނޑައެޅުއްވި ބޭފުޅެކެވެ. ބާލާސުބްރަމާނިއަނަކީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ރާއްޖޭގެ ސަފީރުކަމާ ހަވާލުވުމާ ހަމައަށް އޭނާ ހުންނެވީ އިންޑިއާ އިން ނައިޖީރިއާއަށް ކަނޑައެޅި ސަފީރުގެ މަގާމުގަ އެވެ.