
އިބުރާހިމް ނަސީމް ރިޒާގެ ނަމުގައި ހުށަހަޅާފައިވާ މި ސިޓީގައި، ކޭޕާކް ރެޒިޑެންސްގެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ޒިންމާ ނަގަން އިންކާރުކޮށް، މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ބުނެފައިވެއެވެ. އެޗްޑީސީން އެތެރޭގެ ރިވިއުތަކެއް ހަދާނެ ކަމަށް ބުނި ނަމަވެސް ދެ އަހަރު ފަހުންވެސް މި މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް، އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބުރާހިމް (ކުޑޫ) މެދުވެރިކޮށް މަޖިލީހަށް ހުށަހެޅި މި ޕެޓިޝަންގައި، މައްސަލައިގައި އެޗްޑީސީން ހައްލެއް ހޯދައިދިނުން ލަސްކުރަމުން ދާތީ އެކަން ތަހުގީގުކުރުމަށާއި، ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާދާރުކުރުމަށާއި، ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް ލިބުން ލަސްވުމުގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކަށް އަދުލުވެރި އަދި އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް މި މައްސަލަ ބަލަން ފަށާފައިވާ ދަނޑިވަޅެއްގައި މި ޕެޓިޝަން ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ.
މިގޮތުން 2016 ގައި ރަސްމީކޮށް އިފުތިތާހުކުރި ކޭޕާކް ރެޒިޑެންސްގެ ފުލެޓުތައް ނިންމަން ތަފާތު ތާރީހުތައް ދިން ނަމަވެސް، މިވަގުތާ ހަމައަށްވެސް އެތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ. މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ގައި ބުނެފައިވަނީ، ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން ފްލެޓުތައް ވިއްކާފައިވާ ކަމަށެވެ. މި ތުހުމަތުތައް ރައްދުވެފައިވަނީ ކުންފުނީގެ މައިނޯރިޓީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އަށެވެ.