
މިދިޔަ މަހު ފުލުހުންގެ ވަޒީފާ ގުޅުނު މި ފުލުސް މީހާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންކަމަށެވެ. އަދި ކޯޓް އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ އާއި ސައިކަލް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯ ސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 191.92 ގްރާމްގެ ތަކެތި ވަނީ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ފުލުސް މީހާ ބަންދުން ދޫކޮށްލީ ކޯޓުންނެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރު ކުރަން ނެރުނު އަމުރު ސައްހަ ނޫން ކަނޑައަޅާ ބަންދުން ވަނީ ދޫކޮށްލަފައެވެ.
އެ މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. އަދި މި ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.