އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒަމީރެވެ.
ޖުމްލަ 450 ދުވަހުން ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއުގެ އަގަކީ 78.6 މިލިއަން ރުފިޔާ އެވެ.
އެ މަޝްރޫއުގެ ދަށުން ބަނދަރު ހެދުމަށް ފަޅު ކޮނުމާއި އާ ނެރެއް ހެދުމާއި މިހާރުގެ ނެރު ކޮނުމާއި ރިވެޓްމަންޓް ޖެހުމާއި ނެރުފައިކަށި ޖެހުމާއި ބޭރު ތޮށި ލުމުގެ އިތުރުން ގްރޮއިން ޖެހުމާއި އެއްގަމު ތޮށިލުމުގެ އިތުރުން ސްކަވަރިންގެ އޭޕްރަންއެއް ވެސް ހަދާނެ އެވެ.
އަދި 11 މީޓަރުގެ ރޭމްޕެއް ހެދުމާއި ނެރުބައްތި އާއި ބަނދަރު ބައްތި ޖެހުމުގެ އިތުރުން 2،660 އަކަމީޓަރުގެ ދިގު ޕޭވްމަންޓެއް ވެސް ބަނދަރުގައި ހަދާނެ އެވެ.