
މި ހުށަހެޅުން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ކުޑޫ ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި ހާހަކަށް ވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާއިރު، އެކްސިޑެންޓުތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު ނޭޅި، އެ މީހުން މުޖުތަމައަށް ދޫވަމުންދާ ކަމުގެ ކަންބޮޑުވުން އޮންނަ ކަމަށެވެ. އަދި އެކްސިޑެންޓުތަކުގައި މަރުވާ މީހުންނާއި ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.
މެމްބަރު ކުޑޫގެ ހުށަހެޅުމުގައި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިސްވެރިންގެ އިތުރުން މާލޭ ސިޓީ ކައުންސިލް ވެސް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފައިވެއެވެ. މި ހުށަހެޅުން ހުށަހެޅުއްވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެ، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެންނެވެ.