ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕަށް ނާރުގެ ބައްޔެއް ޖެހިފައިވާ ކަމަށް ވައިޓްހައުސް އިން ކަށަވަރު ކޮށްދީފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް "ކްރޮނިކް ވީނަސް އިންސަފިޝަންސީ" ނުވަތަ ނާރުތަކުގައި ލޭ ޖަމާވެ ޕްރެޝަރު ބޮޑުވާ މައްސަލަ ކުރިމަވެވަޑައިގެންފައިވާ ކަމަށް ވައިޓްހައުސްއިން ބުނެފި އެވެ.
Advertisement

ބުރާސްފަތި ދުވަހު ވައިޓް ހައުސް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޓްރަމްޕަށް މި ޑިޒީސް އަށް ޑައިގްނޯސް ކުރެވުނީ ޓްރަމްޕްގެ ފައިގައި ދުޅަވެފައިވާކަން ފާހަގަވުމުން ވައިޓް ހައުސް މެޑިކަލް ޔުނިޓުން ޗެކްއަޕް ހެދުމަށް ފަހު ކަމަށެވެ. 

ޓްރަމްޕުގެ ޑޮކްޓަރު ޑރ. ޝޯން ބާބަބެލާ ވިދާޅުވީ ސީވީއައި ޖެހެނީ ބަލިކަށިވެފައިވާ ފައިގެ ލޭނާރު ވަލްވްސް އިން ހިތަށް ލޭ އަނބުރާ ނުގެންގޮސް، ތިރީ ގުނަވަންތަކުގައި ލޭ ޖަމާވުމުންނެވެ. ފުރާނައަށް ނުރައްކާވާ ނަމަވެސް، އަލާމާތްތަކުގެ ތެރޭގައި ދުޅަވުމާއި، ތަދުވުން އަދި ކުރިއަރާފައިވާ ހާލަތްތަކުގައި ހަންގަނޑަށް ބަދަލު އައުން، އުދަނގޫވުން ހިމެނެއެވެ. ނަމަވެސް ޑރ.ބާބަބެލާ ވަނީ ޓްރަމްޕްގެ ޑީޕް ވެއިން ތްރޮމްބޮސިސް، އާޓިރިއަލް ޑިޒީޒް، ނުވަތަ ހާޓް ފެއިލްވުމުގެ އެއްވެސް އަލާމާތެއް ނެތްކަން ކަށަވަރުކޮށްދީ، އަދިވެސް އޭނާގެ ސިއްހަތު ރަނގަޅު ކަމަށް ބުނެފަ އެވެ. 

ޓްރަމްޕްގެ އަތުގައި އަދި ބުރަކަށީގައި ރިއްސުން އެއީ ސީވީއައިއާ ގުޅުން ނެތް ކަމެއް ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ. އެ ރިއްސުންތައް ނިސްބަތްކޮށްފައި ވަނީ ގިނައިން އަތް ދިއްކުރުމާއި ހިތުގެ ސިއްހަތަށް އެސްޕިރިން ބޭނުން ކުރުމަށް ކަމަށް ވެސް ވައިޓް ހައުސް އިން ބުނެ އެވެ. 

އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވައިޓްހައުސްގެ ތަރުޖަމާނު ކެރޮލީން ލީވިޓް ވިދާޅުވީ، މި ބައްޔަކީ ހަލާކުވެފައިވާ ލޭނާރުތަކުން ލޭ ރަނގަޅަށް ނުހިނގާ މައްސަލަ މެދުވެރިވާ އާންމު ހާލަތެއް ކަމަށެވެ. އަދި، އެ ހާލަތު ކުރިމަތިވުމުގެ ފުރުސަތު ބޮޑީ 70 އަހަރުން މަތީގެ މީހުންނަށް ކަމަށް ވެސް ލީވިޓް ވިދާޅުވި އެވެ. ޓްރަމްޕަށް މިހާރު ވަނީ 79 އަހަރު ފުރިވަޑައިގެންފަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ސީވީއައިގެ އަސަރު 70 އަހަރުން މަތީގެ %10-35 މީހުންނަށް ކުރާއިރު، އުމުރާއި، ބަރުދަނާއި، ދިގު މުއްދަތަކަށް ކޮޅަށް ހުރުމާއި، ކުރިން ލޭހޮޅިތަކުގެ ތާރީހުން އިތުރު ނުރައްކާތަކެއް ކުރިމަތިވެ އެވެ. އަރާމު ނުވި ނަމަވެސް، މިއީ މަދުން ނަމަވެސް ސީރިއަސް އެއްޗަކަށް ވާއިރު، ކޮމްޕްރެޝަން ސްޓޮކިންގްސް، ފައި އުފުލުން، އަދި ހަންގަނޑަށް ފަރުވާ ދިނުމުން މެނޭޖް ކުރެވޭނެ އެވެ.

ކުރިން އަމިއްލައަށް އެންމެ ދުޅަހެޔޮ ރައީސް ކަމަށް ސިފަކުރި ޓްރަމްޕް ކޮލެސްޓްރޯލާއި ހަންގަނޑަށް ފަރުވާ ދިނުމަށް ބޭސްތައް ބޭނުން ކުރަމުންދާއިރު، ފަހުގެ އިމްތިހާނުތަކުން ފެންނަނީ ހިތާއި ކިޑްނީގެ މަސައްކަތް އާދައިގެ ގޮތަކަށް ކަމަށް ރިޕޯޓް ތަކުން ދައްކަ އެވެ. 

ޓްރަމްޕަ ވަނީ މި އަހަރުގެ ރިޔާސީ ކެމްޕޭނަށް ފުރަތަމަ ވާދަކުރެއްވި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ސިއްހަތާއި އުމުރާއި ގުޅިގެން ކެމްޕޭނު ތެރޭގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ބައިޑެންގެ އޮފީހުން މިފަހުން ބުނީ ބައިޑެން ކެންސަރަށް ޑައިގްނޯސްވުމާ އެކު ފަރުވާގެ ކަންކަން ކުރިއަށް ގެންދާ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނީ ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކެއް ހުރި ކަމުގެ އަލާމާތްތަކެއް ފެންނާތީ ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކުރިންނާއި ފަހުން ވެސް، ބައިޑެންގެ އުމުރާއި ސިއްހަތު އޭނާގެ ހަނދާން ބަލިކަމާ ގުޅުވައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބައިޑެންގެ މި އާލާސްކަންފުޅުގެ ޚަބަރާ އެކު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް