ads
ވާހަކަ: ކަފާސް
ވާހަކަ: ކަފާސް
އުނައިނަށް ފާހަގަކުރެވުނީ އެހެންކަމެކެވެ. ތިން އަހަރަށްފަހު ރަށަށް އާދެވުނު އިރު މުޅި ރަށް އެ ފުށް މި ފުށަށް ޖެހިފައިވާކަމުގެ އިހުސާސެވެ. ގުޅުންތައް ކެނޑި ރަށުގެ ވަންތަކަން ގެއްލި ފައިވާކަމެވެ. ދަނޑުފަނގުގެ ފެހިކަން ގެއްލި ވީރާނާވެފައިވާ މަންޒަރެވެ. މަސްވެރިކަން އޮޔާލާ މަސްދޯނި ފަހަރު ވިއްކާފައިވާ ތަނެވެ. މީސްތަކުންގެ ގުޅުން ކެނޑި، އެކަކު އަނެއްކަކަށް ރުޅި މޫނުދައްކައިފައިވާ ކަމުގެ ނިޝާންތަކެވެ.
އުނައިނަށް ފާހަގަކުރެވުނީ އެހެންކަމެކެވެ. ތިން އަހަރަށްފަހު ރަށަށް އާދެވުނު އިރު މުޅި ރަށް އެ ފުށް މި ފުށަށް ޖެހިފައިވާކަމުގެ އިހުސާސެވެ. ގުޅުންތައް ކެނޑި ރަށުގެ ވަންތަކަން ގެއްލި ފައިވާކަމެވެ. ދަނޑުފަނގުގެ ފެހިކަން ގެއްލި ވީރާނާވެފައިވާ މަންޒަރެވެ. މަސްވެރިކަން އޮޔާލާ މަސްދޯނި ފަހަރު ވިއްކާފައިވާ ތަނެވެ. މީސްތަކުންގެ ގުޅުން ކެނޑި، އެކަކު އަނެއްކަކަށް ރުޅި މޫނުދައްކައިފައިވާ ކަމުގެ ނިޝާންތަކެވެ.

"ބައްޕާ މި ރަށަށް މިހާ ބޮޑު ބަދަލެއް ކުއްލިއަކަށް މިއައީ ކީއްވެގެންތަ؟ އަހަރެން އުއްމީދު ވެސް ނުކުރަން މިހާ އަވަހަށް މިހާ ނާތަހުޒީބީ ބަދަލެއް އަތުވެދާނެ ކަމަކަށް؟" ގޯތި ތެރޭގައި އެލުވާފައިވާ ހެއްލާ އުނދޯލީގައި އިނދެ ސަރާ އޭނާގެ ބައްޕަ އާދަންފުޅަށް މުޙާތަބުކޮށް ސުވާލު ތަކުރާރުކޮށްލިއެވެ.

ކައިރީގައި ކަތްދަ ވެސް މަޑުމަޑުން އިނެވެ. ބަހެއް ބުނުމުގެ ބަދަލުގައި ދަރިފުޅު ސަރާއަށް ބަލަހައްޓައިގެންނެވެ. ދަރިފުޅާ މެދު ފަހުރުވެރިވާފަދަ އަކުންނެވެ.

"ދަރިފުޅާ އަހަރުމެންގެ މި އޮށް އެއްބައިވަންތަ ރަށް މިހާރު މިއޮތީ ވީރާނާވެ އިންދިރާސްވެފަ. އެކުގައި މަސައްކަތްކޮށް އުޅުނު އެންމެ އެތިބީ އެކިތަންތަނަށް ގޮސް މޫނާ މޫނު ކެނޑިފަ. ރަށް މިވަނީ ބައިބައިވެފަ." މޫނުމަތިން ހިތާމައިގެ ކުލަވަރު ފާއްދާލަމުން އާދަންފުޅު ސަރާއަށް ބަލައިލިއެވެ.

އެ ބަލައިލުމުގައި އެތަކެއް މެސެޖުތަކެއް ފޯރުކޮށްދެމުންނެވެ. ރަށް އިޞްލާޙުކޮށް ގެއްލިފައިވާ އަޚުވަންތަކަން ހޯދައިދިނުމަށް އާދޭސްކުރާފަދަ ބީދައަކުންނެވެ.

"ކޮބައިތަ މައްސަލައަކީ؟" އުނައިނު ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ބައްޕަ ކާސިމުފުޅާއެވެ. ކާސިފުފުޅުގެ ގޭގެ ފެންޑާގައި އެލުވާފައިވާ ބޮޑު އުނދޯލީގައި ދުފަން ތިބެގެންނެވެ.

"މައްސަލައަކީ ބައްޕަ ވަކި ޕާޓީއަކަށް ފިކުރު ހުންނާތީ ފަޅުވެރިން ބޭނުން ނުވީ އޮޑިން މަހަށްދާން. ޕާޓީތައް އުފެދުނުފަހުން ފަޅުވެރިންގެ ފިކުރު މިހުންނަނީ ވަކި ކަމަކަށް ގޮސް ހުސްވެފަ. އާން އެހެންޏަ އޮޑިވެރިޔާ އިސްތިއުފާއަށް ގޮވާ. އޮޑިއަށް ލިބޭ އެއްޗެއްގެ ހިސާބުކިތާބު ބެލެހެއްޓުމަށް ކަމާ ނުބެހޭ މީހުން ގެނެސްލައިގެން ކިހިނެއް މިކަން ކުރާނީ؟ ދަރިފުޅަށް ވެސް އެނގޭނެ ބައްޕަގެ އޮޑިން މަހަށްދާ ކޮންމެ ފަޅުވެރިއަކަށް މިދެނީ ބޮޑު މުސާރައެއް، ބައްޕަގެ އުދުހޭތަރި އެއީ މި ސަރަޙައްދުން ވެސް އެންމެ ގިނައިން މަސްބާނާ އެއް ދޯނި، ދެން ވިސްނާލަބަ ފަޅުވެރިންނަށް މަންފާވާނެ ވަރު، ހަފުތާއެއްގެ މައްޗަށް ކޮންމެ ފަޅުވެރިއަކަށް ވިއްސަކަށް ހާސް ރުފިޔާ ނުޖެހޭ މަހެއް މަދުވާނެ! އަސްލަކީ ފަޅުވެރިންގެ ބޮލަށް ނުފޫޒުފޯރިކަން." ކާސިމުފުޅު ކަންވީ ގޮތްތައް ސާފުކޮށްދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

"ބައްޕަގެ ވާހަކަ އެބަ ސާފުވޭ. މިހާރު ކޮބައި ހުރިހާ ދޯނިފަހަރެއް. ކޮބައި ފަޅުވެރިންތައް." އުނައިން ބޭނުންވީ އިތުރަށް އޮޅުން ފިލުވާށެވެ.

"ދޯނި ފަހަރު ނުދުއްވުނީމަ ވިއްކަން މަޖުބޫރުވީ. މަސްވެރިކަން ނުކުރާ ރަށެއްގަ ކޮން ފަޅުވެރިންނެއް. އެންމެންވީ މާލެ ފައިބައިފަ! ރިސޯޓްތަކަށް ގޮސް! ބައެއް މީހުން ގުރޫޕުތައް ހަދައިގެން މަސައްކަތު. އަނެއްބަޔަކު ވެލިގަލަށްދަނީ. ބާކީ ތިބި މީހުން ރަށުގަ." ކާސިމުފުޅުގެ މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު ރަށުގެ ހާލަތާއި ކަންވީ ގޮތައްތައް އޮޅުން ފިލުވައިދެމުން ދިޔައެވެ.

"ދަނޑުތައް ހެއްދޭވަރެއް ނޫން. އަހަރުމެން ދަނޑުހައްދަނީ ރައްޔިތުންގެ ބިމުގައި އެއްވެސް އުޖޫރައެއް ނުދީއޭ ބުނެ ބޭނުންމީހަކު ބަލަ ބަލައިތިއްބާ ދަނޑުން ސާމާނުކޮޅު ބިނދެލައިގެންދަނީ. ދަނޑުވެރިންނަށް ކުރެވޭނެ ކަމެއް ނޯވޭ. މަންޒަރުފެންނަ މީހަކު ނުހުރޭ. ބައްޕަމެންނަށް ލިބެނީ އެމީހުން އަތުން ސަލާމަތްވެ ބާކީވާ އެތިކޮޅެއް." އާދަންފުޅު ވެސް ދަރިފުޅު ސަރާގެ ސުވާލުތަކަށް ކެނޑި ނޭޅި ޖަވާބުދެމުން ދިޔައެވެ.

"ތިވަރުވާ އިރު ރަށުގެ ވެރިން ކޮބައިތަ؟" ސަރާ ހައިރާންކަމާއެކު ސުވާލު ކޮށްލިއެވެ.

"ވެރިންނެއް ނެތް. އެމީހުންގެ ބަހުންނަމަ ވެރިންނަކީ ރައްޔިތުން! ވެރިކަން ފެށެނީ އެހާ ހިސާބުންނޯ. ރައްޔިތުން ބޭނުންކަމެކޯ ކުރާނީ! ރައްޔިތުން އެދޭ ގޮތެކޯ ހެދޭނީ!" އާދަންފުޅު ލޮލުން ކަރުނަ ހިލެމުން ދިޔައެވެ.

"ކޮބައިތަ ކަތީބުން؟ އަތޮޅުވެރިން؟ ގައިމު ކޮންމެ ރަށެއްގެ ކަތީބަކާއި އަތޮޅުގަ އަތޮޅުވެރިން ތިބޭނެ؟ އެމީހުންގެ ޒިންމާއެއް ނޫންތަ ރައްޔިތުންގެ މުދާތައް ހިމާޔަތްކޮށްދީ ރައްކާކޮށްދިނުން؟" ސަރާ އަށް އާދަންފުޅުގެ ވާހަކަ ޤަބޫލެއް ނުކުރެވެއެވެ.

"ދަރިފުޅަށް ނޭނގެނީތަ ރާއްޖެ ބަދަލުވިކަން! ކަތީބުންނާއި އަތޮޅުވެރިންގެ ޒަމާން ފަހަނައަޅައި ދިޔަކަން! އެވެރިން އެ ތިބަ އިރު އޮތް ސުލްޙަމަސަލަސްކަން ނަގައިލީ ހަމަ އަހަރުމެންގެ ތެރެއިން އުފަންވި ވަސްވާސްތަކަކުން. މިހާރު މިއޮތީ އެބުނާ ޑިމޮކްރަސީއެއް އައިސް މުޅި ޤައުމުގެ އެތެރެ ބަތާނަ ހާމަވާން. މި އިހުގައި އަހަރުމެން އުޅުނު ދިވެހިރާއްޖެއެއް ނޫން. އެ ޒަމާން ފަސްދީ އޮބައިފި! ދެން އެ އަމާންކަމެއް، އެ އުފާވެރިކަމެއް. އެ ފާގަތިކަމެއް މި ކުޑަކުޑަ މުޖުތަމަޢުއަކުން ނުފެންނާނެ!" އާދަންފުޅު ސަރާއަށް ސުވާލުން ފުރިގެންވާ ގޮތެއްގައި ބަލައިލިއެވެ.

"ބައްޕަމެން ތެރޭގައި އޮތް އެއްބައިވަންތަކަން ކެނޑީ ކާކު؟" ސަރާ ސުވާލު ތަކުރާރުކޮށްލިއެވެ.

"މިކަމުގައި ވަކިމީހަކު ކުށްވެރިކުރެވޭކަށް ނެތް! ބައްޕައަށް ބުނެވޭނީ ރަށުގެ އެއްބައިވަންތަކަން ނަގައިލީ ހަމަ އަހަރުމެން އަމިއްލައަށޭ. ދެން މިކަމުގައި ކުރާނީ ވަކި ކޮންކަމެއް!" ކާސިމުފުޅު ކަރުއެލުވައިލައިގެން އިނދެ އުނައިނަށް ކަންކަން ހިނގައިދިޔަ ގޮތް ހުލާސާކޮށްދިނެވެ.

"ކުރެވޭނެ އެތައްކަމެއް އެބަހުރި. އެންމެ ފުރަތަމަ ރަށުގެ ކަމުވޮށިގެންވީ ހުރިހާ އެންމެ ގޮތްދޫކޮށްފަ އެކަކު އަނެއްކެއްގެ ފުށުން މަޢާފަށް އެދެންވީ! ބައެއްގެ ދަޅަތަކަށް ހެއްލެވި އަމިއްލަ އުޞޫލުތައް ދޫކޮށްލާ އަމިއްލަ ވަންތަކަމަށް ކިލަނބު އެރުވުނީތީ އެކަމަށް މަޢާފަށް އެދެންވީ. މިކަމުގައި ވަކި ބައްޕައެއް އެހެންމީހެއް ތަފާތުކުރުމެއް ނެތް." އުނައިނު ވާހަކައިގައި ހަރުދަނާކަމާއި ޖޯޝް އެކުލެވިގެން ދިޔައެވެ.

ކާސިމުފުޅަށް ބަލައިލެވުނީ ދަރިފުޅުގެ މޫނަށެވެ.

"އާން ބައްޕާ! ބައްޕަމެން ފަދަ ރަށުގެ ކަމުވޮށިގެންވީ ހަރުމީހުން އިސްނަގަންވީ. އޭރު ވެސް އިސް ސަފުގައި އުޅުނު އެންމެން ގުޅެންވީ! އެކަކު އަނެއްކަކު އަތާއަތް ގުޅުވައިގެން އަތް ޖޯޑުކޮށްލައިގެން ތެދުވެވިއްޖެ ނަމަ މުޅިރަށް ލުހިގެން އަންނާނެ." އުނައިނު ހުއްޓައިލީ ކާސިމުފުޅުން އޭނާގެ ބުރަކަށީގައި ފިރުމައިލުމުންނެވެ.

"ބައްޕަ ވަރަށް އުފާވެއްޖެ! ވަރަށް ހިތްހަމަ ޖެހިއްޖެ! މިއަދު ބައްޕައަށް ދަރިފުޅު ތިޔަ ލޯ ހުޅުވައިދިނީ! ދަރިފުޅު ދަރިފުޅުގެ ޒިންމާ ތިޔަ އަދާކޮށް ދިނީ!" ކާސިމުފުޅު އޯގާތެރިކަމާއެކު އުނައިނުގެ ބުރަކަށީގައި ފިރުމަމުން ވާހަކަކުރިއަށް ގެންދިޔައީ އުފަލުން ފޮޅިގެންނެވެ.

"މި ދަނީ ރަށު ކައުންސިލްގެ ފަރާތްތަކާ ބައްދަލުކޮށް މި ކަމާ މަޝްވަރާކުރަން! އެންމެ ފުރަތަމަ އަހަރެން ބޭނުމީ ބައްޕަގެ އޭރުގެ އެންމެ ގާތް ރަޙްމަތްތެރިޔާ އާދަންބޭ ކައިރިއަށް ގޮސް މަޢާފަށް އެދި ގެއްލިފައިވާ ގުޅުން އަލުން ހޯދުމަށް. މިއަދު އަހަރުމެން ލެފި ތަނުން އެ ފެނުނު މަންޒަރުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރި." އުނައިނު ކޮށްޅަށް ތެދުވިއެވެ.

އެއާއެކު ކާސިމުފުޅު ވެސް ކޮޅަށް ތެދުވިއެވެ. ދެބަފައިން އެކުގައި ހިނގައިގަތެވެ.

ހިނދުކޮޅެއް ފަހުން ފެނުނީ ސަރާއާއި އޭނާގެ ބައްޕަ އަދި އުނައިނާއި ކާސިމުފުޅާއެކުގައި ގޮސް، ހަތަރު ބަފައިން އެކުގައި ރަށު ކައުންސިލް އިދާރާއަށް ވަން މަންޒަރެވެ. ބައިގަނޑިއެއްހާ އިރު ފަހުން އެވެރިން ބޭރަށް ނުކުތެވެ. ފަހަތުން ކައުންސިލްގެ ރައީސް ވެސް ނުކުތެވެ. އެމީހުންގެ މިސްރާބު ހުރީ އާއްމުން އެއްވެ އުޅޭ ބަނދަރުގައި ހުރި ހިތްފަހި މައިޒާނަކަށެވެ. އެތަނުގައި ދެތިން މީހަކާ ވާހަކަދެއްކުމަށްފަހު އެނބުރި މިސްރާބު ހުރީ ބަނދަރުގެ ދެކުނު ކޮޅުގައި ހުރި ހަރުގެ އަކަށެވެ. އަނެއްކާ ވެސް އެމީހުންގެ ގުރޫޕަށް މީހަކު އިތުރުވިއެވެ.

އެގޮތުގައި އެދުވަހުގެ މެންދުރުފަސް ނިމި އަސުރުން އިރުތިރިވެ ދިޔައެވެ. އޭރު އެރޭ އޮންނަ ރައްޔިތުންގެ ބައްދަލުވުމަކަށް ރަށު ސުކޫލަށް އެއްވުމަށް އަޑުގަދަކުރާ ބޭނުންކޮށްގެން އިޢުލާން ގޮވަމުން ދިޔައެވެ.

ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ރައްޔިތުން ބައްދަލުވުމަށް ރެސްވެ ތިއްބެވެ. ބައްދަލުވުމުގެ ތައާރަފުގައި ވާހަކަދެއްކީ ކައުންސިލްގެ ރައީސެވެ. ރައީސަށް ފަހު ޕޯޑިއަމު ހަވާލުކުރެވުނީ އެ ބައްދަލުވުމަކަށް ޓަކައި އެންމެ ބޭނުންވި އެއް ފަރާތްކަމަށްވާ އުނައިނަށެވެ. އުނައިނު ވަރަށް އަސަރާއެކު ވާހަކަ ދައްކަމުން ދިޔައެވެ.

އެއްވެތިބީންގެ ހިތްތަކަށް އަސަރުކުރުވާނެ ޒާތަށް އަސަރާއެކު އަމުނަމުން ދިޔަ ބަސްތަކުން އެއްވެތިބީން ހިމޭންވަމުން ދިޔައެވެ. ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ކެހިގޮސް މޮޅުވެރިކަން ވަންނަމުން ދިޔައެވެ. އުނައިނުގެ އާދަޔާ ޚިލާފު ބަސްތައް ވިރުވާ އަޅަމުން ދިޔައީ މަޑުމައިތިރި ކަމާ އޯގާތެރިކަމާއެކުގައެވެ. އެންމެ އާދައިގެ މީހަކަށް ވެސް ފަހުމު ވާނެހާ ލަސްލަހުންނެވެ.

"މިއަދު އަޅުގަނޑުމެން އުފާކުރަން ޖެހޭ ކަމަކީ ރައްޔިތުންނަށް ރައްޔިތުންގެ ކޮންމެ ކަމެއްގައި ބަސްބުނުމުގެ މިނިވަންކަމާއި އެއްވެ އުޅުމާއި ހަޅުތާޅުކުރުމުގެ މިންވަންކަން ލިބިގެން ދިޔައީތީ. މިއަދު އަޅުގަނޑުމެން އުފާކުރަން ޖެހޭ އަނެއް ސަބަބަކީ ޢިލްމު ހޯދުމާއި ޢިލްމު ލިބިގަތުމަށް އިހުގައި އުފުލަން ޖެހުނު ދަތިތައް ފިލައިގޮސް އަމިއްލަ ވަޒަނުގައި ތިބެ އަމިއްލަ ބަހުން މަތީ ދަރަޖައިގެ ސަނަދުތައް ހާސިލުކުރެވޭތީ. ބޭނުން ކޮންމެ ހިސާބަކަށް، ބޭނުން ކޮންމެ ދާއިރާއަކުން އުނގެނުމާއި ޢިލްމު ލިބިގަތުމުގެ މިނިވަންކަން އަދުގެ ފެހި ގާނޫނު އަސާސީން ފަހިކޮށްދީފައި ވާތީ! އިއްޔެ ހިތް ނުތަނަވަސް ކަންމަތީ ތިބި އެކަނިވެރީންގެ އެކަނިވެރިކަމަށް، މިއަދުގެ ޤާނޫނީ ބެލެނިވެރިކަން ލިބި އެވެރިންގެ މުހުތާދުތަކަށް ދައުލަތުން އެދަނީ ހޭހަން ކޮށްދެމުން! ކުރާނެ ކަމެއް ނެތި ދެއަތް އުރައިލައިގެން ތިބޭ ތިބުން މިއަދު މިވަނީ ފަހަނައަޅައިދާންވެފަ! އަމިއްލަ ފުދުންތެރިކަމުން އަމިއްލަ ބަނޑުފުރާނަ މުއްތިކުރުމާއި ޤައުމުތަކަށް ސަލާންޖެހުމުގެ އުޞޫލު މިދަނީ ނައްތައިލުމަށް ވާރުގެ އުޞޫލުން ޤައުމު ހިންގަމުން! ވީއިރު، މިފަދަ ތިޔާގި ޒަމާނެއްގައި ހަނދާނަށް ގެންނަންވީ މާޒީގައި އަޅުގަނޑުމެންގެ މުނިމުނިންގެ އުޅުމާއި އެވެރިން އުފުލި ވޭނީ ހާލަތު. މިއަދު ހަނދުމަ ބަހައްޓަންވީ ނިޢުމަތްތަކަކީ އެކަލާނގެ އިންސާނުން އިމްތިހާނު ކުރުމަށް ދެއްވަވާ އެއްޗެއްކަން. އެ ނިއުމަތްތަކުގެ ބޭނުން އިންސާނުން ކުރާ ގޮތަކުން ނޫނީ އިތުރު ނުކުރައްވާނެކަން! އަމިއްލަ ހިތާ ސުވާލުކޮށްލަންވީ އިއްޔެ ރަށުގެ އެންމެން އެކުވެ އެއް ރޫޙެއްގައި ޢިމާރާތްކުރި މި ރަށް މިއަދު އާރާސްތު ނުކުރެވެންވީ ކޮން ސަބަބަކާ ހުރެތޯ. އެ ދުވަހު ދަތި ހާލުގައި އުޅެމުންވެސް މި ރަށް ރަށަކަށް ހަދައިދިނީ ރައްޔިތުން ނޫން ކޮންބައެއްތޯ! ވިސްނަންވީ ކަމަކީ ހަގީގީ ޑިމޮކުރަސީއަކީ ތަޅާފޮޅުމާއި ލޭ އޮހޮރުވުމާއި ފަސާދަކުރުން ނޫންކަން. ހަގީގީ ޑިމޮކުރަސީއަކީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާ ކުރުމަށް ހުޅުވާލެވޭ ދޮރަކަށްވާން ޖެހޭ. ހަގީގަތުގައި ޑިމޮކުރަސީ ވާންޖެހެނީ ކަފާސްވަމުންދާ ގުޅުންތައް އާރާސްތުކޮށް، އާބާދުކުރުމަށް އަޅައިލެވޭ ފާލަމަކަށް. މިއަދު ތިޔަ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ އެންމެ ކަމެއް! ބޭނުންވަނީ އެއްމެ ކަމެއް ކޮށްދިނުމަށް. ރަށުގައި އެއްބައިވަންތަކަން އާލާކޮށް އިހު އޮތް ގުޅުންތައް އާރާސްތުކުރުމަށް އަލުން އަތާއި އަތް ގުޅުވާލުމަށް. ހިތުގައިވާ އެންމެހާ ނުތަނަވަސްކަން ފޮހެލާ އަލުންބަލުން ރަށަށް ޓަކައި ޤައުމަށް ޓަކައި އަޅުގަނޑުމެންގެ މުނި ދަރިންގެ ޙައްޤުގައިކޮޅަށް ތެދުވުމަށް." ޖޯޝާ ފޯރީގައި އުނައިނު ވާހަކަ ކުރިއަށް ގެންދިޔައެވެ.
ކުއްލިއަކަށް އުނައިން ފެންކަޅިވިއެވެ.

ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަމާއި ކުރަމުން ދިޔަ އަސަރު މީހާ ހުއްޓެވުނީ ބޭއިހުތިޔާރުގައެވެ. މަޑުމަޑުން އެއްވެތިބީންނަށް ނަޒަރު ހުއްޓައިލިއެވެ. އެއާއެކު ފުންނޭވާއެއް ދޫކޮށްލިއެވެ. އާ ޢަޒުމަކާއެކު އަނެއްކާ ވެސް ފެށީއެވެ.

"މިއަދު މި ފެންނަނީ އިގްތިސާދުގެ މައި ހަބެއްގެ ގޮތުގައި މަސްވެރިކަމާއި ދަނޑުފަގުން ތިޔާގިކަން ލިބިގަތް މިރަށް ވީރާނާވަމުންދާ މަންޒަރު. ޒުވާނުން މަގުމަތީ އަރިއަށް ހިނގާ މަންޒަރު. ﷲގެ އިރާދަފުޅުން ވަޅި ހެރުމާއި މާރާމާރީ ފަދަ ކަންކަން މިރަށުގައި އެހާ އާއްމު ނުވިޔަސް ޒުވާނުން މަގުމައްޗަށް ދޫކޮށްލެވިއްޖެ ނަމަ އެކަން ކަން ފެށި މިތަނެކޭ އެހެން ރަށްރަށެކޭ ތަފާތެއް ނެތި ހިނގައިދާނެ. އަޅުގަނޑުމެން ވާންވީ އިގްތިސާދީގޮތުން ހަރުދަނާ ފުދުންތެރި ބަޔަކަށް. އިއްޔެ ކުރި މަސްވެރިކަން އަލުން ދިރުވަންވީ. މަހުން އުފައްދާ ބާވަތްތައް އުފެއްދޭނެ ގޮތްތައް ހޯދައި އެތަންތަނަށް ރަށުގެ ޒުވާނުން މަސައްކަތު ފޮނުވަންވީ. އިންވެގެން މިއޮތް ދިގުފަރާއި ފަޅުން ތިޔާގިކަން ހޯދޭނެ މަގުތައް ވިސްނާ އެކަންކަން ކުރަން ތެދުވަންވީ. ބިމުން ލިބިފައިވާ ތަނަވަސްކަން ހެޔޮގޮތުގައި ކުރުމަށް އާ ޢަޒުމަކާއެކު ތެދުވަންވީ. އޭރުން ކޮންމެ ހާލެއްގައި ޤައުމު އޮތަސް އަހަރުމެން މި ރަށުގެ ރައްޔިތުންނީ ފުދުންތެރި ހަރުދަނާ ބަޔަކަށްވާނެ! ޤައުމު ބަނޑަށް ޖެހުނަސް އަހަރުމެން ތިބޭނީ ފުދުންތެރިކަންމަތީގައި! މިއީ ކައުންސިލްތަކެއް އުފައްދާ ބާރުވެރިކަން އެވެރިންނަށް ދޫކޮށްލުމުގެ ހަގީގީ ބޭނުމަކީ. ދުނިޔޭގެ އެހެން ޤައުމުތައް ވެސް ކުރިއަރާފައިވަނީ މިފަދައިން ރައްޔިތުން ފުދުންތެރިބަޔަކަށްވެގެން. ﷲގެ ރަޙްމަތުން ތިޔަ ބޭފުޅުން އައްޔަންކޮށްފައިވާ ކައުންސިލަކީ ހެޔޮވިސްނޭ އިލްމީ ކައުންސިލެއް. އެބޭފުޅުންނާ ގުޅިގެން އެންމެ ތެދުވެ އަތާއަތް ގުޅަންވީ! މީ މިއަދު މި ލިބުނު ޑިމޮކްރަސީން އަހަރުމެން ލިބިގަންނަވީ ފިލާވަޅަކީ. މީ މިއަދު އަހަރުމެން ކަންކުރަންވީ އުޞޫލަކީ. ފަހަރެއްގައިވެސް ނެތިމޮށުމާ ފުރައްސާރަކުރުމާއި ދެ ބައޮޑުވުމެއްނޫން. ނިކަން އަހަރުމެން އެންމެވެގެން ތެދުވެ މިރަށުން ޑިމޮކްރަސީގެ ރިވެތި ނަމޫނާ ދައްކަން އަތްގުޅަމާ ހިނގާބަލަ! އޭރުން މުޅި ރާއްޖޭއަށް މިއީ ލާމަސީލު ރަށެއްގެ ގޮތުގައި ފާހަގަވެގެން ދާނެ!" އުނައިން ޖޯޝާއެކު ވާހަކަ ކުރިއަށް ގެންދިޔައީ ޢަޒުމުން ފުރިގެންވާ ރާގެއްގައެވެ.

އެހިނދު، ސަރާ އާދަންފުޅުގެ އަތުގައި ހިފައި ބާރުކޮށްލިއެވެ. އާދަންފުޅު ޖެހިގެން އިން ކާސިމުފުޅުގެ އަތުގައި ހިފައި ބާރުކޮށްލަމުން އާދަންފުޅުގެ މޫނަށް ބަލައިލިއެވެ. އެއާއެކު އެ ތިން މީހުން އެކުގައި ކޮޅަށް ތެދުވެލިއެވެ. ފަހަތުން ކައުންސިލްގެ ރައީސް ނިޒާމު ތެދުވަމުން ތަރުޙީބުދެމުން ދިޔައެވެ. އެއްވެތިބީން އެކުގައި ތެދުވެ އަތްތިލަބަޑިޖަހަމުން އުނައިނުގެ ވާހަކައަށް ތާއިދުކުރާކަން ހާމަކުރަމުން ދިޔައެވެ. މުޅި މާހައުލު އެއް އަޑަކުން ގުގުމަމުން ދިޔައެވެ.

ވީރާނާވަމުން ނެތެމުން ދިޔަ ގުޅުންތައް އަލުން އާރާސްތުވުމަށް މަގުކޮށަމުންނެވެ. ކަފާސްވަމުން ދިޔަ އެތަކެއް ގުޅުމަކަށް ތިޔާގިކަން ގެނުވަމުންނެވެ. އެންމެން އެކަކު އަނެއްކަކާ ސަލާންގަލާން ކުރަމުން ދިޔައީ ހިނިތުންވެ ތިބެ އުފާވެރި މޫނެއް ދައްކަމުންނެވެ. ބައްދަލުވުން ނިންމާލުމަށްފަހު އެންމެ އެކުގައި ބޭރަށް ނުކުތެވެ. އެކި ދިމަދިމާއަށް ކޯޅިކޯޅިއަށް މީހުން ގޮސް ހުސްވަމުން ދިޔައެވެ. ސަރާ ވެސް ބައްޕައާއެކު ދިޔައީ އުފަލާއެކު ހިތްހަމަ ޖެހިގެން ހުރެއެވެ. އުނައިން ކާސިމުފުޅާއެކު ގެއަށްދިޔުމަށް ހިނގައިގަތީ ސަރާގެ އަލްވަދާޢަށްފަހު ގައެވެ. ގެއަށް ދަމުން ކާސިމުފުޅަށް އުނައިނު ބުނެލިއެވެ.

"ބައްޕާ އަހަރެން މި އަދު ބައްޕައާ މެދު ފަހުރުވެރިވަން! ބައްޕަ މިއަދު އަހަންނަށް ޓަކައި ތިޔަ ކޮށްދިން ހުރިހާ ކަމެއް ހެޔޮހިތުން ޤަބޫލުކުރަން. މިއަދު ރަށުގެ ދޯހަޅިވަމުންދިޔަ ފޭރާން ބައްޕަގެ ސަބަބުން އަލުން އެކުވެ އާރޯކަން ލިބިއްޖެ. އިރާދަކުރެއްވިއްޔާ ބައްޕަ ކޮށްދެއްވި އިންވެސްޓްމަން އަހަންނާއި ސަރާގެ ފަރާތުން މި ރަށަށް އަގުހުރި ރައުސްމާލެއްގެ ގޮތުގައި ދައްކައިދޭނަން! އަހަރެން ބޭނުމީ ބައްޕަގެ ރުހުން. މި ގުޅުމަށް ބައްޕަގެ އާނ ބަސް! އޭގެފަހުން އެކުގައި މިގޮތުގައި ސާބިތުކަމާއެކު މަސައްކަތްކޮށް މި ރާއްޖެއަށް މިއީ ލާމަސީލު ރަށެއްކަމުގައި ހަދައިދޭނަން." އުނައިންގެ ވާހަކަ ހުއްޓާލީ ކާސިމުފުޅު އޭނާގެ ބުރަކަށީގައި ފިރުމާލުމުންނެވެ.

"ބައްޕަ ތިޔަ ދެކުދިންނަށް ހެޔޮހިތުން ރުހި ޤަބޫލު! މިއަދު ބައްޕަ ދަރިފުޅަށް ޓަކައި ފަހުރުވެރިވަން! މިރޭ ތިޔަ ދެއްކި ނަމޫނާގެ މަތީ އަބަދުމެ ދެމިހުންނާތި. އޭރުން މިރަށް ބައްޕައަށް ޓަކައި ދަރިފުޅަށް ޓަކައި ފަޚްރުވެރިވާނެ." ކާސިމުފުޅު އުނައިންގެ ބުރަކަށީ ފިރުމަމުން ކުރިއަށް ދިޔައީ ހިތްހަމަ ޖެހިގެން ހުރެގެންނެވެ. ނެތެމުން ކަފާސްވަމުން ދިޔަ ގުޅުންތަކަށް ތާޒާކަން އޭނާގެ ފުށުން ލިބިގެން ދިޔަކަން ހިތާއި ސިކުނޑިން ޤަބޫލުކޮށްގެންނެވެ. މުޅި ރާއްޖެއަށް ލާމަސީލު ނަމޫނާއަކަށް އެރަށް ހެދުމުގެ ފޮނި އުއްމީދާއެކުގައެވެ. އުފާވެރިކަމުގެ ކަރުނަ ދެލޮލުން ނީރާލަމުންނެވެ.

(ނިމުނީ)
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް