ads
މާފަރުގެ ތަރައްގީއަށް ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާ ކުރުން
މާފަރުގެ ތަރައްގީއަށް ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާ ކުރައްވައިފި
މިލަދުންމަޑުލު ދެކުނުބުރީ މާފަރުގެ ތަރައްގީއަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
Advertisement

ރައީސް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފަރަށް ވަޑައިގެން މާފަރު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލައްވައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. މި މަޝްވަރާގެ ތެރެއިން ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން ކައުންސިލްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ރަށުގެ ސިއްހީ އަދި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ބައެއް ކަންކަމުގެ މައުލޫމާތު ރައީސްއާއި ހިއްސާކުރައްވާފައި ވެއެވެ. މީގެ އިތުރުން މާފަރުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރާއި ގުޅިފައިވާ އެކިއެކި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވި އެވެ. އެގޮތުން މާފަރު އެއާޕޯޓުގެ ޓާމިނަލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެކިއެކި ކަންކަން މެންބަރުން ވަނީ ރައީސް އާއި ހިއްސާ ކުރައްވާފަ އެވެ.

ރައީސް ވަނީ މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި މާފަރުގައި ހިންގާ ތަރައްގީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މާފަރު އެއާޕޯޓުގެ ރަންވޭއަށް އެކަށީގެންވާ ޓާމިނަލެއް ބޭނުންވާ ކަމަށެވެ. 

ރައީސް މިއަދު ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާ އިތުރު ކަންތައް މާފަރު އެއާޕޯޓުގައި ގާއިމް ކުރަން ޖެހޭ ކަމަށެވެ.

"އެންމެ މުހިއްމު ކަމަކީ ޓާމިނަލްގެ މަސައްކަތް. އެކަށީގެންވާ ފެންވަރެއްގެ ޓާމިނަލެއްގެ މަސައްކަތް ކުރިއަށް ގެންދިޔުން. އަދިވެސް އިތުރު ކަންކަން އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ނ. އަތޮޅަކީ މަތީ ފަންތީގެ ގިނަ ރިސޯޓުތައް ހިންގާ، ޓޫރިޒަމްގެ ގިނަ އެނދުތައް ހުރި އަތޮޅެއް ކަމަށާއި އިތުރު ރިސޯޓުތައް އެ އަތޮޅުގައި ތަރައްގީ ކުރަމުން އަންނައިރު މާފަރު އެއާޕޯޓަކީ ފުރުސަތު އޮތް އެއާޕޯޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މާފަރުގެ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ހިންގާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ހެލްތު ދާއިރާ ކުރިއެރުވުމަށް ސޮއިކުރި އެއްބަސްވުންވެސް ރައްޔިތުން ބޭނުންވާ ގޮތަށް މިހާރު ބަދަލުކޮށްފަިއވާނެ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެ މަޝްރޫއު އަލުން ސޮއިކުރާނެކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑު ދަންނަވާފައިވާނެ މި ހަފްތާ ނިމުމުގެ ކުރިން އެ މަޝްރޫއު ރައްޔިތުން ބޭނުންވާ ސްކޯޕުގައި، އެ ބޭނުންވާ ގޮތަށް ބަދަލުކޮށް މަދުވެގެން އަދި އިތުރު 15 އެނދު ހިމެނޭ ގޮތަށް ބަދަލުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް އެގްރިމެންޓުގައި އަލުން ސޮއިކޮށް މަސައްކަތް އަލުން ފަށަން،" ރައީސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން މާފަރު ސިއްހީ މަރުކަޒުގައި، ހަތަރު އެނދުގެ ވޯޑެއް އިތުރު ކުރުމާއި، ޕްރައިވެޓް ރޫމަކާއި ނާސް ސްޓޭޝަން، މީޓިން ހޯލަކާއި، ޕަބްލިކް ހެލްތު ޔުނިޓް ހިމެނެއެވެ. އަދި މީގެ އިތުރުން، ޕޯޓިކޯ ގާއިމްކުރެވޭނެ އެވެ.

ރައީސް މިއަދު ނ. އަތޮޅަށް ފުރައިވަޑައިގަތީ އެއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށެވެ. މިއީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް