
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ، ބީއެމްއެލްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.
ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ފަހު، އެ ތަން ހިނގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއް ގޮތުގައި، ޑިޖިޓަލް ބޭންކިން ނިޒާމުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން އިންޓްރެސްޓު ރޭޓުތައް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދިނެވެ. އަދި މި ނިންމުމާ އެއް ގޮތަށް ކަންކަން ހަމަޖެހިގެން ދިޔުމުން ބީއެމްއެލްގެ ވިއުގަ މެދުވެރުކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ފައިނޭންސިން ހިދުމަތް ތައާރަފުވެގެން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ މި ނިންމެވުމުގެ ސަބަބުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރެވި، ދިވެހި އިގްތިސާދަށް ފުދުންތެރިކަން އިތުރުކުރެވޭނެކަމަށާއި އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު، ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ފުޅާ ވިއުގަ އާއި ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމާއި ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް އަދި ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްޑީއެފްސީން ހިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ، އަދި އިގުތިސާދުގެ ކުރިއެރުމާއި އީޖާދީ ކަންކަމުގައި ވެސް މުހިންމު ދާއިރާއެއް ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި މި ސަބްސިޑައިރީ މެދުވެރިކޮށް 500 މިލިޔަން ރުފިޔާގެ ފައިނޭންސިންގ ދޫކުރުމެވެ. އަދި މުޖުތަމައުގެ ތަރައްގީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށްޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް 3 އަހަރުގެ ތެރޭގައި 300 މިލިޔަން ރުފިޔާ އިންވެސްޓްކުރާނެ އެވެ.
އެސްޑީއެފްސީގެ ހިންގުމާއި ގަވަރނަންސްއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތާނގައި ހާމަކުރާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.
އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެ ހާއްސަ މާލީ ވުޒާރާއެެއް އުފެއްދުމުގެ މަގުސަދުގައި ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން 2019 ގައި އުފެއްދި ބޭންކެކެވެ. އެ ބޭންކުން ވަނީ މިވީ ހަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަކަށް ލޯނު ދޫކޮށްފަ އެވެ.