
މިކަން ހާމަކުރެއްވީ ރައީސް، ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރޭއެވެ.
ރައީސް ވިދާޅުވިގޮތުގައި، މަނަދޫގައި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެރަށަށް ބޭނުންވާ މިންވަރަށް އެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ސިއްހީ ދާއިރާއަކީ ފަރުދީ މަސްލަހަތު ހިމެނޭ ދާއިރާއަކަށްވާތީ، ވަށާޖެހޭ ގޮތެއްގައި ސިއްހީ ހިދުމަތް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެކެވެ.
މީގެއިތުރުން މަނަދޫގައި ބިނާކުރަން ނިންމާފައިވާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ލަސްވެފައިވާ މައްސަލަ ހައްލުކުރެވި، އެކަން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަކި މަޝްރޫއެއްގެ ގޮތުގައި، މިއަހަރުގެ ތެރޭގައި ވޮލީ ކޯޓެއް އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ރައީސް ބުންޏެވެ. މަނަދޫއަކީ ތައުލީމީ ރަށެއްކަން ފާހަގަކުރައްވައި، ރިޔާސީ ވައުދާ އެއްގޮތަށް، އިސްލާމިކް ޔުނިވަސިޓީގެ ކެމްޕަހެއް މަނަދޫގައި ގާއިމުކުރުމުގެ އިދާރީ މަސައްކަތްތައް ފައްޓާފައިވާކަންވެސް ރައީސް ރޭ ވަނީ ހާމަކުރައްވާފައެވެ.