
މިކަން ރައީސް ހާމަކުރެއްވީ މިލަދުންމަޑުލު ދެކުނުބުރީ ލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ބޭނުންވެފައިވާ ކަމެއްކަމަށްވާތީ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ސީދާ އެކަމަށް ހާއްސަ ކުރައްވައިގެން މަޝްރޫއެއް ކުރިއަށް ގެންދަވާނެއެވެ. އަދި ލަންދޫގެ ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ބޭނުންވާ ތަރައްގީގެ އެހެން ކަންކަންވެސް ދާދި އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ލަންދޫގެ ތަރައްގީއަށް ބޭނުންވާ އެހެނިހެން ކަންކަމަށްވެސް ރައީސް އަލިއަޅުވާލައްވައި، ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި މޫދަށް އެރި އުޅުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް 7 ވަނަ ބެޗުގައި ހިމަނުއްވައި، މިއަހަރުގެ ސެޕްޓެމްބަރު މަހާ ހިސާބުގައި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ފައްޓަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ބޭނުންވާ މުވައްޒަފުން ހަމަކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ.