ads
ރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ސަރީރު -- ފޮޓޯ/ ފޮރިން މިނިސްޓްރީ
މަސްޖިދުއް އިބްރާހީމީ ހިންގުމަށް އިސްރާއީލުން ދަތިކުރާތީ ރާއްޖެއިން އެކަން ކުށްވެރިކޮށްފި
އިސްރާއީލުން އިބްރާހީމްގެފާނު މިސްކިތް ނުވަތަ މަސްޖިދުއް އިބްރާހީމީ ހިންގުމާއި ބެލެހެއްޓުން ފަލަސްޠީނުގެ މިނިސްޓްރީ އޮފް އެންޑޮވަރމަންޓް އެންޑް ރިލިޖަސް އެފެއާޒް ގެ އަތުން ނިގުޅައިގަނެ އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
Advertisement

އިސްރާއީލުން ވަނީ، މިސްކިތް ބެލެހެއްޓުން ފަލަސްތީނުގެ ރިލިޖަސް އެފެއާޒް މިނިސްޓްރީގެ އަތުން ނިގުޅައިގަނެ އިސްރާއީލުގެ ރިލިޖަސް ކައުންސިލާ ހަވާލުކޮށްފަ އެވެ.

ދިވެހި ސަރުކާރުން އެ މައްސަލަ ކުށްވެރިކޮށް ތަގުރީރެއް އިއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދާއިމީ މަންދޫބުންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން އޯއައިސީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ރާއްޖެއިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރް ވިދާޅުވީ، މަސްޖިދުއް އިބްރާހީމީ ގެ ހިންގުމާއި ބެލެހެއްޓުން ފަލަސްތީނުގެ މިނިސްޓްރީ އޮފް އެންޑޮވަރމަންޓް އެންޑް ރިލިޖަސް އެފެއާޒް ގެ އަތުން އަތުލައި، އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި އެ މިސްކިތުގެގެ އިތުރުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގާއިމްކޮށްފައިވާ އެހެނިހެން މުގައްދަސް ތަންތަނުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ގެނައުމަށް ކުރެވޭ މަސައްކަތަކީ ބައިނަލްއަގްވާމީ ގާނޫނޫތަކާ މުޅިން ހިލާފުކަމެއް ކަމަށާއި މިކަމަކީ ފަލަސްތީނުގައި ހުރި މުގައްދަސުތަންތަނު ގެ އިސްލާމީ ތާރީހު އޮޅުވާލުމަށް އިސްރާއީލުން ގަސްތުގައި ހިންގަމުންދާ އަމަލެއް ކަމަށް ސަރީރް ވިދާޅުވި އެވެ.

"މީގެ ސަބަބުން ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި އިތުރު ގޮންޖެހުންތަކެއް ކުރުވާ ނިންމުމެއް" ސަރީރް ވިދާޅުވި އެވެ.

މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބައިނަލްއަގުވާމީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމަށާއި، މިނިވަން އަދި ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިހުންނާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އޯއައިސީއަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. ރާއްޖެއަކީ 1976 މި ޖަމުއިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް