
ރައީސް މުއިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ ފަރާތުން އެއްބާރުލުން ނުލިބޭއިރު ކަންކަމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ދާއިރާއަށް އިންތިހާބުކޮށްފައި ހުންނަ މެންބަރު ސިޔާސީ ހިޔާލު ތަފާތުވި ނަމަވެސް، ވާން ޖެހޭނީ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ޖެހޭ ބޭފުޅަކަށް ކަމަށެވެ.
ރައީސްގެ ވާހަކަފުޅާ ގުޅިގެން އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ކުރައްވާ ކޮންމެ ކަމެއް އަދި ވިދާޅުވާ ކޮންމެ ބަހެއް ވިދާޅުވަނީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް އެއްވެސް ބަހެއް ބުނެފައިނުވާނެ ކަމަށާއި އެފަދަ އަމަލެއްގައި ވެސް ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށެވެ.
އައްބާސް ވަނީ ސިޔާސީ ދާއިރާގައި 18 އަހަރު ހޭދަކުރިއިރު ނާޅާ ވޭން މިއަދު އަޅާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސްގެ ނ. އަތޮޅު ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި ރައްޔިތުންގެ ތަރައްގީ އަށް ސަރުކާރަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އައްބާސް އަންނަނީ މަޖިލީހުގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ދެކޮޅު ހައްދަވާ ވާހަކަފުޅު ދައްކަވަމުން ނެވެ.
އެގޮތުން ނިމުނު މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ނ. އަތޮޅަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދުމުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިހްމާލުވެފައިވާ ކަމަށް ވެސް އައްބާސް އަންނަނީ ވިދާޅުވަމުން ނެވެ.